ދިވެހި ރާއްޖެ އަލުން ހުޅުވާލުން

އާ މާކެޓްތަކަށް ރާއްޖެ ތައާރަފު ކުރާނީ ކިހިނެއް؟

May 28, 2020
5

އެޑިޓަރުގެ ނޯޓް: މިއީ އެމްއެމްޕީއާރުސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ލިޔުއްވާފައިވާ މަޒުމޫނެކެވެ. އޭނާ މި މަޒުމޫނު ލިޔުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ މި ދަނޑިވަޅުގައި ޓޫރިޒަމް މާކެޓް ކުރުމުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކެއް އޭނާގެ ތަޖުރިބާއިން ހިއްސާ ކުރެއްވުމަށެވެ.

_______________________________________________

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު މިއޮތް ހިސާބުންނާއި މިހާރު ދިމާވެފައި މިވާ ހާލަތުން އާ މާކެޓްތަކަކަށް ރާއްޖެ ތައާރަފު ކުރުން ކޮންމެހެން ބޭނުންތެރި ވެފައި ވެއެވެ. ގައުމުގައި އުފެދިފައިވާ ޕްރޮޑަކްތައް ދުވަހުން ދުވަހަށް އިތުރުވަމުން ވެސް ދާތީ އެވެ. ތަފާތު ފެންވަރުގެ އެތައް ވަސީލަތް ތަކާއެކު ތަފާތު އެތައް ރަށެއްގައި ހެދިފައިވާ އެތައް ތަނަކުންނެވެ. އަދި މިއާއެކު، ދުނިޔޭގެ ބާޒާރުގައި ރާއްޖެ ފަދަ ޕްރޮޑަކްޓް ވިއްކާ ގައުމުތައް ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.

އުސޫލެއްގެ ގޮތުން ޓާގެޓް މާކެޓްތަކަށް އާއްމުކޮށް ބޭނުންވާ ވަރަށް ވުރެ ގައުމުގައި އުފެދޭ އެނދުގެ އަދަދު އިތުރު ވާނަމަ، އިތުރު މާކެޓްތަކެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ރާއްޖެއަށް އިތުރު މާކެޓްތަކެއް ތައާރަފު ކުރުމުގެ ކުރިން ބަލައިލަން ޖެހޭ މައިގަނޑު ހަތަރު ކަމެއް ވެއެވެ.

ފުރަތަމަ ކަމަކީ އެ ގައުމެއްގެ އިގްތިސޯދީ ކެރި ފޯރުންތެރިކަން ހުރިމިންވަރެކެވެ. ދެވަނަ ކަމަކަށް އެ ގައުމެއްގެ އާބާދީގެ މިންވަރެވެ. ތިންވަނަ ކަމަކަށް ދަތުރުފަތުރު ކުރުމުގެ ފަސޭހަ ކަމެވެ. އެއާލިފްޓް ނުވަތަ އެއާ ކަނެކްޓިވިޓީގެ ފަސޭހަ ކަމެވެ. އަދި ހަތަރު ވަނަ ކަމަކަށް އާދަކާދަތަކެވެ.

މި ހިސާބުން، އިގްތިސޯދީ ވަރަށް ގިނަ ކަންކަމުގައި މުޅި ދުނިޔޭގައި ބޭނުން ކުރަމުން އަންނަ ތިއަރީއަކަށް ނަޒަރު ހިންގާލަން ޖެހެ އެވެ. އެ ތިއަރީއަކީ، އަށާރަވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގައި މަޝްހޫރު ވެފައިވާ އިޓަލީގެ އިގްތިސޯދީ މާހިރެއް ކަމުގައިވާ، "ޕަރެޓޯގެ 20/80 ރޫލް" އެވެ.

