ރާއްޖޭގެ ޓޫރިޒަމް ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮންނަތާ ދެ މަސް ވެއްޖެ އެވެ. މިއީ 1972 ވަނަ އަހަރަށް ފަހު މުޅި ޓޫރިޒަމްގެ ބޮޑުބައި ހުއްޓުނު ފުރަތަމަ ފަހަރެވެ. މިއީ، ޓޫރިޒަމް 50 އަހަރުގެ ތާރީހުގައި ވެސް މިވަރުގެ ބޮޑު ގެއްލުމެއް ލިބުނު ފަހަރެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މަޝްހޫރު އެއް ނަން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވެފައިވާ ގޮތުގައި މިވަރުގެ ގެއްލުމެއް ދުވަހަކު ވެސް ނުވެ އެވެ.
ސަރުކާރުން މިހާރު ދަނީ މި ބޮޑު ގެއްލުން ކުރިމަތިވި ކޮވިޑް-19 ގެ ބަލި ފެތުރުން ކޮންޓްރޯލްކޮށް، ޖުލައި މަހު ޓޫރިޒަމް ހުޅުވޭ ތޯ މަސައްކަތް ކުރަމުންނެވެ. އެކަމަށްޓަކައި ގިނަ ރޭވުން ތަކެއް ރާވަމުންނެވެ. އެކަމަކު ޓޫރިޒަމް ހުޅުވާލުމުގައި ގިނަ ގޮންޖެހުން ތަކެއް ކުރިމަތި ވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ. ބައެއް ތަޖުރިބާކާރުން ސިފަ ކުރައްވާ ގޮތުގައި ކޮވިޑަށްފަހު ޓޫރިޒަމް އަލުން ފަށައި ގަންނަން ޖެހޭނީ 1972 ހަމައިންނެވެ. ސަބަބަކީ ޓޫރިޒަމް އަލުން ފަށަން ކުރިމަތީގައި އޮތް ގޮން ޖެހުންތަކުގެ ބޮޑުކަމެވެ. ކުރަން ޖެހޭ މަސައްކަތް ގިނަ ކަމެވެ. އެހެންވެ ޓޫރިޒަމް ހުޅުވާލައިރު ނުކުމެވެނީ ހަތަރު އަނގޮޅިއެއްގެ ކަންމައްޗަށެވެ.
"ފުރަތަމަ ކަމަކީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން. ހިދުމަތަށް ހުޅުވާލާއިރު ގެސްޓުންނާ ދިމާވާ މީހުން ރަނގަޅަށް ޓެސްޓް ކުރެވި، މަސައްކަތް ނިންމާފަ، އާއްމުންގެ ތެރެ އަށް ނުނިކުމެ އުޅެވޭނެ ގޮތް ތަކެއް ވެސް އިންތިޒާމު ކުރަން ޖެހޭ. މިއީ ނޯމަލް ހާލަތެއް ނޫން. އެހެންވެ، މަސައްކަތް ނިންމާފަ މުވައްޒަފުން ހުޅުލެ އައިލެންޑް ހޮޓެލް ފަދަ ތަކެއްގައި ތިބެގެން މި އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތެއް ހެދިދާނެ. ހުޅުވާލެވިދާނެ، އެކަމަކު ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" ދިވެހި ޓްރެވަލް ކުންފުންޏެއް ކަމަށްވާ، ލެޓްސްގޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒު (ލެޓްސްގޯ) ރިޔާޒު ވިދާޅުވި އެވެ.
