ތުރުކީ

ތުރުކީގެ ރިޔާސީ އަދި ޕާލިމެންޓްރީ އިންތިހާބު މާދަމާ

ތުރުކީގެ ރިޔާސީ އަދި ޕާލިމަންޓްރީ އިންތިހާބު މާދަމާ އޮންނާނެ އެވެ. އެހެންކަމުން މާދަމާ އަކީ ތުރުކީ ރައްޔިތުންނަށް އެ މީހުންގެ ގައުމުގެ ކުރިމަގާ މެދު ގޮތެއް ނިންމުމަށް ވަރަށް މުހިއްމު ދުވަހެކެވެ.

ތުރުކީގެ ރިޔާސީ އަދި ޕާލިމަންޓްރީ އިންތިހާބު މާދަމާ އޮންނާނެ އެވެ. އެހެންކަމުން މާދަމާ އަކީ ތުރުކީ ރައްޔިތުންނަށް އެ މީހުންގެ ގައުމުގެ ކުރިމަގާ މެދު ގޮތެއް ނިންމުމަށް ވަރަށް މުހިއްމު ދުވަހެކެވެ.

ތުރުކީގެ އައު ސިޔާސީ ނިޒާމުގެ ދަށުން ދެވަނަ ފަހަރަށް މި ދެ އިންތިހާބު އެއްފަހަރާ މާދަމާ ބޭއްވިގެންދާނެ އެވެ.

ވޯޓުލުމުގެ ވަގުތު ކުޑަތަންވަމުންދާއިރު މިހާރުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އިތުރު ދައުރެއް ކާމިޔާބު ކުރެއްވުމަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވަނީ ވެރިކަން ކުރާ އޭކޭ ޕާޓީގެ ފަރާތުންނެވެ.

އިދިކޮޅު ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަންނަވަނީ ސީއެޗްޕީގެ ލީޑަރު ކަމާލް ކިލިތްދަރުގްލޫ އެވެ.

މި ދެބޭފުޅުންގެ އިތުރުން ރައީސް އުރުދުއާންގެ އޭކޭ ޕާޓީގެ ބައިވެރިއެއް ކަމުގައިވާ އެމްއެޗްޕީ ޕާޓީގެ ކުރީގެ މެންބަރު އަދި މިވަގުތު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އެއް ލައްކަ ސޮއި ހޯދުމާއެކު ކުރިމަތިލާ ސިނާން އޫގާން ވެސް ރޭހުގައި ހިމެނެ އެވެ. މެމްލިކްތް ޕާޓީ އިން މުހައްރަމް އިންސް ވެސް ކުރިން އިންތިހާބުގައި ވާދަކުރެއްވި އެވެ. ނަމަވެސް މިހާރު ވަނީ ނަން ނަންގަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބު

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން 2017 ވަނަ އަހަރު ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކޮށް 2018 ގައި އަލަށް ބޭއްވުނު ރިޔާސީ އިންތިހާބު ރައީސް އުރުދުޣާން ވަނީ ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން އޮތް ބަރުލަމާނީ ނިޒާމުގައި ރައީސް އުރުދުޣާން ވަނީ ބޮޑު ވަޒީރުކަން ކުރައްވާފަ އެވެ. އަދި ބޮޑުވަޒީރުކަން ދޫކުރައްވައި 2014 ގައި ރަމްޒީ ގޮތުން ތުރުކީގެ ރައީސް ކަމަށް ވަޑައިގެން އެމަގާމުގައި 2017 އާ ޖެހެންދެން ހުންނެވި އެވެ.

ތުރުކީގެ ރައީސް ކަމަށް އިންތިހާބު ކުރެވެނީ ވޯޓުލާ މީހުންގެ 50 ޕަސެންޓް ނުވަތަ ފުރިހަމަ އައުލަބިއްޔަތު ހޯއްދަވާ ބޭފުޅެކެވެ. ފުރަތަމަ ބުރުން އައުލަބިއްޔަތު ނުލިބޭނަމަ ދެވަނަ ބުރެއް ބާއްވައި އައުލަބިއްޔަތު ހޯއްދަވާ ބޭފުޅެއް ކަނޑައެޅޭނެ އެވެ.

ތުރުކީގައި ރައީސް ކަމަށް ކުރިމަތިލެވޭ ޝަރުތު ތަކުގެ ތެރޭގައި ތުރުކީ ރައްޔިތަކަށް ވުމާއި، އުމުރުން 40 އަހަރު ވެފައިވުމާއި އަދި މަތީ ތައުލީމް ހާސިލްކޮށް ކޮންމެވެސް ރޮނގަކުން ފުރަތަމަ ޑިގްރީއެއް އޮތުން ލާޒިމެވެ.

