ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ޓްރެވަލް ބަބްލް އިން އެހެން ވާހަކައެއް!

Apr 25, 2021
9
އިންޑިއާގެ ޓްރެވެލް ބަބްލްގެ ތެރެއިން ރާއްޖެއަކީ މީހުން ކަރަންޓީންވާން އަންނަ ގައުމަކަށް ވަނީ ހަދާފައި
0%
50%
50%

ކޮވިޑް-19 އިގެ ބަލި ދުނިޔެއަށް ފެތުރުމާއެކު ރާއްޖެ އާއި އިންޑިއާއިން އަވަސްވެގަތީ ދެ ގައުމަށް ފައިދާ ވާނެ ގޮތަށް "ޓްރެވަލް ބަބަލް" އެއް ނުވަތަ ފަސޭހަ އިންތިޒާމެއްގެ ދަށުން ދަތުރު ކުރެވޭނެ ގޮތެއް ހަދާށެވެ. މިއީ މިފަދަ ހާލަތްތަކުގައި ގާތް ރަހުމަތްތެރި އަދި މުހިންމު ގައުމު ތަކުން ބާއްވާ ހާއްސަ ގުޅުމެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ޓްރެވަލް ބަބަލް ހެދުމާއެކު ދެން ފެނިގެން ދިޔައީ އިންޑިއާގެ އެއާލައިންތައް ފުލުފުލުގައި ރާއްޖެއަށް ޖައްސަން ފެށި ތަނެވެ. މިކަންވީ މަންޒަރު ބަލާ މީހުންނަށް ރީތި ކަމަށެވެ. އެކަމަކު މިކަމުގެ "ބޮޑު މަންޒަރަށް" ވިސްނާ ބަލާ މީހަކަށް މީގެ ހަގީގީ ފޮޓޯ ފެންނާނެ އެވެ.

މި ވާހަކަ އެއްފަރާތުގައި ވަނިކޮށް މީގެ މަހެއްހާ ދުވަސް ކުރިން ސަމާލު ކަމަށް އަންނަން ފެށީ އެހެން ވާހަކަ އެކެވެ. އިންޑިއާ ރައްޔިތުންގެ "ކަރަންޓީ މަންޒިލަކަށް" ރާއްޖެ ވެފައިވާ ވާހަކަ އެކެވެ. ހޫނުގުޅަ ވިކޭ ގޮތަށް މި ވާހަކަ ދައުރު ވާން ފެށިއިރު އިންޑިއާގެ ބޮޑެތި ސިޓީތައް އޮތީ ކޮވިޑް ބަލީގެ "ނަރަކަ" އެއް ފަދަ ހާލަތަށް ވެއްޓިފަ އެވެ. އެކަމަކު އެ އިންޑިއާއިން ޓޫރިސްޓު ވިސާއެއް ހިފައިގެން އަންނަ މީހުންނަށް ޕީސީއާރް ޓެސްޓެއް ރާއްޖެ އަކަށް ބޭނުމެއް ނުވެ އެވެ. މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ މީގެ އާހިރު ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ މި ހާލަތުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވެދާނެ ހެއްޔެވެ؟

"މިހާލަތުގައި މިގޮތަށް މީހުން [ޓޫރިސްޓުން] ގެނައުމުގައި އެބަޖެހޭ ވިސްނުން ތަކެއް ވިސްނަން. މިއީ އަޅުގަނޑު ޕާސަނަލީ ދެކޭ ގޮތް،" ގެސްޓްހައުސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ނާސިހު ވިދާޅުވި އެވެ.

