ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރާއްޖެ ސޭފް ޓޫރިޒަމް ސްޓޭމްޕެއް ނުހޯދަންވީ ކީއްވެ؟

ކޮވިޑް-19 އާ ގުޅިގެން ދަތުރުވެރިންގެ ހިތުގައި ބިރު އުފައްދައިފި އެވެ. ދަތުރު ކުރާ މަންޒިލްތަކުގެ ރައްކާތެރިކަމާ މެދުގައި މެހުމާނުންގެ ސިކުނޑީގައި ޝައްކާއި ވަހުމް ގިނަ ވެއްޖެ އެވެ. ތިމާ ޗުއްޓީ އަށް ދާ މަންޒިލުގައި ހުރީ ސިއްހީ ގޮތުން ކޮން ސާފު ތާހިރު ކަމެއް ތޯ ސުވާލު އުފައްދަން ފަށައިފި އެވެ. މި ވަގުތު މިހާރު ދުނިޔޭގައި އެންމެ ބާރަށް ހިނގާ ހަބަރަކީ އަމިއްލަ ޖަމިއްޔާއަކުން ރައްކާތެރިކަން ކަށަވަރުކޮށް ދޭ "ސޭފް ޓޫރިޒަމް ސްޓޭމްޕް" އެއްގެ ވާހަކަ އެވެ. ޓޫރިޒަމް ސިނާއަތުގައި މިހާރު އެންމެ ހިންގާ ސުކުރީއަކީ މި އެވެ. މި ސެޓްފިކެޓް ގައުމުތަކުން ހޯދާ ވާހަކަ އެވެ. ފަހަރު ގައުމަަކުން މި ސްޓޭޕް ހޯދަމުންދާއިރު މި ސަރަހައްދުން އެންމެ ފުރަތަމަ މި ސްޓޭމްޕް ހޯދި ގައުމަކީ އަވަށްޓެރި ސްރީލަންކާ އެވެ. މިއާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ބޭފުޅުން މި ސްޓޭމް ރާއްޖޭން ނު ހޯދަނީ ކީއްވެގެން ތޯ ސުވާލު އުފައްދަން ފެށި އެވެ.

މިއީ ކޮން ސްޓޭމްޕެއް ހެއްޔެވެ؟ މި ސްޓޭމްޕުން ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ މި ހާލަތުގައި މީގެން އެއްވެސް މަންފާއެއް ގައުމަށް ކޮށްފާނެ ހެއްޔެވެ؟ މިއީ ކޮން ބަޔަކު ދޭ، ކިހާ ޔަގީންކަން ބޮޑު އެއްޗެއް ހެއްޔެވެ؟ މިދީ ދުނިޔެ ގަބޫލުކުރާ އެއްޗެއް ހެއްޔެވެ؟ މި ސްޓޭމްޕް ރާއްޖެ އަށް މުހިންމު ހެއްޔެވެ؟ ޓޫރިޒަމް ސިނާއަތުގެ ހިޔާލަކީ ކޮބައި ހެއްުޔެވެ؟

"މިހާލަތުގައި [ކޮވިޑް-19] އާ ގުޅިގެން އެންމެންގެ ބޮލުގަ އިންނާނެ އެންމެ ބޮޑު ބިރަކީ ސިއްހީ ޔަގީންކަން. ސޭފް ޓޫރިޒަމް ސްޓޭމްއަކީ ތިންވަނަ ފަރާތަކުން ބަލާފައިދޭ އެއްޗެއް. އެހެންވެ، މި ސެޓްފިކެޓް ނޫނީ ސްޓޭމްޕް މުހިންމު ވަނީ. ފަހަރުގައި މިއީ އެންމެ ރަނގަޅު އެއްޗަކަށް ނުވެދާނެ. އެކަމަކު މާކެޓިން އެސްޕެކްޓް އަކުން ބަލާނަމަ މިހާލަތަށް މިއީ ސައިކޮލޮޖިކަލް ގޮތުން މުހިންމު އެއްޗެއް. މި ނުހޯދައި ނޫނީ ހޯދަން ނޫޅެ ތިބުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް،" ސަރުކާރުގެ މާކެޓިން ކުންފުނި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވި އެވެ.

