ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ޓޫރިޒަމް ރިކަވަރީ ބިނާވާނީ، ސައްހަ މައުލޫމާތަށް

ދޮގަކީ ފިހާރައެއްގައި ހުންނަ މެޓާ ފުޅިއެއް ކަހަލަ އެއްޗެކެވެ. މެޓާ ފުޅީގައި ވެސް ތަފާތު ވައްތަރު ތަކުގެ ތަފާތު ކުލަކުލައިގެ މެޓާ ހިމެނޭހެން ދޮގުގައި ވެސް ތަފާތު ވަރުގެ ތަފާތު ކަހަލަ ދޮގު ހިމެނެ އެވެ. މިކަހަލަ މެޓާ ފުޅިއަކުން މެޓައެއް އަގަޔަށް، ގޮތް ބަލަން ނަމަވެސް ލައިފިއްޔާ ގިނަ ފަހަރަށް އެއަށް ޝައުގު ވެރިނުވެ ނުދާހެން، ދޮގު ހަދަން ފެށުމަކީ ވެސް އެކަހަލަ ކަމެކެވެ. ބައެއް ކަހަލަ ދޮގަކީ ފައިސާގެ ދަހިވެތި ކަމުގައި ހެދޭ ދޮގަށް ވާއިރު އަނެއްބައި ދޮގަކީ ތިމާގެ ދުނިޔަވީ އަގު ހިފެހެއްޓުމަށް ހެދޭ ދޮގެވެ.

ބައެއް ސިނާއަތް ތަކުގައި ދޮގު ހެދުމަކީ އިންތިހާއަށް ބޮޑެތި ގެއްލުން ލިއްބައިދޭ ކަމެކެވެ. ޑަކްޓަރަކު ނުރަގަޅު މަންފާއެއް ހޯދުމަށް ބަލި މީހަކަށް އޮޅުވާލާ ފަހަރުތަކުގައި މިފަދަ ހާލަތްތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. ބައެއް މީހުން ދޮގު ހަދަނީ، އެހެން މީހުންގެ ސަމާލުކަން އެހެން މިސްރާބަކަށް ބަދަލު ކުރުމުގެ ބޭނުމުގަ އެވެ. ނުވަތަ ލަދުގަންނަ ހާލަތަކާ ގުޅިގެންނެވެ. ކުރިން ކަނޑައަޅާފައިވާ ސޭލްސް ޓާގެޓްތަކަށް ވާސިލް ނުވެވޭނެކަން ކަށަވަރު ވުމުން، އެކަންދަންނަ މުވައްޒަފަކު އެކަމާއަޅުވާ ވަޒީފާއިން ވަކިކުރާ ހާލަތަކީ މިފަދަ ހާލަތެކެވެ.

އެއްތަނަކުން ހުރިހާ ކަމެއް ފުދޭނެ ކަމަށް މާކެޓް ކޮށްގެން ހިންގާ "ވަން ސްޓޮޕް ސޮލިއުޝަން" ވިޔަފާރި ތަކަކީ ވެސް ދޮގު އަސާސް ތަކުގެ މައްޗަށް ބިނާވެފައިވާ ތަންތަނެވެ. މިކަހަލަ ވިޔަފާރި ތަކުން ކިތަންމެ ވަރަކަށް އިޝްތިހާރު ކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެ އެވެ. ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމަޔަށް ނެގިޔަސް ހުންނާނީ ކައްޗަށޭ ބުނެއުޅެނީ އެހެން ވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުން ހަގީގަތް އެންމެ ގިނައިން ބަދަލުކޮށް މައުލޫމާތު ފަތުރާ ސިނާއަތް ތަކުގެ ތެރޭގައި ފަތުރުވެރި ކަމުގެ ސިނާއަތާއި، މުނިފޫހި ފިލިވުމުގެ ސިނާއަތާއި، ކުޅިވަރުގެ ސިނާއަތާއި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ސިނާއަތް ހިމެނެ އެވެ. މި ސިނާއަތް ތަކުގައި ހަގީގަތް ބަދަލު ކުރާކަން، މި ސިނާއަތް ތަކުގައި މަސައްކަތްކުރާ 34 ޕަސެންޓް މުވައްޒަފުންނަށް ފާހަގަ ކުރެވިފައި ވެއެވެ.

