ތުރުކީ

އިސްތަންބޫލު: ދުނިޔޭގެ ތާރީހުގެ ދެފުށް ފެންނަ މަންޒިލެއް

ހިތްގައިމު މަންޒަރުތަކުން ފުރިފައިވާ ތުރުކީގެ އިސްތަންބޫލަކީ ވަރަށް ގިނަ ބަޔަކު އެތަނަކަށް ޒިޔާރަތްކުރާ، ދުނިޔޭގެ އެންމެ ތަފާތު އެއް މަންޒިލެވެ. ދުނިޔޭގެ ދެ ބައްރެއް ގުޅުވައިދޭ މި ގަދީމީ ޝަހަރުގައި އޭޝިއާގެ މުއްސަނދިކަމާއި، ޔޫރަޕުގެ ތަހުޒީބުކަން އެކުވެ މަސްހުނިވެފައި ވެއެވެ.

ބޮސްޕޮރަސް ހަނިކަނޑުގެ ތެރެއިން އޭޝިއާ އާއި ޔޫރަޕް ގުޅިގެންދާއިރު އެތައް ހާސް އަހަރެއްގެ ތާރީހް މި ޝަހަރުގެ މަގުތަކަށް ފެތުރިފައިވެއެވެ.

އިސްތަންބޫލުގެ ނަމުން މަޝްހޫރު ވެފައިވާ މިރަށަކީ ރޯމަން އެމްޕަރާ ކޮންސްޓަންޓީން 1، ބިނާކުރެއްވި ރަށެކެވެ.

މިޝަހަރަކީ އެއްދުވަސްވަރެއްގައި ބައިޒަންޓީން އެމްޕަޔަރުގެ ވެރިކަން ކުރެވުނު ރަށެވެ. އޭރު މިރަށަށް ދެވިފައިވާ ނަމަކީ ކޮންސްޓަންތިނަޕްލް ނުވަތަ ޤުސްތަންތީނިޔާ އެވެ. އެހެންނަމަވެސް ފަހުން މުސްލިމުން އެރަށް ފަތަހަކުރުމަށްފަހު އެރަށުގެ ނަން އިސްތަންބޫލުގެ ނަމަށް ބަދަލު ކުރީ އެވެ.

އިސްތަންބޫލުގެ އެންމެ މަޝްހޫރު އެއް ތަނަކީ އާޔާ ސޯފިޔާ އެވެ. މި ތަނަކީ ބައިޒްޓީނުންގެ ދުވަސްވަރުގައި ފައްޅިއެއްގެ ގޮތުގައި ހުރި ތަނެއް ނަމަވެސް ފަހުން މިސްކިތަކަށް ބަދަލުކުރެވުނު ތަނެކެވެ. މިހާރު މިއީ މިއުޒިއަމެކެވެ. މި ތަނުގެ ބޮޑު ގުއްބު އަދި އިސްލާމީ އާޓާއި ކްރިސްޓިއަން އާޓު އެކުވެފައިވާ ގޮތް ދައްކުވައިދެނީ އިސްތަންބޫލުގެ ސަގާފީ މުއްސަނދިކަމެވެ. އާޔާ ސޯފިޔާގައި މިހާރު ނަމާދުވެސް ކުރެ އެވެ

ސުލްތާން އަހްމަދު މިސްކިތް ނުވަތަ ބްލޫ މޮސްކަކީވެސް އިސްތަންބޫލުގެ ވަރަށް ހާއްސަ ތަނެކެވެ. މި މިސްކިތުގައިވާ ހަ މުންނާރާއި އެތެރޭގައި ހަރުކޮށްފައިވާ ނީލަ ކުލައިގެ ޓައިލްސްތަކަކީ އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަންނަ ސަބަބެވެ.

މިސްކިތުގެ ބޭރުގައިވާ ހިޕޯޑްރޯމް އަކީ ރޯމަނުންގެ ޒަމާނުގައި ބޭނުންކުރެވުނު ރޭސްކޯހެކެވެ. މިއަދު މިތަނަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޕާކެކެވެ.

