ރޯދަ މަހާ ރޯއްޖާ

ވިޔަފާރި ދަށްކަމުން ކަރު އެލުވާލައިގެން!

Apr 20, 2021
7

ރޯދަ މަހުގެ ފުރަތަމަ ތިން ދުވަހަކީ ވިޔަފާރި އެންމެ ޕީކް ދުވަސްތަކެވެ. އެހެން ރޯދަ މަސްތަކުގައި ޑިމާންޑަށް ކުޑަ ވެސް ބަދަލެއް އަންނަން ފަށަނީ ރޯދަ މަހުގެ ފުރަތަމަ ދިހައެއްގެ ފަހުންނެވެ. އެކަމަކު މި އަހަރު ފެންނަނީ މުޅިން ތަފާތު މަންޒަރެވެ. މިއީ ރޯދަ މަހުގެ އެންމެ ކުރީކޮޅު ނަމަވެސް ވިޔަފާރިވެރިން ތިބީ މާޔޫސް ކަމެއްގައެވެ. ރޯދަ އަށް ދަނޑުވެރި ބާވަތްތައް ކޮންމެ ދުވަހަކު ގެނައި ނަމަވެސް އެ ގަންނާނެ މީހަކު މިހާރަކު ނެތެވެ. އެހެންވެ ބާޒާރުގައި ވިޔަފާރިވެރި ކުރާ ފަރާތް ތަކުން ތިބީ ކަރު އެލުވާލައިގެނެވެ.

"އެއްގޮ ތަކަށް ވެސް ވިޔަފާރިއެއް ނުވޭ. އަނެއްހެން ބުނެވިދާނެ ވިޔަފާރި 70 ޕަސެންޓު ދަށީއޭ ވެސް. ވަރަށް ބޮޑުތަނުން ދަށް،" ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ހުރި ވިޔަފާރިވެރިއަކު ބުންޏެވެ.

މި ރޯދަ މަހު މާރުކޭޓުގައި ވިޔަފާރިއެއް ދަށްވެފައިވާ ކަމުގެ އެންމެ ބޮޑު ހެއްކަކީ އެންމެ ޑިމާންޑު މަތި ބާވަތްތަކުގައި އަގެއް ނެތުމެވެ. އަގު ދަށްވުމަކީ އާއްމު މީހާއަށް ހެވެއް ކަމަކު މި ކަމަކީ ރާއްޖޭގައި ރޯދަ މަހުގެ ތޮބީއަތެއް ނޫނެވެ. ރޯދަ މަހުގެ ފުރަތަމަ ކޮޅު އާއްމުކޮށް ތަކެތީގެ އަގު މަތި ނަމަވެސް ވިޔަފާރި ވެއެވެ. އެހެންވެ ބައެއް ބާވަތްތައް ގިނަވެ އަގުތައް ވަނީ ވެއްޓިފަ އެވެ. އޭގެ އެއް ދެ ބާވަތަކީ ކަރަލާއި އޯރެންޖެކެވެ. ކަރާ ކިލޯއެއް މިހާރު 15ރ. އަށާއި 10ރ. އަށް ވެސް ލިބެ އެވެ. އަދި އޮރެންޖެއްގެ އަގު މިހާރު ހުރީ 2.50ރ. އާއި 3ރ. އިގަ އެވެ. އާފަލެއް ހަތަރު ރުފިޔާއަށެވެ.

މި ރޯދަ މަހު މާރުކޭޓުގެ ވިޔަފާރި ދަށްވުމުގައި އެއް ސަބަބަކީ މާލޭގެ އެކި ހިސާބުތަކުގައި ގިނަ މަރުކޭޓު ތަކެއް ވެސް ހުޅުވުމެވެ. މާލެ ތެރޭގައި ގާތްގަނޑަކަށް ފަސްދޮޅަހެއްހާ މާރުކޭޓު އެބަހުއްޓެވެ. މީގެ އިތުރުން ކޮންމެ ފިހާރައެއްގެ ފެންޑާތަކުގައި ހަދާފައިވާ "ފެންޑާ މާރުކޭޓު" ތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިކަން ވަނީ އިންތިހާ އަށް ދަށްވެފަ އެވެ.

އަނެއް މައްސަލައަކީ ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ހީނަރުވެ މީހުންގެ އަތުގައި ފައިސާ ވެސް ނެތުނެވެ. އެހެންވެ ވިޔަފާރިވެރިންނެކޭ އެއްގޮތަށް އާންމު މީހާގެ އަތުގަ އިވެސް ފައިސާއެއް ނެތެވެ. މީގެ ނަތީޖާ މިދަނީ މުޅި ބާޒާރަށް ކުރަމުންނެެވެ.