ޑަބްލިއުޓީޓީސީ އިންޑަސްޓްރީގެ ފުންނާބުއުސް

"ސޭފް ޓޫރިޒަމް ސްޓޭމްޕް" ގެ ނަމުގައި ރައްކާތެރިކަމާއި ސާފުތާހިރުކަމުގެ ކަށަވަރުކަން ނުވަތަ މިހާލަތުގައި ހާލަތު މެނޭޖު ކުރެވެމުންދާކަމުގެ ޔަގީންކަމާއެކު ސެޓްފިކެޓެއް ދެމުން ގެންދަނީ ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިންނެވެ. މިއީ އަމިއްލަ ޖަމިއްޔާ އެވެ. ކުރުކޮށް ބުނާނަމަ މިއީ ރާއްޖޭގެ މަސީ އާއި މަޓާޓޯ ފަދަ ޖަމިއްޔާ އެވެ. އިނގިރޭސިވިލާތުގައި 1990 ވަނަ އަހަރު އުފެދިފައިވާ މި ޖަމިއްޔާގެ ރައީސްއަކީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ ހިލްޓަން ގްރޫޕުގެ ސީއީއޯ ކްރިސްޓޮޕާ ޖޭ އެވެ. ދެ މި ޖަމިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ދުނިޔޭގެ ހުރިހާ ބޭފުޅުންނަކީ ވެސް ޓޫރިޒަމް ސިނާއަތުގެ ފުންނާބުއުސް ބޭފުޅުންނެވެ. މި ޖަމިއްޔާ ގިނަ ބަޔަކު ބަލައިގަންނަ ސަބަބަކީމި އެވެ.

ޑަބްލިއުޓީޓީސީގެ މި ސެޓްފިކެޓް ދުނިޔޭގެ ގައުމު ތަކުން ބަލައި ގަންނަން ސަބަބަކީ ކޮވިޑް-19 އަށްފަހު މިއީ ތިން ވަނަ ފަރާތަކުން ދޫކުރާ ސެޓްފިކެޓަކަށް ވުމެވެ. ނަމަވެސް މިއީ މި ފަދަ ސެޓްފިކެޓެއް މި ޖަމިއްޔާ އިން ގައުމު ތަކަށް ދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ޖަމިއްޔާ އިން މިފަދަ ސެޓްފިކެޓެއް ދެމުން ގޮސްފައިވަނީ އަމިއްލަ ޕްރޮޕަޓީ ތަކަށެވެ. އެ ޖަމިއްޔާ އިން ދަނީ ރައްކާތެރިކަމުގެ މި ސެޓްފިކެޓް 11 ސިނާއަތަށް ދެމުންނެވެ.

