އަބަދު އަތްތިލައަށް ބަލަނީ ކީއްވެ؟

ޑިޖިޓަލް ހިދުމަތް ރަނގަޅު ގޮތުގައި ބޭނުން ކުރަން ހިތްވަރު ދޭން ދިރާގުން ހަދާފައިވާ ވީޑިއޯ

އެއް އޮފީހެއްގައި އުޅޭ ބަޔަކު ގެއަށް ދާން ލިފްޓަށް އަރައި ވާހަކަ ނުދައްކާ އެބަތިބެ އެވެ. ހަމަ އަނގައިންވެސް . ބުނެ ނުލަނީ އެވެ. އެ އެންމެންގެ ނަޒަރު އެކަށް ދީފައި އޮންނަނީ ފޯނަށެވެ. އެހެން ދިމަ ދިމާއިން ވެސް މި މަންޒަރެވެ. އާއިލާ އެއްކޮށް ކާން އަރައި ފޯނުން ކިޔަނީ ނޫހެވެ. ދަރިފުޅު އައިޕެޑުން ބަލަނީ ކާޓޫނެވެ. މަންމަ ފޯނުން ރަނގަޅު ރެސިޕީއެއް ހޯދާނީ އެވެ. ބައްޕަ ޓްވިޓާ ތްރެޑްގަ އެވެ. ދޮށީ ބޭބެ އާއި ހަގު ކޮއްކޮ ފޭސްބުކް ހާވާނީ އެވެ.

ރާއްޖޭގައި ޑިޖިޓަލް ހިދުމަތް ފުރިހަމަވެ ހިދުމަތް ރަނގަޅުވުމާއެކު މިއަދު ގިނަ ބައެއްގެ އަބަދު ތިބެނީ މި ވަސީލަތްތަކުގެ ތެރެއަށް ގެއްލި ހުސްވެފަ އެވެ. މީހާރު މި ރަށުގައި ހުންނަ މީހާގެ ހިތާއި ސިކުނޑި އޮންނީ ދުނިޔޭގެ އެހެން ވަރަށް ބިއްދޮށު ގައުމެއްގަ އެވެ. ކޮންމެ ތަނެއްގައި ވިޔަސް އެންމެން އަބަދު ވެސް ތިބެނީ އަތްތިލައަށް ބަލަހައްޓައިގެން ގެއްލިފަ އެވެ.

ދިވެހިންނާ ގުޅިފައިވާ ބޮޑު ތާރީހެއްގެ އޮތް މުއާސާލަތީ ކުންފުނި ދިރާގުން މި ރޯދަ މަހު ދޭ މެސެޖެކީ އެ އާދަ ދޫކޮށްލާށޭ އެވެ. ހަޔާތުގައި ރަނގަޅު، ހެޔޮ ގުޅުންތައް އަބަދުވެސް އިސް ކުރާށޭ އެވެ.

"ޓެކްނޮލޮޖީ އަންނަނީ ހެޔޮ ގޮތުގައި ބޭނުން ކުރަން. އެކަމަކު މިހާރު މި ވަސީލަތްތަކުގެ ސަބަބުން ގުޅުންތަކާ ދުރުވާ ތަން އެބަ ފެނޭ. އެހެންވެ އެކަން ހުއްޓާލަން ދިރާގުން މި އެދެނީ،" މި ރޯދަ މަހަށް ހާއްސަކޮށް ދިރާގުން މެސެޖެއް ދީފައިވާ ވީޑިއޯއާ ބެހޭ ގޮތުން، އެ ކުންފުނީގެ އެސިސްޑެންޓް މެނޭޖަރު، އެޑްވަޓައިސިން އެންޑް އިވެންޓްސް ހަސަން ޝާރިހު އާދަމް ވިދާޅުވި އެވެ.

އެހެން ތިބުން އެއީވެސް މުއާސަލާތު ކުރުމެކެވެ. އެވެސް ފާޑެއްގެ ބަހުރުވައެކެވެ. އެކަމަކު ދިރާގު ފަދަ ބޮޑު ޑިޖިޓަލް ސާވިސްއެއް ދޭ ކުންފުންޏަކުން މި ވަސީލަތްތަކުގެ ތެރޭގައި އަބަދު ނުތިބެން އެ ބުނަނީ ކީއް ވެގެން ހެއްޔެވެ؟

ގައިމުވެސް ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފައިބަ ބްރޯޑް ބޭންޑު އިންޓަނެޓުގެ ހިދުމަތްދީ، ފޯނު ވިއުގައިން ރާއްޖެ ދުނިޔެއާ ގުޅުވައިދިން ކުންފުނިން މި ދެނީ ވަރުގަދަ މެސެޖެކެވެ. އަބަދު މި ހިދުމަތްތަކުގެ ތެރެއަށް ގެއްލި އަޅަކަށްވުމުން ގުޅުންތަކަށް ލިބޭ ގެއްލުން ހަނދާން ކޮށްދެނީ އެވެ.

ޝާރިހު ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ މޮބައިލް ފޯނުގެ ހިދުމަތް ދޭ ކުންފުންޏެއް ނަމަވެސް، މިފަދަ ވަސީލަތްތަކަކީ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރަން ޖެހޭ ވަސީލަތްތަކެއް ކަމަށް ކުންފުނިން ދެކެ އެވެ.

"ދިރާގުގެ މެސެޖަކީ އެންމެ ރަނގަޅު ގޮތުގައި ހިދުމަތް ބޭނުން ކުރާށޭ. އަބަދު ފޯނަށް ގެއްލިފައި ތިބީމަ އާއިލީ ގުޅުންތަކާއި ރަހުމަތްތެރިކަމުގެ ގުޅުންތަކަށް އަސަރު ކުރެއޭ! އެހެންވެ، މި ވަސީލަތް ބޭނުން ކުރި ނަމަވެސް އެންމެ ރަނގަޅު ގޮތުގައި އެ ބޭނުން ކުރާށޭ،" ޝާރިހް ވިދާޅުވި އެވެ.

"މި ބުނަނީ ދިރާގު ހިދުމަތް ބޭނުން ނުކުރާށެކޭ ނޫން.މެސެޖަކީ ހިދުމަތް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރާށޭ. އަބަދު ޑިޖިޓަލް ދުނިޔެއަށް ގެއްލިފައި ތިބީމަ އާއިލާއާއި ރަހުމަތްތެރިކަމުގެ ގުޅުމަށް އަސަރު ކުރޭ. އެހެންވެ މި ވަސީލަތް ބޭނުންކުރި ނަމަވެސް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރޭށޭ."

ފޯނާއި ޑިޖިޓަލް ސާވިސް ބޭނުން ކުރުމަކީ ދިރާގަށް މައްސަލައެއް ނޫނެވެ. އެކަމަކު ދިރާގުގެ މާނައަކީ "ދިވެހި ރާއްޖޭގެ ގުޅުން" ކަމަށްވެފައި އެ ގުޅުން ކެނޑޭ ކަމަކަށް ދިރާގަށް ތާއީދު ނުކުރެވެނީ އެވެ. އެހެންވެ ދިރާގުން ބުނާ ވާހަކައކީ އަބަދުު ފޯނުގެ ތެރެއަށް ގެއްލޭނެ ކަމެއް ނެތޭ އެ ގޮތް ގޯހޭ އެވެ.