އިންޑިއާގެ ޓޫރިސްޓުންގެ ކަރަންޓީން މަންޒިލެއްގެ ގޮތުގައި ރާއްޖެ ހަދަން ދޫކޮށްލުމުން އެކަން އެގޮތަށް ބަދަލުވެފައިވާއިރު، މިހާރު ދުނިޔޭގައި އެންމެ ގަދައަށް ކޮވިޑް-19 އިގެ ބަލި ފެތުރޭ ގައުމަކީ އިންޑިއާ އެވެ. ރާއްޖޭން ދީފައިވާ ލުއިތަކާއެކު އިންޑިއާ ޓޫރިސްޓުން ރާއްޖެ އަންނައިރު ޕީސީއާރް ޓެސްޓް ހަދާކަށް ނުޖެހެ އެވެ. އެ މީހުންނަށް ޕީސީއާރު ޓެސްޓެއް ބޭނުން ވާނީ ރާއްޖޭން ފުރުމުގެ ކުރީގަ އެވެ. އެހެންވެ، ބަލި ހުރިނަމަ ހުރިކަން އެނގޭނީ އެ މީހުން ފުރަންވުމުންނެވެ. އެ ހިސާބުން ބަލާއިރު ބަލި ފެތުރުމުގެ ޗާންސް އޮންނާނެ އެވެ. އަނެއްކާ އެހެން މައްސަލަ އެއް މީގެ ސަބަބުން ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.

އިންޑިއާ މާކެޓުން ބޮޑު ޑިމާންޑެއް

ޓޫރިސްޓެއް ވީއައިއޭގައި: ރާއްޖޭގެ ޓޫރިޒަމްގައި އިންޑިއާގެ ރޯލް ބޮޑު -- ފޮޓޯ: އަވަަސް

އިންޑިއާ މީހުން ރާއްޖޭގައި ކަރަންޓީން ވާން އަންނައިރު، މިކަމަށް ބޮޑު ޑިމާންޑެއް ވެސް އެބައޮތެވެ. ކަރަންޓީން ވާން މި އަންނަ މީހުންނަކީ މެދުއިރުމަތީގެ ގައުމު ތަކަށް ވަޒީފާއަށް ދާ މީހުންނެވެ. ކޮވިޑް-19 އާ ގުޅިގެން މެދުއިރުމަތިން ގެއްލުނު ވަޒީފާއަށް އެ ގައުމު ތަކުން އަލުން އިޔާދަކޮށް މިހާރު ދަނީ ލޭބަރުން ފަދަ ވަޒީފާތަކަށް ބޭރު މީހުން ހޯދަމުންނެވެ.

އިންޑިއާގެ ލޭބަ ފޯސްއަކީ މެދުއިރުމަތީގައި ޑިމާންޑް ބޮޑު ބައެކެވެ. ޔޫއޭއީއަށް އެކަނި ބަލާއިރު މިހާރު ވެސް 75،000 އަށްވުރެ ގިނަ ލޭބަރުންގެ ވަޒީފާ އިއުލާނު ކޮށްފައިވެ އެވެ. އެހެންވެ މި ވަޒީފާތައް ފުރަން ގިނަ ބަޔަކު ކުރިއަށް އޮތް ތަނުގައި ވެސް ދަތުރު ކުރާނެ އެވެ. އިންޑިއާގެ މި ލޭބަ ފޯސް ދަތުރު ކުރުމަށް ކަރަންޓީން މައި މަންޒިލެއްގެ ގޮތުގައި ހަދާފައި ވަނީ ނޭޕާލާއި ރާއްޖެ އެވެ. ނޭޕާލަކީ ގިނަ އެއާލައިންތަކެއް ދާ ގައުމަކަށް ނުވުމާއެކު ބޮޑު ޑިމާންޑް މިއޮތީ ރާއްޖެ އަށެވެ.

އިންޑިއާއިން ކަރަންޓީން ޓޫރިސްޓުން ގެންނަ ރާއްޖޭގެ ޓްރެވަލް އެޖެންޓަކު ބުނި ގޮތުގައި އެ ކުންފުނިން މިހާތަނަށް 2،000 މީހުން އެގޮތަށް ގެނެސްފައި ވާނެ އެވެ. އަދި މިހާރު ހުޅުމާލޭގައި އެކަނި 400 އެއްހާ މީހުން އުޅޭނެ އެވެ. މީގެ އިތުރުން އއ. މަތިވެރި އާއި އދ. ތޮއްޑޫ އަދި މާލެ އަތޮޅު ގުރައިދޫ ފަދަ ރަށްރަށުގައި ވެސް އެ މީހުން ތިބިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމަކީ ވިޔަފާރީގެ ގޮތުގައި ރަނގަޅު ކަމެކެވެ. ނަމަވެސް ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު ތަކެއް އަޅަން ޖެހެ އެވެ.