އިގްތިސޯދު ނުހުޅުވާ ތިބެވޭކަށް ނެތްް
ޓޫރިޒަމް ކޮންމެ ހިސާބަކުން ފެށިއަސް އެނގެންޖެހޭ ކަމަކީ ކޮންމެ ވެސް ގޮތަކުން ޓޫރިޒަމް ހުޅުވަންޖެހޭ ކަމެކެވެ. އަބަދު އިގްތިސޯދުގެ "ބޮޑުތަޅު" އަޅުވައިގެން އެއްވެސް ބަޔަކަށް ނުތިބެވޭނެ އެވެ. އަދި ހާއްސަކޮށް ރާއްޖެ ފަދަ ޓޫރިޒަމްގެ ބަރޯސާ އޮތް ގައުމަކަށް ނޯވެވޭނެ އެވެ. މިގޮތަށް ތިބޭ ކޮންމެ ދުވަހަކީ އިގްތިސޯދުން ފަހަރު ލޭތިއްކެއް ވެއްޓި، ފުޅީގައި ހުރި ލޭކޮޅު ހުސް ވެގެން ދާނެ ދުވަހަށް ވާނެއެވެ.
މި ވަގުތު ހުޅުވާލާ ވާހަކަ ދައްކާއިރު، މިއީ ޓޫރިޒަމްގެ އޮފް ސީޒަން އެވެ. ކޮވިޑުގެ ހާލަތު ދާނެ ގޮތެއް އަދި ލަފާކުރާކަށް އެ ކަމަށް ވެސް ނޭނގެ އެވެ. ޓޫރިޒަމް ހުޅުވާއިރު، އެއާޕޯޓް ތައްޔާރު ވާން ވެސް ދުވަސް ނަގާނެ އެވެ.
ރަޝިއާ ހިމެނޭ ބައްރުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން ގެންނަ އެއް ކުންފުނި ކަމަށްވާ ރިސޯޓް ލައިފް ކުންފުނީގެ ވެރިޔާ މުހައްމަދު ޝާޒް ވިދާޅުވި ގޮތުގައި އޭނަގެ ވިސްނުމަކީ މި ވަގުތު ޓޫރިޒަމް ހުޅުވާލުން ލަސްކޮށްލައި، ދުރުރާސްތާގެ ވިސްނުމެއް ގެންގުޅުމެވެ.
"ސުވާލަކީ ޝެޑިއުލް ތަކެއް އަޅައިގެން އޭޝިއާ މާކެޓުން ގެނެސް މީހުން އަޅާލާނީ ތޯ؟ ނޫނީ ޔޫރަޕު މާކެޓަށް ވިސްނައިގެން ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން ވިސްނައިގެން މިކަން ކުރާނީ ތޯ؟ ހުޅުވާލާއިރު މިނިމަން ސްޓާފުން ލައިގެން މަސައްކަތް ކުރަން މި ޖެހެނީ، ވަރަށް ކެއާ ފުލް ވެގެން ތައްޔާރަށް ތިބެން ޖެހޭނީ. މިކަން ދާނެ ގޮތެއް، ދުނިޔޭގެއެއް ވެސް މީހަކަށް ނޭނގެ. އެހެންވެ އަޅުގަނޑުގެ ހިޔާލަކީ ޖުލައި ފަހު ކޮޅު، ނޫނީ އޮގަސްޓް ކުރީކޮޅު ހުޅުވުން،" ޝާޒް ވިދާޅުވި އެވެ.
ޓޫރިޒަމް ހުޅުވާލަން ވިސްނާއިރު މިހާރު ފުރަތަމަ ވިސްނަން ޖެހެނީ މިހާރު ކުރިމަތިވެފައިވާ ބަލާ މުސީބާތުން މިންޖު ވާނެ ގޮތެއް ހޯދުމެވެ. އެކަމަށްޓަކައި ސިއްހީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ސިސްޓަމް ތަކެއް ގާއިމް ނުކޮށްފިނަމަ އިތުރު މައްސަލަ ތަކެއް ކުރިމަތިވާނެ އެވެ. ހުޅުވާލާ ތަނުން ކޮވިޑުގެ ބަލިހާލަތު ގޯސްވެއްޖެނަމަ ދެން ކުރިމަތި ވާނީ ރާއްޖޭގެ ރެޕިއުޓޭޝަނަށް އަސަރު ކުރާނެ ހާލަތެކެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޓްރެވަލް ކުންފުނި ކަމަށްވާ ކެޕިޓަލް ޓްރެވަލްގެ ވެރިޔާ، ޔޫސުފު ރިފްއަތު ވިދާޅުވި ގޮތުގައި ހުޅުވާލަން ޖެހެ އެވެ. ނަމަވެސް ފުރަތަމަ ކަމަކީ ސިއްހީ ގޮތުން އެންމެ އެކަށީގެންވާ ފިޔަވަޅު އެޅުމެވެ.
