ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މަޓީން ބޮޑާ ހާކައިގަތީ ކޮން ކަމަކާ؟

ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގެ އެންމެ ކުރީ ސަފުގައި ކުރިން އޮންނަނީ ޓޫރިޒަމްގެ މައި ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އެވެ. ކޮންމެ ފަހަރަކު ސަރުކާރާއެކު އަތް ގުޅާލައިގެން ތެދުވަނީ ވެސް އެ މީހުުނެވެ. ކޮވިިޑް-19 އިގެ ގޯސް ހާލަތު ދުނިޔެއަށް ގަދަ ކުރަމުން ދިޔައިރު، އެ ޖަމިއްޔާގެ އެންމެ އިސް މެންބަރުން ސަރުކާރާއެކު ކައިރިން ގިނަ މަސައްކަތްތަކެއް ކޮށް ލަފާ ދިނެވެ. ކޮންމެ ހަފުތާއަކު ދެ ފަހަރު ސަރުކާރުގެ އެންމެ އިސް ފަރާތްތަކާއެކު ބައްދަލު ކުރި އެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ސަރުކާރުން ތައާރަފު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖު އެކުލަވައިލުމުގެ ކަންކަމުގައި ވެސް އިސްކޮށް އެ ޖަމިއްޔާގެ މަންދޫބުން ބައިވެރިވެ ވަޑައިގަތެވެ.

ނަމަވެސް ރިލީފް ޕެކޭޖު ތައާރަފުކޮށް އެ ދޫކުރަން ފެށުމާއެކު ކުއްލިއަކަށް ފެނުނީ އެ ޖަމިއްޔާ އިން އެ ކަމަށް ފާޑުކީ ތަނެވެ. މަޓީން ބުނެފައިވާ ގޮތުގައި ސަރުކާރުން މި ޕެކޭޖު ނެރުމުގައި އެ ޖަމިއްޔާގެ ފަރާތުން "ހޭވެސް އަހައި" ނުލަ އެވެ. އަދި މި ރިލީފުން ޓޫރިޒަމަށް ލިބޭނެ އެއްވެސް ފައިދާއެއް ވެސް ނެތެވެ.

މަޓީން ކުއްލި އަކަށް ނުކުމެ ފާޑު ކިޔަން ފެށީ ކީއް ވެގެން ހެއްޔެވެ؟ މަޓީން މި ބޮޑާ ހާކައިގަތީ ކޮން ކަމަކާ ހެއްޔެވެ؟ ސަރުކާރުން އެހީގެ ޕެކޭޖު ނެރުނީ މަޓީގެ ބަހެއް ނުހޯދާ ހެއްޔެވެ؟ މަޓީގެ މި ބޮޑާ ހޭކުން ސަރުކާރުން ސިފަ ކުރީ ސަރުކާރުގެ ބުރަކަށީގެ ބިއްފައިން ޖެހުން ފަދަ އަމަލެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެން އެ ބޭފުޅުންނާ [މަޓީ] އާ ބައްދަލު ކުރިން، އަޅުގަނޑު ހީކޮށްގެން މިހުރީ ހަމަ އެ ބޭފުޅުން ވިދާޅުވި ގޮތަށް، ގާތްގަނޑަކަށް އެއާ ކައިރިކުރާ ކޮމްޕްރޮމައިޒެއްގައި ކަމަށް އަޅުގަނޑުމެންނަށް އެކަން ކުރެވުނީ. އެހެން ނަމަވެސް އެނގުނީ އަދި މުޅިން އެހެންނެއް ނޫންކަން އެކަން ވެގެން މިދިޔައީ،" މަޓީން ސަރުކާރުގެ އިގްތިސޯދީ ޕެކޭޖަށް ފާޑު ކިއުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.

ޔަގީންނަށް އެނގޭ ކަމަކީ މަޓީގެ މެންބަރުންނާއި ކޮވިޑުގެ ހުރިހާ ކަމެއްގައި ވެސް ސަރުކާރުން މަޝްވަރާ ކުރަމުން ދިޔަ ކަމެވެ. އެ ޖަމިއްޔާގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ތަމްސީލް ކުރާ ހުރިހާ ޖަމިއްޔާތަކެއްގެ މަޝްވަރާ ވެސް ސަރުކާރުން މިކަމުގައި ހޯދަމުން ދިޔަ އެވެ. އަދި ސީދާ ސަރުކާރު ނޫން ނަމަވެސް، ސަރުކާރު ހިއްސާވާ ބީއެމްއެލްއާ ގުޅިގެން އިގްތިސޯދީ ރިލީފް ޕެކޭޖުގެ ތެރޭގައި ހިމެނޭ ގޮތަށް މަޓީން ވަނީ ދެ މިލިއަން ޑޮލަރުގެ ފައިނޭޝަލް ޕެކޭޖެއް ވެސް ނެރެފަ އެވެ.