މި ރޫލް، އިގްތިސޯދީ އެކި ކަންކަމުގައި އެކި ގޮތްގޮތަށް މާނަ ކުރެ އެވެ. އެކަމަކު މައުލޫގެ ގޮތުން މާނަ ކުރާނީ "ކޮންމެ އިގްތިސޯދެއްގެ ވެސް 80 ޕަސެންޓް ކޮންޓްރޯލް ކުރަނީ 20 ޕަސެންޓް މީހުންނެވެ." މާނައަކީ ކޮންމެ ގައުމެއްގެ ވެސް މުއްސަދިންގެ ނިސްބަތަކީ 20 ޕަސެންޓެއްހާ މިންވަރެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ އެއާލައިން ތަކުގައި ވެސް ބިޒްނަސް ކްލާސް ގޮނޑިތަކުން ފެށިގެން މަތީފެންވަރުގެ ގޮނޑީގެ އަދަދު 20 ޕަސެންޓަށްވުރެ މަދު ކުރަނީ މި ސަބަބާހުރެ ކަމަށްވުން އެކަށީގެން ވެއެވެ.

ފާހަގަ ކުރެވިފައިވާ އުސޫލްތަކާއި ހަމަތަކުގެ މައްޗަށް ބަލާއިރު އެންމެ ފުރަތަމަވެސް ފާހަގަ ކޮށްލެވޭނީ އެމެރިކާ އެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމެވެ. އެމެރިކާއަކީ ރައްޖެއަށް މުޅިން އާ މާކެޓެއް ނޫނެވެ. އުފެދެމުން އަންނަ މާކެޓެކެވެ. އެކަމަކު ޑެސްޓިނޭޝަން މާކެޓް ކުރާ އޭޖެންސީތަކުން އެހާ ސީރިއަސްކޮށް މާކެޓިން ހަރަކާތް ހިންގަމުންދާ މާކެޓެއް ނޫނެވެ.

މިސާލަކަށް މެދުއިރުމަތީގެ ގައުމުތަކުގައި ޑެސްޓިނޭޝަން މާކެޓިންގެ ތަފާތު ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރަކު ހިންގާއިރު، މަދު ރިސޯޓްތަކަކުން ހިންގާ މާކެޓިން ހަރަކާތެއް ނޫނީ އެމެރިކާގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ނުހިންގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެކަމަކު ރާއްޖެއަށް، އެމެރިކާ ސަރަހައްދުން އަންނަ ފަތުރުވެރިންގެ މިންވަރު، ނުވަތަ މާކެޓް ޝެއާ އަކީ ޓޫރިޒަމް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފަސް ޕަސެންޓެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ މާކެޓްޝެއާ އުޅެނީ ހަތަރު ޕަސެންޓްގަ އެވެ. އެހެންކަމުން ޑެސްޓިނޭޝަން މާކެޓިންނަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓު، ރަނގަޅުގޮތުގައި ބޭނުންކުން މުހިންމު ކަމުގައި ދެކެމެވެ.

އެމެރިކާއަކީ ބޮޑު އާބާދީ އޮންނަ ގައުމަށް ވުމާއެކު ދުނިޔޭގެ އެންމެ މުއްސަނދި ގައުމުވެސްމެ އެވެ. އަދި ދިގު ދަތުރަކަށް ފަހު ރާއްޖެ އައިސް ރާއްޖޭގައި ދިގު ޗުއްޓީއެއްގައި ތިބުމުގެ ފުރުސަތު ވެސް ބޮޑުވުމުންނެވެ. އެތާނގެ މާހައުލާ މިތާނގެ މާހައުލުގެ ތަފާތުކަން ބޮޑު ކަމުންނެވެ. އެހެންކަމުން އެމެރިކާ އާއި ކެނެޑާގައި އެކުއެކީގައި ރާއްޖެ މާކެޓް ކުރުމުގެ ހަރަކާތްތަށް ހިންގުން މުހިންމެވެ. ހާއްސަކޮށް ލަގްޒަރީ ސެގްމެންޓަށް އަމާޒު ކޮށްގެންނެވެ.

