ޓޫރިސްޓް އެރައިވަލް

ކޮވިޑަށްފަހު ޓޫރިޒަމްގެ އެއްވަނަ އަށް އިންޑިއާ

May 20, 2022

ކޮވިޑް-19 އަށްފަހު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކަށް އަނެއްކާ ވެސް އިންޑިއާ ވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރުމުން ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އިންޑިއާ އެރުމަށްފަހު އަނެއްކާ ވެސް އެއްވަނަ މަގާމަށް އަރާފައި މިވަނީ ރާއްޖޭގެ އެހެން ޓޫރިޒަމް މާކެޓުތަކުގެ ނަމްބަރު ދަށްވެފައިވާތީ އެވެ. ކޮވިޑް-19 އަށް ބޯޑަރުތައް ބަންދު ކުރުމުން ރާއްޖެއަށް އިންޑިއާ އިން ވަނީ "ކަރަންޓީ ޓޫރިސްޓުން" ގެ ގިނަ ބަޔަކު އައިސްފަ އެވެ. މެދުއިރުމައްޗަށް މަސައްކަތު ދާން ރާއްޖޭގައި 14 ދުވަހު ކަރަންޓީވި މި މީހުން ގިނައިން ތިބީ މާލެ އާއި މާލެއަތޮޅުގެ ކައިރި ރަށްރަށުގެ ގެސްޓްހައުސްތަކާއި ކުލީ ކޮޓަރިތަކުގަ އެވެ.

ވަކި ގައުމުތަކުން ޓޫރިސްޓުން އަންނަ އަދަދު ހާމަނުކޮށް، ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ޓޫރިޒަމްގެ 13 ޕަސެންޓް ހިއްސާއާއެކު އެއްވަނާގައި އޮތީ އިންޑިއާ އެވެ. އަދި 12.6 ޕަސެންޓުގެ ހިއްސާއާއެކު އޮތީ އިނގިރޭސިވިލާތެވެ. އަދި ތިންވަނާގައި އޮތީ 9.6 ހިއްސާއާއެކު ރަޝިއާ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި 71,155 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ޖުމްލަ 647,945 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިހާރު ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ ނިސްބަތް ހުރީ 4,764 ގަ އެވެ.