ދުނިޔެ

އުރުދުޣާން މިއަދު ޔުކްރޭނަށް

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ޔުކްރޭނަށް ވަޑައިގަންނަވާނެ އެވެ. ތުރުކީ ނޫސްތަކުން ބުނާ ގޮތުން އުރުދުޣާން ޔުކްރޭނަށް ވަޑައިގަންނަވަނީ އެގައުމުގެ ރައީސް ލަޑިމިއަރު ޒީލިއަންސްކީ ދެއްވި ދައުވަތަކަށެވެ.

ޔުކްރޭނަށް ވަރަށް އަވަހަށް ދަތުރެއް ކުރައްވާނެ ކަމަށް އުރުދުޣާން އޮތީ ކުން ވެސް ވިދާޅުވެފަ އެވެ. މިދަތުރުގައި ދެ ގައުމުގެ ދެމެދުގައި ސަހައްދީ މަސްލަހަތާ ގުޅުން ހުރި މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތުރުކީ ބުނާ ގޮތުން ޔުކްރޭނަކީ ތުރުކީ ބުނާ ބަސްއަހާ ގައުމެކެވެ. އެހެންކަމުން މަސްލަހަތުގެި ހިމާޔަތުގައި ތުރުކީ ދައްކާ ވާހަކަތައް ޔުކްރޭން ސަރުކަރުން އަޑުއަހާނެ ކަމަށް ބެލެވެ އެވެ.

ރަޝިއާ އާއި ޔުކްރޭނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން މަސަލަސްކުރަން ތުރުކީ މެދުވެރިވާނެ ކަމަށް ވެސް އުރުދުޣާން އޮތީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރަޝިއާ އާއި ޔުކްރޭނަކީ ހަނގުރާމަކުރާ ވަރުގެ ދެގައުމު ނޫން ކަމަށެވެ.

ޔުކްރޭން ބޯޑަރަށް އަސްކަރީ ފައުޖުތައް ރަޝިއާ ޖަމާކުރާ މައްސަލާގައި ތުރުކީ ވަކިކޮޅަކަށް ނުޖެހެ އެވެ. އެހެން ނަމަވެސް އެގައުމެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް އެގައުމަކުން ފިޔަވަޅުއަޅަން ޖެހޭކަން ގަބޫލުކުރެ އެވެ.

އުރުދުޣާން ވިދާޅުވީ ބަޔަކު ދައްކާ ވާހަކައެއްގެ ސަބަބުން މަޝްވަޜާ ދޫކޮށްލައި ހަނގުރާމަ އިޚުތިޔާރު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރަޝިއާ އާއި ޔުކްރޭން ހަނގުރާމަކުރުން ތުރުކީ ބަލައިނުގަންނާނެ ކަމަށެވެ.

ޔުކްރޭންއަށް ފަހު ރަޝިއާއަށް ވަޑައިގެން އެގައުމުގެ ރައީސް ލަޑިމިއަރު ޕޫޓިންއާ ބައްދަލު ކުރައްވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުން ދެގައުމު މަޝްވަރާކުރަން ތުރުކީން ފަސޭހަކޮށްދޭނެ ކަމަށާއި ސަރަހައްދުގައި ހަނގުރާމައެއް ފަށައިފި ނަމަ މުޅި ދުނިޔެއަށް އަސަރުކުރާނެ ކަމަށެވެ.

ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ވިޔުގައަކުން ގުޅިފައި އޮތްއިރު ރަޝިއާ އާއ ޔުކްރޭނުން ހަނގުރާމަ ފަށައިފި ނަމަ ޓޫރިޒަމް ސެކްޓަރު މުޅިން ހަލާކުވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.