އެމެރިކާގެ އާބާދީގައި 331 މިލިޔަން މީހުންނަށްވުރެ ގިނަމީހުން އުޅެ އެވެ. ކެނެޑާގައި 37 މިލިޔަން މީހުންނަށްވުރެ ގިނަ މީހުން ދިރިއުޅެވެ. އެހެންކަމުން، އެމެރިކާގެ އާބާދީގެ ފަސް ޕަސެންޓް މީހުންނަކީ ރާއްޖޭގައި ލަގްޒަރީ ޗުއްޓީއެއް ހޭދަކުރެވިދާނެ ފަދަ ބައެއް ކަމަށް ބެލިކަމުގައި ވިޔަސް އެއީ 16.5 މިލިޔަނަށްވުރެ ގިނަ މީހުންނެވެ. ކެނެޑާގައި އެއީ 1.8 މިލިޔަނަށްވުރެ ގިނަ މީހުންނެވެ. ދެ ގައުމު އެކީގައި އެއީ 18.3 މިލިޔަނަށްވުރެ ގިނަ މީހުންނެވެ.

އާ މާކެޓެއްގެ ގޮތުގައި ދެވަނައަށް އޮތީ އިންޑޮނީޝިޔާ އަށެވެ. ދުނިޔޭގައި ހަތަރުވަނައަށް އެންމެ މީހުން ގިނަ ގައުމެވެ. ދުނިޔޭގެ 16 ވަނަ އިގްތިސޯދެވެ. އަދި އޭޝިއާ ޕެސިފިކްގެ ހަވަނަ އިގްތިސޯދެވެ. ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމުވެސް މެއެވެ. ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރުމުގެ ކަންކަން ހަމަޖެހިފައިވާ ގައުމެއްވެސް މެއެވެ. އެއާ އޭޝިއާގެ ފްލައިޓްތަކުގައި މެލޭސިއާ ނުވަތަ ތައިލެންޑްގައި ކުރު ޓްރާންސިޓަކަށްފަހު ރާއްޖެއައުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އާބާދީގައި 273 މިލިޔަނައް ވުރެ ގިނަމީހުން އުޅެ އެވެ. މިއާބާދީގެ ތިން ޕަސެންޓް މީހުންނަކީ ރާއްޖޭގައި ޗުއްޓީއެއް ހޭދަ ކުރެވިދާނެ ވަރުގެ ތަނަވަސްކަން ހުރެދާނެ ބަޔަކު ކަމުގައި ބެލި ނަމަވެސް އެއީ އަށް މިލިޔަން މީހުންނަށްވުރެ ގިނަ ޢަދަދެކެވެ.

އާ މާކެޓެއްގެ ގޮތުގައި ތިންވަނައަށް ބަލާލާނީ ޕާކިސްތާނަށެވެ. ދުނިޔޭގެ ފަސްވަނަ އާބާދީ އެވެ. އާބާދީގައި 220 މިލިޔަނައްވުރެ ގިނަ މީހުން އުޅެއެވެ. ދުނިޔޭގެ 42 ވަނަ އިގްތިސޯދެވެ. މުސްލިމް ގައުމެކެވެ. އެއްގޮތް އާދަކާދައެއް ލިބިފައިވާ ބައެކެވެ. މިހާރު ވައިގެ މަގުން ސީދާ ދަތުރު ނުކުރިޔަސް މީގެ އަހަރުތަކެއް ކުރިން ޕާކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރު ކުރި އެވެ. އެކަމަކު ސަރަހައްދީ އެއާލައިންތަކުން ފަސޭހަ ކަނެކްޝަން ތަކާއެކު ދަތުރުކު ރުމުގެ ފުރުސަތުވަނީ ހުޅުވިފަ އެވެ. މި އާބާދީގެ ދެ ޕަސެންޓް މީހުންނަކީ ރާއްޖޭގައި ޗުއްޓީއެއް ހޭދަ ކުރެވިދާނެ ވަރުގެ ތަނަވަސްކަން ހުރެދާނެ ބަޔަކު ކަމުގައި ބެލި ނަމަވެސް އެއީ 4.4 މިލިޔަން މީހުންނަށް ވުރެ ގިނަ އަދަދެކެވެ.

