ކޮވިޑް-19 ގެ ބަލާއާފާތުގެ ސަބަބުން ދުނިޔެ އިން މަރުވާ މީހުންނަށް ވުރެ، ބަނގުރޫޓުވާ ވިޔަފާރިތައް ގިނަ ވާނެ ކަމަށް އިގްތިސޯދީ މާހިރުން ބުނެ އެވެ. ހާއްސަކޮށް މި ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޓްރެވަލް ސިނާއަތަށެވެ. މީގެ ތެރެއިން ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންނަކީ އެންމެ އަވަހަށް ގެއްލުން ފޯރާނެ ބަޔަކަށްވެ އެވެ. މިހާލަތުގައި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އޮތީ އެއް ގޮތަކަށެވެ. މިހާރު ރާއްޖޭގައި ބުކިންތައް ކެންސަލްވަމުން ދާ ގޮތަށް ބަލާއިރު ދިވެހި ގިނަ ޓްރެވަލް ކުންފުނިތައް ބަނގުރޫޓު ވުމުގެ ބިރު އެބައޮތް ކަމަށް ބޮޑެތި ޓްރެވަލް ކުންފުނި ތަކުން ދެކެ އެވެ،
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޓްރެވަލް އެޖެންސީ ކަމަށްވާ ކެޕިޓަލް ޓްރެވަލްގެ ވެރިޔާ ޔޫސުފު ރިފްއަތު ވިދާޅުވި ގޮތުގައިި ޓްރެވަލް ކުންފުނިތަކަކީ ބުކިން ނަގައިގެން އެއަށް ކުޑަ މާޖިން އެއް ލައިގެން ވިއްކާ ބައެކެވެ. މިހާރު ބުކިން ކެންސަލްވަމުންދާތީ ބޮޑު ގެއްލުމެއްވަމުން ދެއެވެ. މިއީ ދިވެހި ޓްރެވަލް ކުންފުނި ތަކަށް ކެތް ކުރެވޭނެ ގެއްލުމަކަށް ނުވާނެ އެވެ. އަދި އޭގެ ނަތީޖާއަކީ ގިނަ ކުންފުނި ތަކެއް ބަނގޫޓު ވެގެން ދިއުން ކަމަށް އޭނާ ގަބޫލް ކުރައްވަ އެވެ.
"ބުކިންތަކުގެ ބޮޑު ބައެއް ކެންސަލް ވެގެން ގޮސްފި. މިހާރު ބުކިން އެއް ނުލިބެ ހުރިހާ އެއްޗެއް ކެންސަލް ވަނީ،" ރިއްފަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތުން އަރައި ގަންނަން ސަރުކާރުގެ އެހީ ވަރަށް ބޮޑަށް ބޭނުން ވެއެވެ. ސަބަބަކީ ދިވެހި ކުންފުނިތަކުގެ ގިނަ ވަޒީފާގައި ތިބީ ދިވެހިން ކަމަށްވާތީ އެވެ.
"ގިނަ މީހުން މި އުޅެނީ ވަޒީފާގައި ތަންތަން ކުއްޔަށް ހިފައިގެން. އެހެންވެ ކުންފުނިތައް ބަނގުރޫޓުވާ ހާލަތްތަކުގައި އެ ފަރާތްތަކަށް ގެއްލުން ވެގެންދާނެ، ކުއްޔެއް ނުދެއްކޭނެ. އެހެންވެ މިކަމަށް އަވަސް ފިޔަވަޅު ތަކެއް އަޅަން އެބަ ޖެހޭ،" ރިއްފަތު ވިދާޅުވި އެވެ.
ގިނަ މީހުން މި އުޅެނީ ވަޒީފާގައި ތަންތަން ކުއްޔަށް ހިފައިގެން. އެހެންވެ ކުންފުނިތައް ބަނގުރޫޓުވާ ހާލަތްތަކުގައި އެ މީހުނަށް ގެއްލުން ވެގެންދާނެ، ކުއްޔެއް ނުދެއްކޭނެ. އެހެންވެ މިކަމަށް އަވަސް ފިޔަވަޅު ތަކެއް އަޅަން އެބަ ޖެހޭކެޕިޓަލް ރިފްއަތު
ރާއްޖޭގައި ގާތްގަނޑަކަށް 200 އެކްޓިވް ޓްރެވަލް ކުންފުނި އެބަ އޮތެވެ. ލަފާ ކުރެވޭ ގޮތުގައި އެ ތަންތަނުގައި 2،000 ދިވެހިން ވަޒީފާ އަދާ ކުރާނެ އެެވެ. މިހާރު ހާލަތު އޮތް ގޮތުން އަވަސް ފިޔަވަޅު ތަކެއް ނޭޅިއްޖެނަމަ އެ އެންމެން މަގުމަތި ވުމުގެ ފުރުސަތު ބޮޑެވެ.
