ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވި ގޮތުގައި ރަޝިއާ އާއެކު އީޔޫ ގައުމު ތަކުން ވިޔަފާރިކުރާ ކަމަށް ދައްކާ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތެވެ.
ބޮރެލް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން ރަޝިއާ އާއެކު ވިޔަފާރި ކުރަނީ ތުރުކީ މެދުވެރިކޮށް ކަމަށް ބުނާއިރު އީޔޫއިން ތުރުކީއަށް އެތެރެކުރާ މުދަލަށް ބަލައިފި ނަމަ ހަގީގަތް އޮޅުން ފިލާނެ އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މަވުލޫތު ޗަވްސޯލޫ ހުޅަހެޅުއްވި ތަފާސްހިސާބުތަކަށް ބަލާއިރު ---- ބޮރެލް ވިދާޅުވީ ތުރުކީ މެދުވެރިކޮށް ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއަށް މުދާ ފޮނުވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.
ޔޫރަޕިއަން ޕާލިމެންޓުގެ ސްޕެއިންގެ މެމްބަރު އެންޓޮނީ ކޮމިން ވިދާޅުވި ގޮތުގައި ރަޝިއާއަށް އަޅާފައި އޮތް ދަތިކުރުންތައް ލުއިކޮށްދިނުމުގައި ތުރުކީ މެދުވެރިވާ ކަމަށާއި އެކަން އެގޮތަށް ކުރަނީ އީޔޫގެ މުދާ ތުރުކީއަށް އެތެރެކޮށް އަދި ފަހުން އެ މުދާ ރަޝިއާއަށް ފޮނުވައިގެން ކަމަށެވެ.
އެންޓޮނީ ކޮމިން ސުވާލުކުރެއްވީ މިކަން މިގޮތަށް ހިނގާ ނަމަ ޔޫރަޕުން އެއްވެސް ފިޔަވަޅެއް އަޅާނެތޯ ނުވަތަ އޮތް ހުކުމަކީ ކޮބައިތޯ އެވެ.
ބޮރެލް ވިދާޅުވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ތުރުކީގެ ޚާރިޖީ ވަޒީރު މަވްލޫތު ޗަވްސޯލޫއާ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ބޮރެލް ވިދާޅުވި ގޮތުގައި ތުރުކީގެ އިންޕޯޓަށް ބަލާއިރު ޔޫރަޕުން މާގިނަ އެއްޗެއް ތުރުކީއަށް އެތެރެކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ތުރުކީން ރަޝިއާއަށް އަދާޔާ ޚިލާފަށް މުދާ ފޮނުވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާއަށް ދަތިކުރުންތައް ލުއިކޮށްދޭން ޔޫރަޕުން އެހީތެރިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ދައްކާނެ މައުނަމީ ހެއްކެއް ނެތް ކަމަށް ބޮރެލް ވިދާޅުވި އެވެ.
ބޮރެލް ވިދާޅުވި ގޮތުގައި ތުރުކީ އަކީ ރަޝިއާއަަށް ދަތިކުރުމުގައި ބައިވެރިވާ ގައުމެއް ނޫނެވެ. އެހެންކަމުން ތުރުކީ ކުރާ ކަމަކަށް ފިޔަވަޅުު އެޅޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމާގައި ތުރުކީގެ އިޚުތިޔާރަކީ ރަޝިއާއާ ގުޅުން ކަނޑާނުލައި ޔުކްރޭނަށް އެހީތެރިވުމެވެ. މިއީ ހުޅަނގަށް ގަބޫލުކުރަން ވަރަށް ދަތި ސިޔާސަތެކެވެ.
ހުޅަނގުން ތުރުކީއަށް ބާރުއަޅަނީ ރަޝިއާއަށް ދަތިކުރުމުގައި އެ މީހުންނަށް ވާގިވެރިވުމަށެވެ. އެ ނޫން ގޮތެއްގައި ރަޝިއާއަށް މާބޮޑު ދަތިކަމެއް އިހުސާސް ނުވާނެ ކަމަށްވެސް ހުޅަނގުން ބުނެ އެވެ.