އާ މާކެޓެއްގެ ގޮތުގައި ހަތަރު ވަނައަށް ބަލާލާނީ ބަންގްލަދޭޝް އަށެވެ. އާބާދީގައި 165 މިލިޔަނައްވުރެ ގިނަމީހުން އުޅެއެވެ. ދުނިޔޭގެ 39 ވަނަ އިގްތިސޯދެވެ. މުސްލިމް ގައުމެކެވެ. އެއްގޮތް އާދަކާދައެއް ލިބިގެންވާ ބައެކެވެ. ވައިގެ މަގުން ސީދާ ދަތުރުތައް ދިވެހި ގައުމީ އެއާލައިނުން ކުރަމުން އަންނަ ގައުމެކެވެ. މި އާބާދީގެ އެއް ޕަސެންޓް މީހުންނަކީ ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރެވިދާނެ ވަރުގެ ތަނަވަސްކަން ހުރެދާނެ ބަޔަކު ކަމުގައި ބެލި ނަމަވެސް އެއީ 1.65 މިލިޔަން މީހުންނަށްވުރެ ގިނަ ޢަދަދެކެވެ.

ބަންގްލަދޭޝް އިން މަތީ ފެންވަރުގެ ފަތުރުވެރީން މިހާރުވެސް ރާއްޖެ އަންނަމުންދެ އެވެ. ބަންގްލަދޭޝް އަކީ މުއްސަނދިން އެހާމެ މުއްސަނދި، ފަގީރުން އެހާމެ ފަގީރު ގައުމެކެވެ. ދަތުރުފަތުރު ކުރާމީހުން ގިނަ ގައުމެކެވެ. ސިންގަޕޫރު އެއާލައިންސްގެ އޭ350 މަރުކާގެ ދެ ފްލައިޓް ދުވާލަކު އޮޕަރޭޓް ކުރެއެވެ. ކޮންމެ ފްލައިޓެއްގެ ގާތްގަޑަކަށް 50 ޕަސެންޓަކީ ބަންގްލަދޭޝްގެ ފަތުރުވެރިންނެވެ. މެލޭޝިއާއި ތައިލެންޑަށް ވެސް ދަތުރުކުރާ ގިނަބަޔަކު އުޅޭ ގައުމެކެވެ.
މެލޭޝިއާގައި މަތީފަންތީގެ އެޕާޓްމަންޓްތައް ގަނެ ގެދޮރުވެރި ވެފައިވާ ގިނަބަޔަކު އުޅޭ ގައުމެކެވެ. ޔޫކޭ ގައިވެސް ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެ އެވެ. އަދި ޒިޔާރަތް ވެސް ކުރެއެވެ. އޭޝިއާގެ ގިނަގައުމުތަކެކޭ އެއްގޮތަށް، ބަންގްލަދޭޝްގެ ގިނަ މީހުން ދަތުރު ކުރަނީ އާއިލާއާއެކު ޗުއްޓީ ހޭދަ ކުރުމަށާއި ބަޒާރު ކުރުމަށެވެ. އާސާރީ އަދި ތަހުޒީބު، ޒަމާނީ ތަންތަނަށް ޒިޔާރަތް ކުރުމާއި އެތަންތަނުގެ ފޮޓޯ ނެގުމާއި މީރު ކާބޯތަކެތި ތަޖުރިބާ ކުރުމަށެވެ. މީގެ ދިހަ ވަރަކަށް އަހަރު ކުރިން ބޭންކިން ސެކްޓާއަށް އަމާޒުކޮށް ސިންގަޕޫރު ބަޔަކުހެދި ދިރާސާ އަކުން ދައްކަނީ ވެސް މިގޮތަށެވެ.