އިނަ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ކުރިމަތީގައި ރޯދަ މަސް އޮތްއިރު ގިނަ ވަޒީފާ ތަކެއް ގެއްލިއްޖެނަމަ އެކަން ވާނީ ފޫބައްދަން ދަތި ގެއްލުމަކަށެވެ.
"ވަރަށް ދެރަ ހާލަތެއް މި އޮތީ. މިކަމުގައި ސަރުކާރުގެ އެހީ ވަރަށް ބޮޑަށް ބޭނުންވޭ. އެހެންނޫނީ އަރައި ގަނެވޭނެ އެއް ގޮތެއް ވެސް ނުފެނޭ،" ފިރާގު ވިދާޅުވި އެވެ.
ވަރަށް ދެރަ ހާލަތެއް މި އޮތީ. މިކަމުގައި ސަރުކާރުގެ އެހީ ވަރަށް ބޮޑަށް ބޭނުންވޭ. އެހެންނޫނީ އަރައި ގަނެވޭނެ އެއް ގޮތެއް ވެސް ނުފެނޭ،އިނަ މޯލްޑިވްސް ފިރާގު
އޭނާ ވެސް ވިދާޅުވި ގޮތުގައި ޓްރެވަލް ކުންފުނި ތަކަށް ވެސް ކޮންމެ ވެސް ލުއި ގޮތް ތަކެއް ސަރުކާރުން ހަމަޖައްސައި ދޭން ޖެހޭނެ އެވެ.
"ޓްރެވަލް ކުންފުނިތަކަކީ އަނެއްހެން ނަމެއް. އެހެންވެ ލޯނެއް ފައިނޭންޝަލް އެހީއެއް ލިބޭ ބައެއް ނޫން މިއީ. އެކަމަކު އެބަޖެހޭ މިހާލަތުން ގޮތްތަކެއް ހަމަޖައްސައިދޭން. އެހެންނޫނީ މި ވިޔަފާރިތައް ހުއްޓިގެންދާނެ،" ފިރާގު ވިދާޅުވި އެވެ.
ވަން ސްޓެޕް ހޮލިޑޭސްގެ ސީއީއޯ މުހައްމަދު ރިޒާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ބުކިން ކެންސަލް ނުވިނަމަވެސް ބުކިންތައް ފަސް ކުރަމުންދެ އެވެ. ނަމަވެސް ކެންސަލްވާން ފަށައިފިނަމަ އެވާނީ ވަރަށް ބޮޑު ގެއްލުމަކަށެވެ.
އެހެން ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލެޓްސްގޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި މުސްތަގުބަލަށް ބަލާނަމަ ވެސް ދިވެހި ޓޫރިޒަމް ޕްރޮޕޯޓް ކުރެވޭނީ ދިވެހިން ތިބެގެނެވެ. އެހެންވެ ދިވެހިންނަށް އިސްކަން ދީ އެހީ ވެދޭން ޖެހޭނެ އެވެ.
"ދިވެހިންނަށް އިސްކަން ދޭން ޖެހޭ އެބަ. ދިވެހި ކުންފުނިތައް ހުއްޓުނަ ދީގެން ނުވާނެ. އެހެންނޫނީ މިކަމުން އަރައިގަންނަ ވަގުތު ވެސް މަސައްކަތް ކުރާނެ ބަޔަކު ނުތިބޭނެ. އެހެންވެ އަޅުގަނޑުމެން 24 ގަޑިއިރު ލެޓްސްގޯ މޯލްޑިވްސް. ކިޔާލަ ކިޔާލަ މި ތިބެނީ،" ރިޔާޒު ވިދާޅުވި އެވެ.