ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑުން ދުނިޔޭގެ ޓޫރިޒަމަށް ކިހާ ބޮޑު ގެއްލުމެއް؟

މިދިޔަ އަހަރު ފަހުކޮޅު އަންދާޒާ ކުރެވުނު ގޮތުގައި މި އަހަރު، 2020 ވަނަ އަހަރު ވާނީ، ދުނިޔޭގެ ޓޫރިޒަމް ސިނާއަތަށް މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ އަހަރަށެވެ. ނަމަވެސް މިއަހަރު ފެށުމާއެކު މުޅި ދުނިޔެއަށް ފެތުރެން ފެށި ކޮވިޑް-19 އިގެ ބަލާއާފާތުގެ ސަބަބުން، ކުރިން އަންދާޒާ ކުރެވިފައި ނުވާ އެތައް ކަމަކާ ކުރިމަތިލާން ޖެހި މުޅި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައިސްފައި ވާއިރު، މިއަހަރުގެ މިހާތަނަށް ކުރެވުނު އަންދާޒާ ތަކުން ދައްކާ ގޮތުގައި، ޓޫރިޒަމްގެ ސިނާއަތަށް، މިއަހަރު 316 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.

މިހާތަނަށް ދުނިޔޭގެ ގިނަ ގައުމު ތަކުގައި ކޮވިޑް ފެތުރިފައި ވަނީ ބޭރުގެ ގައުމަކުން ދަތުރުކުރި މީހެއްގެ ފަރާތުން ކަމަށް ވާތީ، ނުވަތަ "އިމްޕޯޓެޑް" ކޭސް އަކުން ކަމަށްވާތީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތަށް ބަންދު ކުރުމާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދުގެ ދުވެލި ވަނީ ވަރަށް ބޮޑުތަން ދަށްވެފަ އެވެ. ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ރައްޔިތުންގެ ސަލާމަތާއި ރައްކާ ތެރިކަން ކަށަވަރު ކުރުމަށް އެޅި ގިނަ ފިޔަވަޅު ތަކުގެ ސަބަބުން، އެންމެ ބޮޑު ހީނަރު ކަމެއް ތަހައްމަލް ކުރަން ޖެހިފައިވާ ސިނާއަތަކީ ފަތުރުވެރި ކަމުގެ ސިނާއަތެވެ.

ކުރިން އަންދާޒާ ކުރެވުނު ގޮތުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުން މިއަހަރު 712 ބިލިޔަން ޑޮލަރު ލިބޭނެ ކަމަށް ބެލެވުނަސް، މިހާރުގެ އަންދާޒާއަކީ 369 ބިލިޔަން ޑޮލަރުގެ މިންވަރެކެވެ. މިއީ ކުރިން ލަފާކުރި ވަރަށް ވުރެ 41 ޕަސެންޓުގެ ދައްވުމެކެވެ. މިދިއަ އަހަރު ފަތުރުވެރިކަމުން ދުނިޔޭގެ އިގްތިސޯދަށް 685 ބިލިޔަން ޑޮލަރު ލިބިފައި ވެއެވެ.

ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދު ތަކުގެ ތެރޭގައި، ޔޫރަޕާއި އޭސިއާ އަދި އުތުރު އެމެރިކާ ހިމެނެ އެވެ. ޔޫރަޕު ސަރަހައްދުން މި އަހަރު 95 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އިރު، އޭސިއާގެ ސަރަހައްދުން މިއަހަރު 85 ބިލިޔަން ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މިއީ ޔޫރަޕު ސަރަހައްދަށް ކުރިން ލަފާކުރި ވަރަށްވުރެ 41.4 ޕަސެންޓް ދަށް ވުމެކެވެ. އަދި އޭސިއާ ސަރަހައްދަށް ކުރިން ލަފާކުރި ވަރަށްވުރެ 33.4 ޕަސެންޓްގެ ދަށް ވުމެކެވެ.