"މި ވަގުުތު އިންޑިއާ އޮތް ގޮތުން އެ މީހުން ޕީސީއާރް ޓެސްޓެއް ގެނައި ނަމަވެސް އެއަށް އިތުބާރެއް ނެތް. އެއީ ހަމަ ޕްރިންޓެއް. އެހެންވީމަ އޮތް ގޮތަކީ ވީއައިއޭއަށް އެ މީހުން އަންތަނުން ހަތަރު ގަޑިއިރެއްހާއިރު މަޑު ކުރުވާފަ ޓެސްޓް ހަދައި ރިޒަލްޓް ނެރުން. މިކަން ކުރެވޭނެ ކެޕޭސިޓީ ހުރި ލެބްތައް ރާއްޖޭގައި އެބަހުރި،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ޓްއާ އޮޮޕަރޭޓަރުގެ ވެރިޔާ ބުންޏެވެ.

ކަރަންޓީން ޓޫރިސްޓުންގެ ޑިމާންޑް ރާއްޖޭގައި ހިފާފައިވާއިރު ރައްކާތެރި ކަމެއް ނެތި އިންޑިއާ މީހުން ރާއްޖެ އެތެރެވާން ފުރުސަތު ދީފިނަމަ ކޮވިޑް ރޯގާ ފެތުރުމުގެ ބިރު އެބައޮތް ކަމަށް ސިއްހީ މާހިރުން ގަބޫލުކުރައްވަ އެވެ. ސިއްހީ ސައިޑުގެ އިތުރުން އޭގެ ސަބަބުން ދަތި ހާލަތުގައި އޮތް ގެސްޓްހައުސް އިންޑަސްޓްރީ އަށް ވެސް ނިކަމެތިކަމެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. އެ ނިކަމެތި ކަމަކީ ރަނގަޅު ވިޔަފާރިއެއް ލިބެން ފެށުމާއެކު މި މާކެޓު ބަންދުވުމުގެ ބިރު އޮތުމެވެ. ސަރުކާރުން މިހާރު ކަންތައް ކުރާ ގޮތުން ދެން އަންނަ ސްޓެޕެއްގައި އަޅާ ފިޔަވަޅު ފިޔަވަޅާއެކު ގެސްޓްހައުސްއަށް މި މާކެޓު ބަންދު ކުރުމުގެ ބިރު އެބައޮތެވެ.

ގެސްޓްހައުސްތަކަށް ގެއްލުން

ގިނަ ގެސްޓްހައުސްތަކެއް ހުންނަ އއ. އުކުޅަސް: މި އަތޮޅުގެ ގިނަ ގެސްޓްހައުސްތަކުގައި ކަރަންޓީން ޓޫރިސްޓުން އެބައޮތިބި -- ފޮޓޯ: އަވަސް

ރާއްޖޭގެ ގެސްޓްހައުސްތައް ނިސްބަތްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަމްސީލް ކުރާ އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުއް ލަތީފު ވިދާޅުވި ގޮތުގައި ރައްކާތެރި ނޫން ގޮތަށް މީހުން އަންނަ ފުރުސަތު ދީފިނަމަ، މި މާކެޓުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް ވެސް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.

"މިހާރު މީހުން ގިނައިން މި އަންނަނީ ގެސްޓްހައުސް ތަކަށް. އެކަމަކު މި އަންނަނީ ޕީސީއާރް ނުހަދަ. ފުރާއިރު ހަދަން ޖެހެނީ. މިހެންވީމަ ވާނެ ގޮތަކީ ބަލި ފެތުރެން ފަށައިފިނަމަ ދެން މި މީހުންނަށް އާދެވޭނީ ހަމައެކަނި ރިސޯޓު ތަކަށް. އެހެންވެއްޖެނަމަ އެއީ ގެސްޓްހައުސްތަކަށް ލިބޭނެ ގެއްލުމެއް. އެހެންވީމަ އެބަޖެހޭ މީގެ ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅަން،" ލަތީފު ވިދާޅުވި އެވެ.