"ހައިޖިން ގޮތުން، ރައްކާތެރިކަމުގެ ގޮތުން އެންމެ ރަނގަޅަށް ސިސްޓަމްތައް ނެތި ހުޅުވިގެން ނުވާނެ. ރިސޯޓު ތަކުން ވެސް ފިޔަވަޅު ތަކެއް އަޅަން ޖެހޭ. ރިސޯޓުތަކުގައި އައިސޮލޭޝަން ކޮޓަރި ތަކެއް ބެހެއްޓުން ވެސް މިއީ ކުރެވިދާނެ ކަމެއް. ރާއްޖެއަށް ޓޫރިސްޓުން އައުމުގެ ކުރިން ޓެސްޓް ކުރެވި ނަތީޖާ އެނގެން ޖެހޭ. ރާއްޖެ އިން ދާއިރު ޓެސްޓް ކުރެވެން ޖެހޭ. ރާއްޖެ އިން މީހަކު ދާތަނުން މީހަކު ޕޮޒިޓިވް ވެއްޖެނަމަ އެވާނީ ބޮޑު މައްސަލަ އަކަށް،" ރިފްއަތު ވިދާޅުވި އެވެ.
ސަރުކާރުން ބުނަނީ ޕްލޭންތައް ރާވާފައިވާ ކަމަށް
ސަރުކާރުން ބުނާ ގޮތުގައި ޓޫރިޒަމް އަލުން ހުޅުވާލަން ޕްލޭންތައް ވަނީ ހަދާފަ އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި ޓޫރިޒަމް ހުޅުވާލުމުގެ ގޮތުން ޕްލޭންތައް ހަދައި ވަނީ ރައީސް އޮފީހަށް ވެސް ފޮނުވާފަ އެވެ.
"މިސާލަކަށް ފޭސް ވަންގައި ހުޅުވާނީ ކޮން އެއާޕޯޓުތަކެއްތޯ އާއި، ގެންނާނީ ކޮން ފްލައިޓުތަކެއްތޯ، އަދި ކޮވިޑަށް ނެގެޓިވްކަމުގެ ޓެސްޓުތައް ހިފައިގެން އަންނަ ޓޫރިސްޓުން ރިސޯޓުތަކުގައި ފުރަތަމަ 14 ދުވަހަށް ބައިތިއްބާނެ އުސޫލުތައް އެ ޕްލޭންގައި ވާނީ އެކުލަވާލެވިފައި،" އަލީ ވަހީދު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޓޫރިޒަމް ހުޅުވާލުމުގެ ޕްލޭންގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނޫން އެހެން ބައެއް އެއާޕޯޓްތަކަަށް ޓޫރިސްޓުން ގެނެސް ހިދުމަތް ދިނުން ވެސް ހިމެނެ އެވެ. މިގޮތުން ބައެއް އެއާޕޯޓު ތަކަށް ޕްރައިވެޓް ޖެޓުގައި މީހުން ގެނެސް ރިސޯޓުތަކަށް ގެންދަން ވެސް ވިސްނާފައިވެ އެވެ.
ސުވާލަކީ ވީއައިއޭ ނޫން އެހެން އެއްވެސް އެއާޕޯޓެއް ކޮމާޝަލް ލެވަލްއެއްގައި ޖެޓް އޮޕަރޭޓް ކުރަން ތައްޔާރު ހެއްޔެވެ؟ ފުރަތަމަ ޖެޓަށް ހުޅުވާލައިގެން، ޓޫރިޒަމް ނޯމަލް ހާލަތަށް ގެންނަން ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟ އޭގެ ފަހުން ޝެޑިއުލް ފްލައިޓް ތަކަށް ހުޅުވާލަން ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟
ދުނިޔޭގެ ވައިގެ ދަތުރު ފަތުރާ ބެހޭ ޖަމިއްޔާ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން، އިއްޔެ ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ހާލަތައް ފަހު ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަމައަކަށް އެޅޭނީ 2023 ގަ އެވެ.