މި ފައިނޭންޝަލް ޕެކޭޖު ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނަމަވެސް، ސަރުކާރުގެ ޕެކޭޖު ނެރުމާއެކު އެ ޖަމިއްޔާ އިން ފާޑު ކިޔުން ވެގެން ދިޔައީ، ޓޫރިޒަމް ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިގެން ދިޔަ ކަމަށެވެ.

އަދި މިނިސްޓަރު ފައްޔާޒު ވިދާޅުވާ ގޮތަށް އެއީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ވާހަކަ ދެކެވުމަކާއި ނުލައި ސަރުކާރުގެ މޭމަތީގައި ކޮޅުފައިން ޖެހުމެކެވެ.

ޓޫރިޒަމް ދާއިރާ ތަމްސީލް ކުރާ އެހެން ޖަމިއްޔާއެއްގެ އިސްވެރިއަކު އޭނާގެ ނަން ނުޖަހަން އެދި ވަޑައިގެން، ވިދާޅުވި ގޮތުގައި ސަރުކާރާ ގުޅިގެން ގިނަ ޖަމިއްޔާތަށް މަސައްކަތް ކުރަމުންދެ އެވެ. މި ހާލަތަކީ ދަތި އަދި ސަރުކާރުގައި ވެސް ފައިސާ ނެތް ހާލަތެއްކަން އެންމެންނަށް ވެސް އެނގޭނެ އެވެ. އެހެންވެ މި ވަގުތު މަޓީ އިން ފައިނޭންޝަލް ޕެކޭޖަށް ފާޑު ކިޔުމުން އެނގެނީ ފޮރުވާފައި އޮތް އަމިއްލަ އެދުމެއް އިސް ކުރަން ބޭނުން ވުމެވެ.

"އެ ބޭފުޅުން 40 އަހަރު ވެއްޖެ ޓޫރިޒަމް ވިޔަފާރި ކުރާތާ. އެކަމަކު މިހާލަތު އައުމުން މުވައްޒަފުންނަށް އެންމެ އިހާނެތިކޮށް ހެދީ ވެސް އެ ބޭފުޅުން. ހަމަ ޓޫރިސްޓުން އައުން މަދުވެއޭ ބުނާއިރަށް މުވައްޒަފުންނަށް ނޯޕޭ ދޭން ފަށައިފި. އެކަމަކު މިި އަދާ ހަމަ އަށް ވެސް އަޅުގަނޑުމެން އަތުގަ ހުރި އެއްޗަކުން މެނޭޖު ކޮށްގެން މި ބަލަނީ މުވައްޒަފުން ހިފެއްހެއްޓޭ ތޯ؟ އަދި މުވައްޒަފުން ވަތްކެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އެހެން ޖަމިއްޔާތައް އެއްޗެކޭ ނުބުނަނީ ކީއްވެ؟

މަޓީއަށް ސަރުކާރުގެ މާލީ ޕެކޭޖު ކަމު ނުގޮސް ގެން ވާހަކަ ދެއްކިއިރު، އެހެން ޖަމިއްޔާތަކުން ދަނީ ސަރުކާރުގެ ފައިނޭންޝަލް ޕެކޭޖު ހޯދަން މަސައްކަތް ކުރަމުންނެވެ.

ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ހަރަކާާތްތެރިވާ ޖަމިއްޔާތައް ކަމަށްވާ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕޮރޭޓާސް (މަޓާޓޯ) އާއި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) އަދި ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާއި ޑައިވާސް އެސޯސިއޭޝަނާއި އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ޖަމިއްޔާ ތަކުން ދަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އެ ޖަމިއްޔާ ތަކުން ބުނެފައިވާ ގޮތުގައި މިދިއަ މާޗް ކުރީކޮޅު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި މިނިސްޓަރު ފައްޔާޒާއި ޓެކްސް ކޮމިޝަނަރާ ވެސް ބައްދަލުކޮށްފައިވެ އެވެ. އެ ބައްދަލު ކުރުންތަކުގައި މަޝްވަރާ ކޮށްފައިވާ ކަންކަމުގެ އަލީގައި ސަރުކާރުން މިވަގުތަށް ނެރެފައިވާ މޮރޮޓޯރިއަމާއި ރިލީފް ލޯންތަކަކީ ރަނގަޅު ފިޔަވަޅުތަކެކެވެ. ނަމަވެސް މި ރިލީފް ލޯންތަކުގެ އަދަދުތަކާއި އެންޓައިޓްލްމަންޓް ތައް ބަދަލު ކުރުން ރަނގަޅެވެ. އަދި އެގޮތަށް ޖަމިއްޔާތަކުން ދެކޭ ކަމަށް ދަންނަވާފައި ވެސް ވާނެ އެވެ.