ޑަބްލިއުޓީޓީސީ އިން ބުނާ ގޮތުގައި މި ސްޓޭމް އިން ދޭ ޔަގީންކަމަކީ އެ މަންޒިލަތަށް ނުވަތަ ޕްރޮޕަޓީ އަކަށް އަންނަން ބޭނުންވާ މީހަކަށް އެތަނަކީ ރައްކާތެރި "ސޭފް" ތަނެއްގެ ކަށަވަރުކަން ލިބުމެވެ. މި ސެޓްފިކެޓެއް ދޫކުރަން ފީއެއް ނުނަގަ އެވެ. އެކަމަކު މި ސެޓްފިކެޓް ލިބޭނީ އެ ޖަމިއްޔާގެ މެންބަރަކަށް ވުމުންނެވެ. އެހެންވެ، މެންބަރަޝިޕް ފީއެއް ދައްކަން ޖެހެ އެވެ. މެންބަޝިޕް ފީގެ ގޮތުގައި ލައްކަ އަކަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހެ އެވެ. މި ޖަމިއްޔާއަކީ ޔޫއެންޑަބްލިއުޓީއޯ ނުވަތަ ޑަބްލިއުޓީއޯ ނޫނީ އެމެރިކާގެ ސީޑީސީ ފަދަ އެއްވެސް ތަނެއް އެފިލިއޭޓް ވެފައިވާ ބައެއް ނޫނެވެ. ނަމަވެސް "ރަނގަޅު ވަގުތު" ފެށި މި މަސައްކަތުން އެ ޖަމިއްޔާ އިން ވަނީ މުހިންމު ގައުމު ތަކެއް "އަތުއަޅުވާލާފަ" އެވެ. ރައްކާތެރިކަމުގެ ޔަގީންކަން ދައްކަން ބޭނުންވެފައިވާ މުހިންމު ވަގުތު ދޫކުރަން ފެށި މި ސެޓްފިކެޓު ފުރަތަމަ ހޯދި އެއް ގައުމަކީ ސްރީލަންކާ އެވެ. ކޮވިޑް-19 މައިތިރިކޮށްފައިވާ ކަމަށް ބުނާ އެ ގައުމުން މި ސެޓްފިކެޓް ހޯދުމާއެކު މުޅި ދުނިޔެ އެ ހޯދަން ދުއްވައި ގަތެވެ. ރާއްޖެ އަށް ވެސް މިއީ އޮންނަ އެއްޗެއްކަން ވެސް "ރޭކާލީ" އޭގެ ފަހުންނެވެ.

ކޮވިޑް-19 ދުނިޔޭގައި ހުރިހާ ގައުމެއްގައި ފަތު އަޑު ކިޔާފަ އަދިވެސް ފެތުރެމުންދާއިރު މި ސެޓްފިކެޓް މިހާރު ލިބުނީ ކޮން ގައުމުތަކަކަށް ހެއްޔެވެ؟ މި ސްޓޭމްޕް ލިބޭނީ ކޮވިޑް-19 އެއްކޮށް ފިލީމަ ހެއްޔެވެ؟ ނުވަތަ ނެތް ގައުމަކަށް ވުމުން ހެއްޔެވެ؟

ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފި!

"ސޭފް ޓޫރިޒަމް ސްޓޭމްޕް" މިހާތަނަށް އޭޝިއާ އަދި ޕެސިފިކް ގައުމުތަކުގެ ތެރެއިން ހޯދާފައިވަނީ ސްރީލަންކާއަކީ ގުއާމް އަދި އިންޑޮނޭޝިޔާ އަށެވެ. މި ސެޓްފިކެޓް ލިބުނު ގައުމުތަކުގެ ތެރެއިން އިންޑޮނޭޝިޔާގައި ކޮވިޑް-19ގެ ބަލި 155,412 މީހަކަށް ޖެހި މި ބަލީގައި 6,759 މީހަކު މަރުވެފައިވެ އެވެ. އެ ގައުމުގައި އެކްޓިވް ކޭސްތައް އިތުރުވަމުން ދާ ރޭޓް މަތި ނަމަވެސް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދައްވުމެއް އައިސްފައިވެ އެވެ. މި ސްޓޭމް ލިބިފައިވާ ގައުމުތަކުގެ ތެރެއިން ސްޕެއިން އާއި ޔޫކްރެއިން އަދި ބަލްގޭރިއާ އާއި ތުރުކީ އަދި ރަޝިއާ އާއި އޮސްޓްރިއާ ފަދަ ގައުމުތައް ވެސް ހިމެނެ އެވެ. މި ގައުމުތަކަކީ ނިސްބަތުން ކޮވިޑް-19 ބަލީގެ އެކްޓިވް ކޭސްތައް ގިނަ އަދި މިހާރު ވެސް މަތި ވަމުންދާ ގައުމުތަކެވެ. ނަމަވެސް މި ބަލީގެ ލަގަން ފުރިހަމަ ކޮންޓްރޯލް ސިއްހީ ދާއިރާ އާއި ސަރުކާރުގެ އަތުގައި އޮތް ގައުމުތަކެވެ. ބަލި މެނޭޖު ކުރާ ގައުމުތެކެވެ.