ވަކި ވަކި ގައުމުތަކަށް ބަލާއިރު، މިހާރު އެންމެ ބޮޑު މާލީ ގެއްލުމެއް، ކޮވިޑާ ގުޅިގެން ލިބޭނެ ކަމަށް ބެލެވޭ ގައުމަކީ އިޓަލީ އެވެ. މި އަހަރު މާޗް މަހާ ހަމައަށް އިޓަލީގެ އިގްތިސޯދު ކުރިއަރާފައިވި ނަމަވެސް، ފަހުގެ އަންދާޒާ ތަކުން ދައްކާ ގޮތުގައި، މި ބަލިމަޑުކަމާ ގުޅިގެން އިޓަލީގެ އިގްތިސޯދީ އުފެއްދުންތެރި ކަމާ އަޅާ ބަލާއިރު، މި އަހަރު ނިމޭއިރު އެ ގައުމުގެ ދަރަނި 160 ޕަސެންޓަށް މައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެ ގައުމުގެ އިގްތިސޯދަށް ދިމާވި އެންމެ ބޮޑު ހީނަރު ކަމެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރު ކުރުމުގެ ޑިމާންޑް ވަނީ އާދަޔާ ހިލާފަށް ދަށްވެފަ އެވެ. މޭޖާ ބުކިން އިންޖީނުތައް ކަމަށްވާ އެއާބީއެންބީ އާއި އެކްސްޕީޑިއާ އަދި ބުކިން ޑޮޓްކޮމް އިން ރިޕޯޓްކުރާ ގޮތުގައި މި އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް، ދުނިޔޭގެ އެންމެ ގިނަ ބަޔަކު ކޮންމެ އަހަރަކު އެ ގައުމަކަށް ދަތުރުކުރާ ފްރާންސްގެ ހޮޓާތަކަށް ހެދި ބުކިންގެ މިނަވަރު، މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ 99 ޕަސެންޓަށް ދަށް ވެފައެވެ. މި މުއްދަތުގައި ސްޕެއިންގެ ހޮޓާތަކަށް ހެދުނު ބުކިންސްގެ މިންވަރު ވަނީ 97 ޕަސެންޓް ދަށް ވެފައެވެ. ހަމަ މި މުއްދަތުގައި، އިނގިރޭސި ވިލާތުގެ ހޮޓާތަކުގެ ބުކިންސް ވަނީ 51 ޕަސެންޓުގެ ވެއްޓުމަކާ ކުރިމަތިލާން ޖެހިފަ އެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރު އިގްތިސޯދަށް ކުރިއެރުމެއް ލިބޭނެ ހަމައެކަނި ގައުމަކަށް ވާނީ ޗައިނާ އެވެ. ހަމަ އެއާއެކު، މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދަކީ ވެސް ޗައިނާ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. މިވަގުތު ޗައިނާގެ އިގްތިސޯދު 24.2 ޓްރިލިޔަން އެމެރިކާ ޑޮލަރުގައި ހުރިއިރު، އެމެރިކާގެ އިގްތިސޯދު ހުރީ 20.8 ޓްރިލިޔަން ޑޮލަރުގައި ކަމަށް އައިއެމްއެފް އާ ހަވާލާދީ ބައެއް ރިޕޯޓް ތަކުން ވަނީ ބުނަން ފަށާފަ އެވެ.

މިވަގުތު ދަތުރު ފަތުރު ކުރުމުގެ ޑިމާންޑް އިންތިހާއަށް ދައްވެފައި ވުމުން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން ދިޔަ އެތައް މިލިޔަން މަސައްކަތް ތެރިންގެ ވަޒީފާ ގެއްލި އާމްދަނީ ލިބުން ވަނީ މެދު ކެނޑިފަ އެވެ. ލޯޑު ނުލިބޭތީ ގިނަ އެއާލައިން ތަކުގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހި، އެތައް ހާސް ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އެހެން ކަމުން ދަތުރުފަތުރު ކުރެވޭނެ މަގު މިވަގުތަށް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

ސަތޭކަ ކޮޓަރި އައްވުރެ މަތީގެ ކޮޓަރި ހިމެނޭ ޕްރޮޕަޓީ އެއްގައި އެންމެ ކޮޓަރިއެއް ނުވަތަ ދެ ކޮޓަރިއެއް ގައި ފަތުރުވެރިން ތިބުމުގެ ސަބަބުން ދޭން ޖެހޭ ހުރިހާ ޚިދުމަތެއް ފޯރުކޮށް ދިނުމަށް ޓަކައި ގިނަ ޚަރަދު ތަކެއް ކުރަން ޖެހޭތީ، ދުނިޔޭގެ ގައުމުތަކުގެ ނަން މަޝްހޫރު ގިނަ ހޮޓާތަށް ވަނީ ބަންދު ކޮށްފަ އެވެ. ރާއްޖޭގެ ގިނަ ރިސޯޓް / ހޮޓާ /ގެ ސްޓް ހައުސް /ސަފާރީ ތަކުގެ ހާލަކީ ވެސް މިއެވެ.

އިގްތިސޯދުގެ ބޮޑުބައެއް ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާތީ، ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ގައުމަކީ ވެސް ރާއްޖެ އެވެ. އަދި ކޮވިޑުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ސަރަހައްދަކީ ޔޫރަޕް ސަރަހައްދަށް ވެފައި، ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު ބައެއް ހިއްސާ ކުރާ ސަރަހައްދަކީ ޔޫރަޕް ސަރަހައްދުގެ ގައުމުތައް ކަމަށް ވިޔަސް، ޔޫރަޕް ސަރަހައްދުގައި އަދިވެސް މަޑުޖެހުމެއް ނެތި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާ މިހާލަތުގައި، ކޮވިޑްގެ އަސަރު އެންމެ ކުޑަކޮށް ކޮށްފައިވާ ގައުމު ތަކުގެ ނުވަތަ ސަރަހައްދު ތަކުގެ ސަމާލުކަން ނުހޯދިއްޖެ ނަމަ، ކޮވިޑުގެ ބަލިމަޑުކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭނެ ގެއްލުން އިތުރުވެ، މިވަގުތު އިގްތިސާދު ވެއްޓިފައިވާ ވަޅުގަނޑުން އަރައި ގަތުމަށް އެތައް ދުވަހެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.