އިންޑިއާގެ ލޭބަފޯސް ކަރަންޓީންވާ މަންޒިލަކަށް ރާއްޖެ ހަދާފައިވާއިރު މިކަމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ދަނީ ފަހަތު ފަޔަށް ބުރަވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަވަސް އަށް ވިދާޅުވި ގޮތުގައި "ޑުއަލް ޑެސްޓިނޭޝަން ޓޫރިޒަމް" ރާއްޖެއަށް މުހިންމެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ މައްސަލާގައި އިތުރު ފިޔަވަޅުތަކެއް އަޅަން މަޝްވަރާ ކުރާނެ އެވެ.

"މިހާރު ދައްކާ ގިނަ ވާހަކަަތައް މި ދެކެވެނީ ދިރާސާއެއް ނެތި. މިހާރު ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ފެތުރިގެން އުޅެނީ ވަކި ގައުމެއްގެ ޓޫރިސްޓުންގެ ފަރާތުންކަން އެނގޭނެ އިންޑިކޭޝަނެއް އަދި ނެތް،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ކޮވިޑްގެ ނަމްބަރުތައް މަތިވެފައިވާއިރު، ކައުންސިލް ކެމްޕޭނާއި އާއްމު އާދަކާދަތަކުގައި ބޮޑު ރޯލެއް ކުޅުމަކީ ވެދާނެ ކަމެކެވެ.

"ކޮވިޑް-19 އިގެ އެންމެ ގޯސް ހާލަތުގައި ވެސް ސޭފްޓީ ޕްރޮޓޮކޯލްތަކާއެކު ޓޫރިޒަމް ހިންގައި ދުނިޔެއަށް މިވަނީ މިސާލު ދެއްކިފަ. އެހެންވީމަ މިގޮތުގައި ހުރިހާ މީހުން ގުޅިގެން ކުރިއަށް ދިއުން މުހިންމު. އޭރުން ކާމިޔާބުވާނީ،" މައުސޫމް ވިދާޅުވި އެވެ.

ކޮވިޑް ބަލީގައި އިންޑިއާ އެއޮތީ ކަކޫމައްޗަށް ތިރިވެފަ އެވެ. ބަލި ދަނީ ފެތުރެމުންނެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ބޭނުންވެ އެވެ. މި ފިޔަވަޅު ނާޅައިފިނަމަ ރާއްޖޭގެ ވިޔަފާރިއާއި ސިއްހީ ނިޒާމަށް ވެސް ގެއްލުންވާނެ އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޓފ

މައުސޫމުވެސް މާމޮޅުވެލާފާ ފާޑުފާޑުގެ ވާހަކަ ނުދައްކާ. ހަމަބިމަށް ތިރިވެ އެހެންމީހުންގެ ލޮލުންވެސް ބަލާބަލަ.

މިއަދު

ރާއްޖެއިން ކޮވިޑް ކޮންޓްރޯލްވެފައިވަނިކޮށް ޓޫރިޒަމް މިނިސްޓަރ ޑިގުއަރުވަން ކުރިކަމަކުން މިގައުމުވިވެއްޓުނީ ފުންވަޅަކަށް ހަމަ އިންޑިޔާ އައިޓް

ހިތަދޫ ހުސެން

މިރިޕޯޓް ނެރުނީމާ ދޯ މިހާރު އިނޑިޔާ މީހުން ގެސްޓް ހައުސް ތަކުގައި ތިބުން މަނާ ކުރީ މީ! ކީކޭ ބުނާނީ..

ރަޓުމީހާ

ހީވާގޮތުން އިންޑިއާ މީހުން އައުން ހުއްޓުވަން ޖެހޭނީ ރައްޔިތުން މަގުތަކަށް ނުކުމެގެން މިއުޅެނީ ސަރުކާރުގެ ބާރު ނުހިނގާ އިންޑިއާގެ ނުފޫޒްވަދެގެން މިތާހުންނަ އިންޑިއާ އެންބަސީން އަންގާގޮތަށް ވެރިކަންކުރާތާ ކިތަމެ ދުވަހެއް މިހާރު އެމް.ޑީ.ޕީ މީހުންނަކީ ނާތަހުޒީބް އިންޑިއާ އުނގަށް ވަދެގެން ޤައުމު ހަލާކުކުރަން އުޅޭ ބައިގަނޑެއް.