ސޭފް ޓޫރިޒަމް ސްޓޭމްޕް މި ގައުމު ތަކަށް ލިބުނު މައިގަނޑު އެއް ސަބަބަކީ މިއީ ކަމަށް ބެލެވެ އެވެ. މި ސެޓްފިކެޓް މިހާރު ވެފައިވަނީ ދަތުރު ކުރަން ބޭނުންވާ މީހުންގެ މެދުގައި ބަލާ އެއްޗަކަށެވެ. ގިނަ ގައުމު ތަކުން މި ބޭނުން ވަނީ އެހެންވެ އެވެ. ސޭފް ޓޫރިޒަމް ސްޓޭމްއަކީ ޔޫއެންޑްބިއުޓީއޯގެ ސީދާ އެފިލިއޭޝަން ނެތް އެއްޗެއްނަމަވެސް، އެ ޖަމިއްޔާ އިން ވަނީ މި ސްޓޭޕް ދޭ ދިނުމަށް މަރުހަބާ ކިޔާފަ އެވެ.

ސޭފް ޓޫރިޒަމް ސެޓްފިކެޓް ލިބުނު އެއް ގައުމު ކަމަށްވާ ކްރޮއޭޝިއާގެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސް ނިކޮލީނާ ބްރަންޖަކް ވިދާޅުވެފައިވާ ގޮތުގައި ޓަބްލިއުޓީޓީސީގެ "ސޭފް ޓޫރިޒަމް ސްޓޭމް" އަކީ ދަތި މި ވަގުތު ލިބުނު ބޮޑު އެހީތެރިކަމެވެ. އެ ގައުމުތަކުން މި ސްޓޭމްޕް ބަލައިގަންނަނީ ބުކިން ހެއްދުމުގެ ކުރިިން ޕްރޮޕަޓީގެ ރިވިއު ބަލާލާ ގޮތަށް، ބަލައި ލެވޭ އެޗެއްގޮތުގަ އެވެ.

މިއީ ކޮންމެ ގޮތަކަށް ދޭ އެއްޗަކަށްވީ ނަމަވެސް މި ސެޓްފިކެޓް މިހާރު ވެފައިވަނީ ދުނިޔެ ގަބޫލުކުރާ އެއްޗަކަށެވެ. އެހެންވީއިރު ރާއްޖޭން މި ނުހޯދަނީ ކީއްވެގެން ތޯ ސުވާލެއް ނުއުފެދޭ ހެއްޔެވެ؟ ޓޫރިޒަމް އިންޑަސްޓްރީން މި ސެޓްފިކެޓް ހޯދަން ބޭނުންވޭ ހެއްޔެވެ؟ ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެއަކީ އެންމެ ސޭފް އެއް ގައުމެވެ. ރައްކާތެރިކަމުގެ ކަށަވަރުކަން އެންމެ ދެވޭނެ އެއް ގައުމެވެ.

ހޯދަން އުޅޭއިރު، އިންޑަސްޓްރީގެ ކަފި ހިޔާލު

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން އަވަސް އަށް ވިދާޅުވި ގޮތުގައި ޑަބްލިއުޓީސީގެ މެމްބާޝިޕް ހޯދައިގެން ރާއްޖެ އަށް އެ ސްޓޭމްޕް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާ، އެ ޖަމިއްޔާގެ ހުރިހާ އެ ޖަމިއްޔާއިން ބުނާ ހުރިހާ މިންގަނޑު ތަކަށް ވެސް ރާއްޖެ ފިޓްވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މި ސެޓްފިކެޓް ލިބިދާނެކަމުގެ އިޝާރާތެއް ވެސް އޭނާ ދެއްވި އެވެ.

"މި ސްޓޭމްޕް ހޯދުމަށް ރިކުއަމެންޓްސްގައި ހުރި ހުރިހާކަމެއް ވާނީ ފުރިހަމަކޮށްފަ. އެކަންތައް ކުރަމުން މިދަނީ،" ރަޒާން ވިދާޅުވި އެވެ.