ހޮޓެލް، ޓޫރިޒަމް އަދި ޓްރެވަލް ދާއިރާތަކުގެ ދޮގުތަށް ބިނާވަނީ ބައެއްކަހަލަ ހާލަތްތަކުގެ ހަގީގަތް ފޮރުވުމަށް ޓަކައެވެ. ކްރޫޒް އިންޑަސްޓްރީގެ ދޮގުތައް ބިނާ ކުރަނީ ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅުންހުންނަ ކަންކަމުގައާއި، ދަތުރުކުރާ ފަތުރުވެރިން އެކިއެކި ވައިރަސް ޖެހިގެން މަރުވާ ހާލަތްތަކާ ގުޅިގެންނެވެ.

ހޮޓާތަކުން އެންމެ ގިނައިން ދޮގު ހަދަނީ އެ ހޮޓަލެއް ހުންނަ ލޮކޭޝަނާ ގުޅޭ ގޮތުން ނާއި، ވެންޓިލޭޝަނާ ބެހޭ ގޮތުންނާއި، ރެސްޓޯރަންޓް ތަކުގެ ބަދިގޭގެ ސާފުތާހިރު ކަމާ ގުޅޭ ކަންކަމުގައި ކަމަށް ވެސް ދިރާސާތަކުން ވަނީ ފާހަގަ ކުރެވިފަ އެވެ. އެއާލައިން ތަކުން އާންމު ގޮތެއްގައި ދޮގު ހަދަނީ ޕްރެޝަރައިޒް ކެބިންތަކުގައި ފޯރުކޮށްދެވޭ ނޭވާލާ ވައިގެ ނިޒާމާބެހޭ ގޮތުންކަން ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ.

ދޮގު ފަތުރަމުން ދަނީ ހަމައެކަނި ޓޫރިޒަމް ސިނާއަތުގައި އެކަންޏެއް ނޫނެވެ. މިއަދު ދުނިޔޭގެ ނާގާބިލް ލީޑަރުން ހިމެނޭ ގައުމުތަކުން ނާއި، ޕަބްލިކް ޕްރައިވެޓް ކުންފުނި ތަކުން ކެނޑިނޭޅި ދަނީ، ހަގީގަތް ފޮރުވުމަށް ދޮގު ހަދަމުންނެވެ. ބޮޑު މަގާމެއްގައި ހުރި އެއްވެސް މީހަކަށް މިއަދު އިތުބާރު ނުކުރެވޭ މިންވަރަށް ދޮގު ހެދުމާއި ދޮގު ބުނުމުގެ ކަންކަން މިވަނީ ގޮސްފައެވެ.

އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުގެ މޮޓޯ އެއްގެ ގޮތުގައި "އިން ގޯޑް ވީ ޓްރަސްޓް" އޭ ލިޔެފައި އޮތަސް، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ސަރުކާރުން ތެދު ހަދާފާނެ ކަމަށް، ނުވަތަ ރައްޔިތުންނަށް ފައިދާހުރި ރަނގަޅުކަމެއް ކޮށްފާނެ ކަމަށް ގަބޫލުކުރަނީ އެންމެ 20 ޕަސެންޓް ރައްޔިތުން ކަމަށް ދިރާސާތަކުން ދައްކައެވެ.

މުޅި ދުނިޔޭގެ ވެސް ހާލަތަކީ މިއީކަން، މިހާރު ދުނިޔެއަށް ދިމާވެގެން މިއުޅޭ ކޮވިޑުގެ ވަބާގެ ކަންކަމުގެ ސަބަބުން، މުޅި ދުނިޔެ މިދަނީ ގަބޫލު ކުރަމުންނެވެ. ގައުމުތަކުގެ ހަގީގީ ހާލަތު ފޮރުވުމަށް ސައްހަ މައުލޫމާތު ފޮރުވާ ދޮގު މައުލޫމާތު ފެތުރުން މިވަނީ އާންމު ވެފައެވެ.