ވަރަށް ފަހުން ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ގޮތުން، ބަންގްލަދޭޝްގެ މަތީ ފެންވަރުގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ފަސް ޖެހޭ ކަންތައްތަކެއް ވަނީ ފާހަގަ ކުރެވިފަ އެވެ. ރާއްޖެއަށް ފުރަތަމަ އެތެރެވެވޭ ހިސާބުން ފެށިގެން ރާއްޖެއިން ފުރަންދެން ތަފާތު އެތައް ނުތަނަވަސް ކަމަކާ ބަންގާޅު ފަތުރުވެރިޔާ ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާ އެވެ.

އެތެރެވާން އިމިގްރޭޝަނުން ތަފާތުކުރާ ކަމުގެ ޝަކުވާ އެވެ. ކަސްޓަމްސް އޮފިސަރުންގެ ޖެއްސުމާއި އުނދަގުލާއި ތަފާތު ކުރުން ތަކެވެ. ޓްރާންސްޕޯޓް ތަކުގެ ފަޅުވެރިންގެ ރުންކުރު ކަމާއި ތަފާތު ކުރުމެވެ. ރިސޯޓްތަކުގެ މުވައްޒަފުންގެ ފަރުވާ ކުޑަވުމާއި، އިޙްތިރާމް ކުޑަކުރުމާއި، އަޅާލުން ކުޑަވުމާއި ތަފާތު ކުރުންތަކެވެ. ދޮން މީހުންނާއި އަޅާކިޔާލާ އިރުގަ އެވެ. މިހެން މިކަން ވާންޖެހޭ ސަބަބެއް ނެތެވެ. ބަންލަދޭޝް ފަތުރިވެރިޔާ އާއި "ދޮން" ފަތުރުވެރިޔާވެސް ދެނީ ޑޮލަރެވެ. ހަމަ އެއްވަރަކަށެވެ. އެހެން ކަމަށް ވާނަމަ އަމަލު ކުރަން ވާނީ އެއްގޮތަކަށެވެ.

ފާހަގަކުރެވުނު އޭސިއާގެ ތިން މާކެޓަކީ ވެސް ދާދި އެއްކަހަލަ ކަންތައްތަކެއް ލިބިގެންވާ މާކެޓްތަކެކެވެ. ހާއްސަކޮށް ޔޫރަޕްގެ ހޫނުމޫސުމާ ދިމާކޮށް ތަފާތު ޕްރޮމޯޝަން ތަކާއެކު ނަތީޖާނެރެވިދާނެ މާކެޓްތަކަކަށް ބަދަލު ކުރެވިދާނެ ކަމުގައި ދެކެމެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ރާއްޖެއިން މި މާކެޓްތަކަށް ފުރިހަމައަށް "ރެޑީ" ވުން ބޭނުންތެރި ކަމުގައި ދެކެމެވެ. ފުރަތަމަ ފަށައިގަންނަ އިރު "ޕޯސްޓް ކޮވިޑް ރެޑީ" ނުވަތަ "ނިއު ނޯމަލް" ޕްލޭން ތަކަކާއެކީގަ އެވެ.

އިންޓްރަޑަކްޓަރީ ޕެކޭޖްތަކަކާ ވެސް އެކީގައެވެ. ހަމައެހެންމެ ހަރުދަނާ ރަނގަޅު ޕްލޭންތަކަކާއެކު، ވަގުތާއި ހާލަތުގެ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނެސް ދެމެހެއްޓެނިވި ގޮތެއްގައި މާކެޓް ކުރެވިއްޖެނަމަ، މި މާކެޓްތަކަކީ ރާއްޖެއަށް ފައިދާކުރާނެ މާކެޓްތަކަކަށް ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.