ސަރުކާރުން ރާއްޖެ އަލުން ހުޅުވާލުމަށް ޖުލައި މަހު ނުވަތަ ޖޫން މަހުގެ ފަހުކޮޅަށް ރޭއްވިޔަސް މިހާރެކޭ އެއް ފަދައިން އެކުގައި މަސައްކަތް ކުރަން ހުރިހާ އެސޯސިއޭޝަންތަކެއް އޮތީ ތައްޔާރު ވެގެނެވެ. ބޮޑާ ހާކަނީ ރާއްޖޭގައި އަބަދުވެސް "ރަސްގެފާނަކަށް" ވެގެން މާ މަތީގައި އޮންނަ މަޓީ އެވެ.

މަޓީން ކުރަނީ އުނދަގޫ ޑިމާންޑެއް

މަޓީން ސަރުކާރާމެދު ހިތްހަމަ ނުޖެހުނު އެންމެ ބޮޑުވާ އެއް ސަބަބަކީ ޓެކްސް މާފުކޮށް ނުދިނުމެވެ. އަދި ޓެކްހަށް ލުއި ތަކެއް ނުދީގެނެވެ. ނަމަވެސް، އިގްތިސޯދު ހީނަރުވެ، ދައުލަތުގެ އާމްދަނީ ދަށްވެފައި ވަނިކޮށް މިގޮތަށް ޓެކްހުގެ ބޮޑު ލުޔެއް ދިނުމަކީ ސަރުކާރަށް ކުރަން ދަތިކަމަށް ވާނެ ކަމަށް އިގްތިސޯދީ މާހިރުން ދެކެ ވަޑައިގަންނަވަ އެވެ.

ކުރިން 29 ބިލިއަން ރުފިޔާގެ އާމްދަނީއެއް މިއަހަރު ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން އާމްދަނީ 15 ބިލިއަން ރުފިޔާ އަށް މަދު ވެގެން ދާނެ އެވެ. ސަރުކާރަށް ފައިސާ ލިބޭނެ މަގުތަކެއް ނެތެވެ. އެހެންވެ އެގޮތަށް ކުރިޔަށް ދާން ސަރުކާރަށް އުނދަގޫވާނެ އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި މަޓީން ރިސޯޓްތަކުގެ ކުލީގެ ތެރެއިން ތިން ކްއާޓަރެއްގެ ކުލި ލަސްކޮށް ދޭން އެދުނެވެ. ބަދަލުގައި 10،000ރ. އިން ދަށުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ އިން ނުކަނޑާ ގޮތަށް ހުށަހެޅި
އެވެ. އެކަމަކު ސަރުކާރުން ބުނަމުން އައީ އޭރު ހުށަހެޅީ އެއް ކްއާޓަރުގެ ކުލި ލަސްކޮށް ދޭށެވެ. އެ ހިސާބުން މަޓީން އެދުނީ މުސާރަ ކަނޑާ ކުންފުނި ތަކަށް ވެސް ލުއި ދޭށެވެ.

"އެއާ ގުޅިގެން އަނެއްކާ އެ ބޭފުޅުންގެ އިތުރު ސިޓީއެއް އައީ ނޫނެކޭ ހުރިހާ އެންމެންނަށް ދޭން ވާނޭ ރިލީފް، ކަނޑާ މީހުންނާއި ހުރިހާ އެންމެން ހިމެނޭ ގޮތަށް ދެން އޭގެ މާނައަކީ. ދެން އަޅުގަނޑުމެން ދެންނެވީ ނޫނެކޭ. އެގޮތަކަށް ނުވާނޭ. އެހެން ނަމަވެސްް ދެ ކުއާޓާ އަޅުގަނޑުމެންނަށް ޑިފާ ކޮށްދެވިދާނެ އޭ. އަދި އެ ދެން އަންނަ އަހަރުގެ ތެރެ އަށް ބަހާލައިގެން ދައްކާ ގޮތަށް ހެދިދާނޭ. އެހިސާބުގައި ވާހަކަ އޮތީ،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މަހުޖަނުންގެ ޖަމިއްޔާގެ މި ހުށަހެޅުންވީ ސަރުކާރަށް ދަތި ކަމަށެވެ. ސަބަބަކީ ރައްޔިތުންނަށް ހިދުމަތް ދޭން ފައިސާ ހޯދޭނެ މާ ގިނަ މަގު ތަކެއް ސަރުކާރަށް ނެތުމެވެ. އެ ޖަމިއްޔާއިން ހިތް ނުތަނަވަސްވެ ބޮޑާ ހޭކި މައިގަނޑު ސަބަބަކީ އެއީ އެވެ.