ސީއެންބީސީ އަށް ދެއްކި އިންޓަވިއުއެއްގައި އަޔާޓާގެ ޑިރެކްޓަރު އަދި ސީއީއޯ ޑި ޖޫނިއާކް ވިދާޅުވެފައިވާ ގޮތުގައި ޔޫރަޕު ފްލައިޓުތަކުގެ އޮޕަރޭޝަން 90 ޕަސެންޓް ވެއްޓިފައިވާތީ، މި ދާއިރާ ހަމައަކަށް އެޅެން ދުވަސް ނަގާނެ އެވެ. އަޔާޓާ އިން މި ހެން ބުންޏަސް ރާއްޖެއަށް އުދުހޭ ބައެއް ބޮޑެތި އެއާލައިންތަކުން ދަތުރު އިތުރު ކުރަމުން ދިއުން މިއީ ހިތްހަމަ ޖެހުމެކެވެ.
ރާއްޖޭގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ، މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ވީއައިއޭ ނޫން އެއްވެސް އެއާޕޯޓަކަށް ކޮމާޝަލް ލެވެލްއެއްގައި ޖެޓް އޮޕަރޭޓް ކުރާނަމަ ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭނެ އެވެ. މީގެތެރޭގައި މަސައްކަތް ކުރާނެ މީހުން ހޯދުމާއި އަގު ބޮޑެތި ބައެއް އިކްއިޕްމަންޓު މި ފަދަ އެއާޕޯޓް ތަކަށް ބޭނުންވާކަން ޖެހޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިހާރު ޖެޓް އޮޕަރޭޓް ކުރަނީ މާލެ އިން މީހުން ގެންގޮސްގެން ވަރަށް ދަތިކޮށް. ޖެޓަށް މާފަރު ހުޅުވާލިއަސް، އެތަނުގައި ވެސް ހިދުމަތްތައް ހަމައެއް ނޫން ކޮމާޝަލް ލެވަލްއެއްގައި މިކަން ކުރާކަށް. މިއީ ރަނގަޅު ކުރަން ޖެހޭ ކަމެއް، މަތީ ފަންތީގެ ޓޫރިސްޓުނަށް ހުޅުވާލާ ވާހަކަ މި ދައްކަނީ،" ފިރާގު ވިދާޅުވި އެވެ.
ޗާޓަރުތަކެއް ބޭއްވުން: ކުރެވިދާނެ ކަމެއް
ޓޫރިޒަމް އަލުން ހުޅުވާލިއިރު ފުރަތަމަ ހުޅުވާލާނީ ސުޕަ ޔޮޓްތަކަކާއި ޕްރައިވެޓް ޖެޓް ތަކަށް ކަމަށް ބެލެވެ އެވެ. އަދި ޝެޑިއުލް ފްލައިޓްތައް އަންނަން ފަށާނީ އޭގެ ފަހުން ކަމަށް ބެލެވެ އެވެ. ނަމަވެސް މި ދެ މުއްދަތުގައި ވަގުތު ތަކެއް ނަގާނެ ކަމަށް ތަޖުރިބާކާރުން ދެކެ ވަޑައިގަންނަވަ އެވެ. އެހެންވެ، ސަރުކާރުން މި ފަދަ ވަގުތެއްގައި ވިސްނަން ޖެހޭނީ، ގިނަ އަދަދެއްގެ މީހުން އެއް ފަހަރާ ގެނެވޭނެ ގޮތެއް ހޯދާށެވެ. ޓޫރިޒަމްގެ ޕީކް ދުވަސްވަރު ކުރިމަތީގައި އޮތްއިރު މިހާލަތުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ނެގޭނެ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތަކީ ޗާޓަރުތަކެއް ހޯދުމެވެ.