އިސްތަންބޫލަކީ ޒިޔާރަތް ކުރާނެ ވަރަށް ގިނަ ތަންތަން ހުރި މުއްސަނދި ސަގާފަތެއް އޮތް ސިޓީއެކެވެ. އެގޮތުން އުސްމާނީ ޚިލާފަތުގެ ދުވަސްވަރުގައި ބިނާކުރެވުނު ވަރަށް ގިނަ ގަނޑުވަރުތައް މިތަނުގައި ހުރެ އެވެ.

އެގޮތުން ޓޮޕްކަޕި ގަނޑުވަރަކީ އުސްމާނީ ޚިލާފަތުގެ ވަރަށް ގިނަ ޚަލީފާއިންނާ އަމީރުން އެތައް ޒަމާނެއް ވަންދެން ދިރިއުޅުނު ތަނެވެ. މި ގަނޑުވަރުގައި އިސްތަންބޫލުގެ އެތައް ސަތޭކަ އަހަރެއްގެ ތާރީހް ފެންނަން ހުރެ އެވެ. މި ގަނޑުވަރުގެ ބަގީޗާތަކާއި ކުޑަދޮރުތަކުން ފެންނަ ބޮސްޕޮރަސް ހަނިކަނޑުގެ މަންޒަރު އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްގައިމު ތަޖުރިބާއެއް ކޮށްދެ އެވެ.

ގްރޭންޑް ބާޒާރަކީ އިސްތަންބޫލުގެ އެންމެ މަޝްހޫރު އެއް މާރުކޭޓެވެ. މި ތަނުގައި ހުންނަ އެތައް ހާސް ފިހާރައަކުން ޓާކިޝް ކާޕެޓާއި، ބަހާރާތާއި، ޖަވާހިރާއި، އަދި އެހެނިހެން ތަކެތި ގަންނަން ލިބެން އެވެ.

މި ބަޒާރުގެ ތެރެއިން ހިނގާލުމަކީ ތުރުކީގެ ސަގާފަތާއި ވިޔަފާރި ދަސްކުރުމަށް ބޭނޫންވާ ބަޔަކަށް ފައްކާ ގޮތެކެވެ.

އިސްތަންބޫލަށް ދަތުރުކުރާ މީހުންނަށް ފެންނާނެ އެހެން ތަންތަނުގެ ތެރޭގައި ގަލަޓާ ޓަވަރާއި، ބޮސްޕޮރަސް ބްރިޖާއި، އަދި ޑޮލްމަބަހްޗެ ގަނޑުވަރު ހިމެނެ އެވެ. މި ތަނުގެ ކޮންމެ ތަނަކުންވެސް އިސްތަންބޫލުގެ ތާރީޚާއި ސަގާފަތުގެ ވަކި ބައެއް ދައްކުވައިދެ އެވެ.

އިސްތަންބޫލުގެ ކާނާއަކީވެސް މި ތަނަށް ދަތުރުކުރާ މީހުންނަށް ލިބޭ އުފާވެރި ތަޖުރިބާ އެކެވެ. ކެބާބާއި، ބަކްލަވާއާއި އަދި ޓާކިޝް ޑިލައިޓް ފަދަ ކާނާ ރަހަ ބެލުމަކީ މުޅި ދުނިޔެއިން މީހުން އެދޭ ކަމެކެވެ. މީގެ އިތުރުން ޓާކިޝް ކޮފީގެ ރަހަ ބެލުމަކީވެސް އިސްތަންބޫލު ދަތުރުގެ މުހިންމު ބައެކެވެ.

އިސްތަންބޫލަކީ ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލެވެ. މި ތަނުގެ ތާރީހާއި، ސަގާފަތާއި އަދި ޒަމާނީ ދިރިއުޅުން އެއްވެފައިވާ ގޮތުން އެތަނަށް ދަތުރުކުރާ މީހުންނަށް ހިތްގައިމު ތަޖުރިބާތަކެއް ކޮށްދެ އެވެ. އިސްތަންބޫލަކީ އޭޝިއާއާއި ޔޫރަޕު ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި އޮތް، ދުނިޔޭގެ އެންމެ ހާއްސަ އެއް މަންޒިލެވެ.