މީގެ ކުރިން ދުނިޔެއަށް ދިމާވި ކޮންމެ ކާރިސާއަކުން ފަތުރުވެރިކަމަށް ވަނީ އަރައިގަނެވިފަ އެވެ. ދެހާސް އެއް ވަނަ އަހަރުގެ 9/11 ގެ ހާދިސާއާއި ގުޅިގެން ދަތުރުފަތުރު ކުރުމުގެ މުޅި ސިނާއަތުގެ އިތުބާރު ގެއްލި ރިކަވާ ވާން ހަތަރު އަހަރު ނެގި އެވެ. ދެހާސް ހަތަރު ވަނަ އަހަރު އިންޑިޔާ ކަނޑުގެ ގައުތަކަށް ދިމާވި ސުނާމީގެ ކާރިސާގައި، ސަރަހައްދުގެ އެކި ގައުމުތަކުން 225,000 މީހުން މަރުވި އިރު ރާއްޖޭގެ ޓޫރިޒަމް މުޅިންހެން ހަލާކުވި އެވެ. ދެހާސް އަށް ވަނަ އަހަރުގެ ދުނިޔެއަށް ދިމާވި ފައިނޭންޝަލް ކްރައިސިސް އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދު ހަތަރު ޕަސެންޓަށް ދަށަށް ދިޔަ އެވެ. ދެހާސް ދިހަ ވަނަ އަހަރު އައިސްލޭންޑްގެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ދުނިޔޭގެ އެއާލައިން އިންޑަސްޓްރީ އަށް 2.5 ބިލިޔަން ޔޫރޯގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.

މިއާ ހިލާފަށް މިހާރު ދިމާވެގެން މިއުޅޭ ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ހަރުދަނާ ލީޑާޝިޕްތައް ނެތުމުގެ މައްސަލަތަކާއި ވިޔަފާރިތަކުގެ ވެރިންނާއި މާކެޓްކުރާ ފަރާތްތަކުން ފަތުރަމުންދާ މައުލޫމާތު ތަކުގެ ތެދު ދޮގު ދެނެގަތުން ދަތިވުމުގެ ސަބަބުން ފަތުރުވެރިންގެ ހިތުގައި، ދަތުރު ކުރަން ބޭނުންވާ މަންޒިލް ތަކުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރެވިފައިވާ މިންވަރާމެދު ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފަ އެވެ.

ކޮވިޑްގެ ސަބަބުން ދުނިޔެއަށް އުފަން ކުރުވި އެއްކަމަކީ އިންސާނާގެ ފަރުދީ ސަލާމަތާއި ރައްކާތެރިކަމަށް އިންސާނާ އަހުލުވެރި ކުރުވުން ކަމަށްވާއިރު، ސަލާމަތާއި ރައްކާތެރިކަން ބިނާވަނީ އެކަމަކާ ގުޅިގެން ލިބެންހުންނަ މައުލޫމާތުގެ ސައްހަ ކަމުގެ މައްޗަށް ކަމަށްވާއިރު، ލިބެންހުރި މައުލޫމާތާ މެދު ފަތުރުވެރިންގެ ހިތުގައި ނުތަނަވަސް ކަން އުފެދިފައި އޮތް މިންވަރު ބޮޑުވުމަކީ މިވަބާއިން އަރައިގަތުމަށް އެތަކެއް ދުވަހެއް ނަގާފާނެ ކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. އެހެންކަމުން ދަތުރުކުރާ މަންޒިލަކީ ގުދުރަތީ ރީތިކަން ކިތަންމެ ބޮޑު މަންޒިލަކަށް ވިޔަސް ފަތުރުވެރިޔާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްނުދެވޭ ނަމަ، ރިކަވަރީގެ ދުވެލި އިތުރަށް ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.