އިސްތަމްބޫލްގެ މޭޔަރު، އިކްރަމް އިމާމޯލޫ ހައްޔަރުކުރުމާ ގުޅިގެން އޭނާއަށް ދާއީދުކުރާ އެތައް ހާސް ބަޔަކު ތުރުކީގެ މަގުތަކުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގަނީ އެވެ.
އިމާމޯލޫއާ ބެހޭ ގޮތުން ބުނެވެނީ ރައީސް އުރުދުޣާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރި އަކީ އޭނާ ކަމަށެވެ. އަދި އުރުދުޣާނަށް ފަހު ތުރުކީގެ ރައީސްގެ މަގާމަށް އޭނާ ވަޑައިގެންފާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އިސްތަމްބޫލްގެ ފުލުހުން އިމާމޯލޫ ހައްޔަރުކުރީ، ތުރުކީ ސަރުކާރުން ޓެރަރިސްޓުންގެ ގޮތުގައި ރަސްމީކޮށް ލިސްޓްކޮށްފައި އޮންނަ ކުރުދިސްތާން ވޯކާސް ޕާޓީ -- ޕީކޭކޭއާ ގާތް ގުޅުމެއް ގެންގުޅުއްވާތީ އެވެ. އަދި މީގެ އިތުރުން ޕީކޭކޭގެ ހަނގުރާމަވެރިންނަށް ވާގިވެވެރިވުމާއި، މަނީލޯންޑަރިންގެ އަމަލުތައް ހިންގުން އަދި ސަރުކާރު ވައްޓާލަން ހިތްވަރުދެއްވުގެ ތުހުމަތު އޮތުމުންނެވެ.
އުރުދުޣާން ވިދާޅުވި ގޮތުން އޭނާގެ ވެރިކަން މަގުމަތިން ވައްޓާލަން އިދިކޮޅުން ކިތަންމެ ފަހަރަކު މަސައްކަތްކޮށްފި ކަމަށެވެ. ސިޔާސީ ގޮތުން ޕާޓީތައް ހިންގުމުގައި ގައުމުގެ ހަމަނުޖެހުން ނައްތާލައި ވެރިކަން ވައްޓާލަން އިދިކޮޅަށް ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅުގައި ތިބެގެން ޕާޓީތައް ހިންގަންޖެހޭ ގާނޫނީ މިންގަނޑުން ބޭރުވުމަކީ، ތުރުކީގައި ޕާޓީތަކަށް އޮންނަ ހައިސިއްޔަތު ގެއްލިދާނެ ކަމެއް ކަމަށްވެސް އުރުދުގާން ވިދާޅުވި އެވެ.
ތުރުކީގައި މިހާރު އޮތީ -- މަގުމަތީގައި ބަޣާވާތްކޮށް އަދި މަދަނީ ފޭރާމަށް ބޭނުންހާ ގޮތެއް ހަދަން ދޫކޮށްލައިގެން އޮންނާނެ ވެރިކަމެއް ނޫން ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.
އިމާމޯލޫ ހައްޔަރުކޮށްފައި އެ ވަނީ ރިޔާސަތުން ކުރި އަމުރަކަށް ނޫން ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ. ޓެރަރިސްޓުންނާ ގުޅިގެން މަދަނީ ފޭރާން ވީދާލަން އޭނާ މަސައްކަތްކުރައްވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައި އޮއް ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން ދެއްކެވި ވާހަކަތަކަށް ހަޖޫޖަހައި އިދިކޮޅުން ވަނީ ވީހާ ގިނަ ބަޔަކު މަގުތަކަށް ނުކުތުމަށް ގޮވާލާފަ އެވެ. އަދި އިމާމޯލޫ ދޫކޮށްލާ ވަރުކުރަން އޭނާއަށް ތާއީދުކުރާ މީހުންނަށް ވަނީ ގޮވާލާފަ އެވެ.
މުޒާހަރާކުރާ މީހުންގެ އަމަލުތަކާ މެެދު ހިތްހަމަޖެހިވަޑައިނުގެން އިންޓީރިއާ މިނިސްޓަރު އަލީ ޔެލިކަޔާ ވިދާޅުވީ އާންމުގެ މުދަލަށާއި ދައުލަތުގެ ތަކެއްޗަށް ގެއްލުންދޭ ނަމަ އެ ބަޔަކު ހައްޔަރުކުރައްވާނެ ކަމަށެވެ.
ޚިޔާލުފާޅުކުރުމާއި ޝުއޫރުފާޅުކުރުމަށް ބާއްވާ ސުލްހަވެރި އެއްވުންތަކަށް ފުލުހުން ހުރަސް ނާޅާނެ ކަަަމަށް އޭނާ ވިދާޅުވި އެވެ.