ރާއްޖޭން މި ސްޓޭޕް ހޯދަން މަސައްކަތް ކުރަމުންދާއިރު، އިންޑަސްޓްރީގެ ހިޔާލު ވަނީ ކަފިވެފަ އެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ، މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި ގޮތުގައި މި ސެޓްފިކެޓްއަކީ ކޮންމެހެން މުހިންމު އެއްޗެއް ނޫން ކަމަށެވެ.

"މިއީ ޑަބްލިއުއެޗްއޯ ނޫނީ މިފަދަ އެއްވެސް ބަޔަކާ ގުޅުންހުރި އެއްޗެއް ނޫން. އެހެންވެ މިއީ މިހާލަތަށް މާ މުހިންމު އެއްޗެއް ނޫން. މިއީ އަޅުގަނޑުގެ ހިޔާލު. މިއަށް ވުރެ މާރަނގަޅުވާނެ ޔޫއެންޑަބްލިއުޓީއުޓީއޯ ނޫނީ ޕާޓާ ފަދަ ބަޔަކާ ގުޅިގެން ކަމެއް ކުރިއްޔާ. އަނެއްކާ ބޮޑު އަދަދަކުން އެބަ ފައިސާ ދައްކަން ޖެހޭ،" ހަލީލް ވިދާޅުވި އެވެ.

ނަމަވެސް، ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިހާލަތުގައި ރައްކާތެރިކަން ދައްކަން ލިބޭ ކޮންމެ އެއްޗެއް ހޯދުމަކީ ބުއްދިވެރި ގޮތެވެ.

މޯލްޑިވްސް ޓްރެވަލް ކަލެކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިރުޝާދު ވިދާޅުވި ގޮތުގައި "ސޭފް ޓޫރިޒަމް ސްޓޭމްޕް" ރާއްޖެ އަށް ވަރަށް މުހިންމެވެ.

"މި ހާލަތުގައި އެފަދަ ހުރިހާ އެއްޗެއް ހޯދަން ޖެހޭ. މިއީ ލިބޭ ޔަގީން ކަމެއް. މިކަން ކުރަން ޖެހޭ އެބަ،" މިރުޝާދު ވިދާޅުވި އެވެ.

މަންޒިލް ތަކަށް ދަތުރު ކުރަން އަންނަ ބިރަކީ މިހާރު ކުރިމަތިވާނެ އެންމެ ދަތިކަމެވެ. ދުނިޔޭގެ ގައުމު ތަކުން މި ސްޓޭޕް ހޯދަނީ އެހެންވެ އެވެ. އެހެންވެ ދުނިޔޭގެ އެހެން ގައުމު ތަކުން ހޯދާ އެއްޗެއް ރާއްޖޭން ނުހޯދާ ތިބެންވީ ކީއްވެ ހެއްޔެވެ؟ ނުހޯދަ ތިބުމުގެ މާނައެއް އެބައޮތް ހެއްޔެވެ؟

ރާއްޖެ އުފެދިފައި އޮތީ ވަކިންނެވެ. "ވަން އައިލެންޑް" ކޮންސެޕްޓް އަށެވެ. އެހެންވެވީއިރު "ސޭފް ޓޫރިޒަމަށް" ދޭ ސެޓިފިކެޓެއް ފުރަތަމަ ލިބެން ޖެހޭނީ އެއް ގައުމަކީ ރާއްޖެ އެވެ. އެ ސްޓޭމްޕްއަކީ ކޮންމެހެން ވޯލްޑް ޓޫރިޒަމް ކައުންސިލުން ދޭ އެއްޗަކަށްވާކަން ލާޒިމެއް ވެސް ނޫނެވެ. މި ފަދަ ރައްކާތެރިކަން ކިޔައިދޭ "ޕީއާރު ސްޓޭމްޕް" އެއް ދުރާލާ ހޯދަން ޖެހޭކަން ނޭނގުމަކީ ފެއިލްވުމަކަށް ނުވޭ ހެއްޔެވެ؟