ރާއްޖޭގެ ޓޫރިޒަމް ފުރަތަމަ ފަށައިގެން ރާއްޖެއަށް ޓޫރިސްޓުން ގެނައީ ޝެޑިއުލް ފްލައިޓުގައެއް ނޫނެވެ. އޭރު ބޭރުގެ އޮޕަރޭޓަރުންނާ ސަރުކާރު ގުޅިގެން ޗާޓަރު ތަކެއް ބޭއްވި އެވެ. މިހާރުގެ ހާލަތަށް ބަލާއިރު ގިނަ ޗާޓަރު ތަކެއް ރޭވިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން އެއްފަހަރާ ބޭނުންނަމަ ޗާޓަރު ފްލައިޓްތަކެއް ބޭއްވިދާނެ އެވެ.
"މިހާރު ދުނިޔެ އާއި ރާއްޖޭގެ ހާލަތު އޮތް ގޮތަށް ބަލާނަމަ ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނެވޭނީ އެންމެ ކުރިން ރާއްޖެ އަށް މީހުން ގެނައި ގޮތަށް ޗާޓަރު ފްލައިޓު ތަކެއް އަޅައިގެން. ގިނަ ޓޫރިސްޓުން ގެންނަން ބޭނުންނަމަ ރިސޯޓުތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އަދި ސަރުކާރު ގުޅިގެން ގިނަ ޗާޓަރުތަކެއް އަޅަން ޖެހޭ. ސަރުކާރުން މިގޮތަށް ވިސްނަން ޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.
ރަޝިއާއިން މި އަހަރުގެ ޖެނުއަރީ މަހު ޗާޓަރު ފްލައިޓް ގެންނައި، ރިސޯޓް ލައިފްގެ ވެރިޔާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ޗާޓަރު ފްލައިޓްތަކެއް އެޅިދާނެ އެވެ.
"މިހާރުވެސް އަހަރު ނިމޭތަނަށް ހަތް ޗާޓަރު އެބައޮތް އަޅުގަނޑުމެންގެ. ރަޝިޔާ އާއި ޔޫކްރެއިން އިން ފްލައިޓްތަކެއް އެބައޮތް. މި އަދަދު އިތުރު ވެސް ވެގެން ދާނެ. އެކަމަކު މިކަން [ކޮވިޑް-19] އަށް ވާނެ ގޮތެއް ނޭނގެ. މި ރަނގަޅަށް ހިނައްޖެނަމަ ފްލައިޓް އިތުރު ކުރުމަކީ ވެސް ކުރެއްވިދާނެ ކަމެއް، ސްކޯޕް ކިތަންވެ ވަރަކަށްވެސް އިރާދުކުރެއްބިއްޔާ އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަބަދު ލޮކްޑައުންގައި ނުބޭއް ވޭނެ އެވެ. ނިއުނޯމަލްގައި ނަމަވެސް ޓޫރިޒަމް ހުޅުވާލަން ޖެހެ އެވެ. ނަމަވެސް ޓޫރިޒަމް ހުޅުވާލާއިރު ފުރަތަމަ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އެކަމަކު މި ގޮންޖެހުންތަކަކީ ދިވެހިންނަށް އާ ކަމެއް ނޫނެވެ، ޓޫރިޒަމް ފުރަތަމަ ފެށިއިރު، އޭރު މަސައްކަތް ކުރެއްވި ބޭފުޅުންނަށް މިއަށްވުރެ ހުރަސްތައް ކުރިމަތިވި އެވެ. އެކަމަކު އެ ދުވަހުއެ ބޭފުޅުން އެކަން ކުރުމުގެ ނަތީޖާ މިއަދު ފޮންޏެވެ. އެހެންވެ ހަތަރު އަންގޮޅިއަކަށް ނުކުމެވުނަސް، އެ ހިސާބަށްވެސް ނުކުންނަން މިވަނީ ޖެހިފަ އެވެ. ނަތީޖާ ފެންނާނީ އޭރުންނެވެ.