އެންމެ ފަހުން ބޭއްވި ޕާލިމަންޓްރީ އިންތިހާބުގައި ފަސް ޕަސެންޓް ވޯޓް ހޯދާފައިވާ ކޮންމެ ޕާޓީއަކުންވެސް ކެންޑިޑޭޓެއް ކަނޑައެޅިދާނެ އެވެ. އަދި އެފަދަ ވޯޓެއްގެ އައުލަބިއްޔަތު އޮތް ކޯލިޝަނެއް ހަދައި އޭގެ ތެރެއިންވެސް ކެންޑިޑޭޓެއް ނެރެވިދާނެ އެވެ. އަދި އެއްލައްކަ ސޮއި ހޯދޭ ކޮންމެ މީހަކަށްވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެވެ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރިމަތިލާ ފަރާތުގެ ނަމާއި، ނިސްބަތްވާ ޕާޓީ ނުވަތަ ގުޅިފައިވާ ޕާޓީތަކާއި އަދި ކެންޑިޑޭޓުގެ ފޮޓޯ ޖަހާފައި ހުރެ އެވެ. ވޯޓު ލާ މީހުންނަށް ޖެހޭނީ ހިޔާރު ކުރާ ކެންޑިޑޭޓާއި ދިމާލުގައި "ޔެސް" (ތުރުކީ ބަހުން އިވެޓް) ތައްގަނޑު ޖަހާލާށެވެ.

ރައްޔިތުން ރައީސަކު ހޮވަނީ ފަސް އަހަރަށް ކަމަށްވުމުން އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ އޮފީހުން ވައްކެއް ނުކުރެވޭނެ އެވެ. ގައުމުގެ ރައީސްގެ ހައިސިއްޔަތުން ވެރިކަމުގެ ބާރު ގާނޫނުއަސާސީ ގައިވާ ގޮތުގެ މަތިން ލިބިދީފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ގާނޫނުތައް އެކުލަވާލުމާއި، ނައިބުން ކަނޑައެޅުމާއި، މިނިސްޓަރުން އަދި އިސް މީހުން ސަރުކާރުގެ މަގާމުތަކަށް ހަމަޖެއްސުމާއި، ބައިނަލްއަގުވާމީ މުއާހަދާތައް ތަސްދީގު ކުރުމާއި، ހާރިޖީ ސިޔާސަތު އެކުލަވާލުމާއި އަދި ގައުމީ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމެވެ.

ޕާލިމަންޓްރީ އިންތިހާބު

މާދަމާ އޮންނަ ތުރުކީގެ ޕާލިމަންޓްރީ އިންތިހާބުގައި 600 މަންދޫބަކު ޕާލިމަންޓަށް ނުވަތަ ގްރޭންޑް ނެޝަނަލް އެސެމްބްލީ އަށް އިންތިހާބު ކުރާނެ އެވެ. އެ މެންބަރުން އިންތިހާބު ކުރާނީ ތުރުކީގެ 81 ސަރަހައްދެއްގެ 87 ޑިސްޓްރިކްޓަކުންނެވެ.

މި ޑިސްޓްރިކްޓް ތަކުން ޕާލިމަންޓަށް ސީޓްތައް ކަނޑައަޅަނީ އެ ޑިސްޓްރިކްޓެއްގެ އާބާދީގެ ނިސްބަތުންނެވެ. މިސާލަކަށް އިސްތަންބޫލުގެ ތިން ޑިސްޓްރިކްޓަކަށް 98 ގޮނޑި ކަނޑައަޅާފައިވާއިރު އަންކާރާއަށް ތިން ޑިސްޓްރިކްޓަކުން ކަނޑައަޅާފައިވަނީ 36 ގޮނޑި އެވެ. އަދި ތުރުކީގެ ދެން އެންމެ ބޮޑު ސަރަހައްދުތައް ކަމުގައިވާ އިޒްމީރް އަދި ބަރްސާގައި ވަނީ ދެ ޑިސްޓްރިކްޓެވެ.

މި ގޮނޑިތަކަށް ތުރުކީ ރައްޔިތުން ވޯޓު ލާނީ އެ ޑިސްޓްރިކްޓަކުން ސިޔާސީ ޕާޓީތަކުން ކަނޑައަޅާފައިވާ މަންދޫބުންގެ ތެރެއިން އެމީހަކަށް ފެންނަ ޕާޓީ އެއްގެ މަންދޫބަކަށެވެ.