ބަންބަ

ތި މައުސޫމަކީ ވަރަށް ނުރައްކާ މީހެއް އޭނާ އެ ދައްކާވާހަކައިން ދިވެހިންގެ ފުރާނައަކީ އެއްވެސް އަގެއް ނެތްއެއްޗެއްގެ ގޮތުގަ މާނަކުރެވެނީ ބަލަ އިހަށްދަުވަހު ދިއްފުށިން ފެނުނީ އިންޑިއާ މީހަކު މަރުވެފައި އޮށްވާ އަދި އިނޑިއާގައި ފެތުރޭ ވޭރިއަންޓަކީ ނުރައްކާތެރި ހަލުއި ސްޕީޑްގައި ފެރުރޭ ވައިރަހެއް އެކަމަކު މައުސޫމްމެން މިއުޅެނީ ޑޮލަރުކޮޅެއް ނުލިބިގެން މިކަހަލަ މީހުން މަޤާމުން ވަކިކުރަންޖެހޭ ދިވެހިންގެ ފުރާނައަށްވުރެ މި މީހުްނނަށް ޑޮަލަރުފޮއްޗެއް މުހިންމު

އަހުމަދު / އައްޑޫސިޓީ

ޑރ. މައުސޫމް ރަނގަޅަށް ބައްލަވަިފިނަމަ އަތޮޅުތެރޭގައި ކޮވިޑު ފެތުރެމުން ދަނީ ރައްޔިތުންގެ އަމަލްތައް ހުރިގުތުން ނޫންކަން ވަރަށްސާފުކޮށް އެނގިވަޑައިގަންނަވާނެ. އިންޑިއާގެ ސުޕްރިމްކޯޓުން އެގައުމުގެ ސަރުކާރުގެ މައްޗަށް ނެރެފައިވާ އަމުރުން އިންޑިއާގެ މިހާރުގެ ހާލަތު ވަރައްސާފު. އަޅުގަޑުމެނަށް ކިތަންމެ މުހިންމު އަދި ލޯބިވާ ބައެއްގެ ފަރާތަކުން އަންނަ މުސީބާތެއްނަމަވެސް އެކަމަކުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަކީ، ކޮންމެހެން ލާޒިމުކަމެއް ކަމަށް ނުދެކޭ ވެރިން ތިބުމަކީ އެބަޔަކަށް ލިބޭނެ އެއްމެދެރަ ނިކަމެތިކަން. ވީމާ މައުސޫމް ވެސް ތަންކޮޅެއް ތާހިރު ހަމަޖެހޭ ވާހަކައެއް ދައްކަވައިފިނަމަ ރައްޔިތުންގެ ހިތްތަކަށް ތަސައްލީ އެއް ފަހަރެއްގާ ލިބިދާނެ.

ޑިމޮކްރަސީ

އިންޑިޔާ މީހުން ނުގެނެއްސިއްޔާ ތިބޭނި ބަޑަށޯ ދެންކިހިނެތްހަދާނި ހެ ހެ ހެ

ހެރީ

ކޮންވައްތަރެއްގެ ވިސްނުންހުރި މައުސޫމެއް. ނާގާބިލް ސަރުކާރަށް ކޮންކަމެއް ރަގަޅަށް ކުރަން އެގެނީ އޮޅުން ބޮޅުން ސަރުކާރު އެކަމަކު ވައްކަންކުރަން ވަރަށް މޮޅު

ހުސޭންބެ

ސިއްޙީ މާހިރުން ދައްކާވަހަކަ އަޑުނާހާ، އިކޮނޮމިސްޓުން ފެންނަގޮތަށް މިހާލަތުގައި ކަންކުރުމުން ހުރިހާ ހިތާމައެއް ކުރަންޖެހޭނީ ދިވެހި ރައްޔިތުން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345