ޕާލިމެންޓުގެ އަޣުލަބިއްޔަތު ހޯދުމަށް ދެބައިކުޅަ އެއްބައި ގޮނޑި -- 301 ގޮނޑި ހޯދަންޖެހެ އެވެ.

ޕާލިމެންޓް ގޮނޑިއެއް ހޯދުމަށް ޕާޓީ އަކުން ޖުމްލަ ވޯޓުގެ ހަތް ޕަސެންޓް އެ ޕާޓީއަކުން އެކަނި މާއެކަނި ނުވަތަ އެހެން ޕާޓީތަކާއި ގުޅިގެން ނަމަވެސް ހޯދަން ޖެހެ އެވެ. ނަމަވެސް މިނިވަން ކެންޑިޑޭޓުންނަށް މި ޝަރުތެއް ނޯވެ އެވެ.

އިންތިހާބު އޮންނަ ދުވަހު ވޯޓު ކަރުދާހުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުން އެމީހަކު ބޭނުންވާ ޕާޓީ އެއްގެ ކެންޑިޑޭޓަކާ ދިމާލުގައި "އާއެނކޭ" ނުވަތަ ތުރުކީ ބަހުން އިވެޓް މާކް ކޮށްލަން ޖެހެ އެވެ. އަދި ވޯޓުލުމުގެ ކުރިން ގުޅިފައިވާ ދެ ޕާޓީއެއްގެ ކެންޑިޑޭޓެއްނަމަ އެކަން އެނގޭ ގޮތަށް ވޯޓު ކަރުދާހުގައި އޮންނާނެ އެވެ.

ވޯޓުތައް ބަހާނީ ހިސާބު ފޯމިއުލާއެއް ކަމުގައިވާ ޑޮންޓް ސިސްޓަމަށެވެ. މި ނިޒާމަކީ ބެލްޖިއަމް، ބްރެޒިލް، ޑެންމާކް، ޖަޕާން އަދި ސްވިޒަލެންޑް ގައިވެސް ބޭނުންކުރާ ނިޒާމެވެ. މި ނިޒާމުގައި ޕާޓީތަކަށް ގޮނޑި ކަނޑައަޅާނީ އެ ޕާޓީއަކަށް ލިބިފައިވާ ވޯޓުގެ ނިސްބަތުންނެވެ.

ސުޕްރީމް އިލެކްޝަން ކައުންސިލް ގެ ދައުރު

ތުރުކީގައި ބާއްވާ ގައުމީ އިންތިހާބުތަކާ ގުޅޭ ހުރިހާ ކަމެއް ކުރާނީ ތުރުކީގެ ސުޕްރީމް އިލެކްޝަން ކައުންސިލުންނެވެ.

ސުޕްރީމް އިލެކްޝަން ކައުންސިލުގެ ޒިންމާ އަކީ އަދުލުވެރި އިންސާފުވެރި ދެފުށް ފެންނަ އިންތިހާބެއް ބާއްވައި އަދި އެ އިންތިހާބު ފެށިގެން ނިމުމާ ހަމައަށް ހިނގަނީ މިނިވަން އިންސާފުވެރި އިންތިހާބެއްތޯ ކަށަވަރުކުރާނެ އެންމެހާ ކަމެއް ތަންފީޒު ކުރުމެވެ.

ސުޕްރީމް އިލެކްޝަން ކައުންސިލްގައި ތިއްބަވާނީ ހަތް މެންބަރަކާއި އަދި ރިޒާވް ހަތަރު މެންބަރެކެވެ. އިންތިހާބުގެ އެންމެހާ ކަމެއް ހިންގުމާއި މޮނިޓާކޮށް ބެލެހެއްޓުމުގެ އިތުރުން ބޭރު ގައުމުތަކުގައި ތިބޭ ތުރުކީ ރައްޔިތުންނަށް ވޯޓް ލުމަށް ރަޖިސްޓްރީ ކުރުން މި ކައުންސިލުން ކުރެ އެވެ.

ތުރުކީގެ އެމްބަސީތައް ހުންނަ ގައުމުތަކަށް މަންދޫބުން ކަނޑައަޅައި އެގައުމުތަކުގައި ތިބޭ ތުރުކީ މީހުންނަށް ވޯޓު ލެވޭނެ ގޮތް ހެދުމަކީ ކައުންސިލްގެ ކަމެކެވެ.

އިންތިހާބު ފެށުނީއްސުރެ ނިމެންދެން ދިމާވާ އެންމެހާ މައްސަލަތައް ހައްލު ކުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އަދި ފަހުގެ ނިންމުން އޮންނާނީ މި ކައުންސިލަށެވެ.