އިގްތިސޯދު

ލަންކާ ދިޔަ މަގުން ރާއްޖެ ނުދާނެކަމުގެ ޔަގީންކަން

ދާދި އިހަށް ދުވަހު އަވައްޓެރި ސްރީލަންކާގެ އިގްތިސާދީ ހާލަތު އިނދަޖެހި ގައުމު ބަގުރޫޓްވި މަންޒަރުތައް އޮތީ ފެނިފަ އެވެ. އެހެންވެ މިއަދު ބައެއް މީހުން އުފައްދާ ސުވާލަކީ ރާއްޖެއަށްވެސް އެ ހާލަތު ކުރިމަތި ވެދާނެ ކަމުގެ ސުވާލެވެ.

ނަމަވެސް މި ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ލަންކާ ދިޔަ މަގުން ރާއްޖެ ނުދާނެ އެވެ. ސަރުކާރުގެ އިސްވެރިން ތިއްބެވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މިހާތަނަށް އެޅުނު ފިޔަވަޅުތަކާ އެކު އެ ޔަގީންކަމުގައެވެ.

މާލީ އިދާރާތަކުގެ ލަފާކުރުންތަކާއި ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގެ އިގްތިސާދުގެ ދުވެލި ހުރީ ރަނގަޅަށެވެ. ރާއްޖެއަށް ލިބޭ އެއްޗެއް މަދެއް ނޫނެވެ. އިގްތިސާދީ ލޭ ނާރު ފަތުރުވެރިކަމަށް ބަލާއިރު ރާއްޖެ އަންނަ ފަތުރުވެރިން މަދެއް ނޫނެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް މުސްތަގުބަލް ފެންނަނީ ރަނގަޅަށެވެ. ރާއްޖެއަށް އޮތް ހުރިހާ ވެސް މައްސަލައަކީ އިސްކޮޅަށް ވުރެ ދިގުކޮށް ބޮޑުކޮށް ދަރަނި މެނޭޖުކުރުމަށް ހުރި ދަތިތަކެވެ. އެކަމަކު ކަމާ ގުޅޭ އިދާރާތައް ގުޅިގެން ދަރަނި މެނޭޖުކުރުމަށް ވަރަށް ފުރިހަމަ ރޭވުންތަކެއް ރާވަފައިވާ ކަމަށް ކަމާ ގުޅޭ ބޭފުޅުން ވިދާޅުވެ އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސިންދަފާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއަކީ މިދިޔަ ހުކުރު ދުވަހު އުތުރުގައި އިފްތިތާހް ކުރި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެ، އިގްތިސާދީ ބިންގާ ވަރުގަދަވާނެ ކަމަށް މިހާރުވެސް ޔަގީންކުރެވެ އެވެ.

ރާއްޖޭގެ އިގްތިސާދަށް ދިރުން ގެންނާނެ ބޮޑު އަނެއް މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ ބިޔަ ބޮޑު މަޝްރޫއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށާފައިވާ މި މަޝްރޫއު މިހާރު ވަނީ ނިމުމަކާ ހަމައަށް ގާތްވެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު ހުރި ޓާމިނަލްއަކީ އަހަރަކު ދެ މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލް އެކެވެ. އެކަމަކު މިހާރު ނިންމަމުމްދާ ޓާމިނަލްއަކީ އަހަރަކު ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ފެންވަރުގެ ބޮޑު ޓާމިނަލް އެކެވެ. މި ޓާމިނަލްގެ މަސައްކަތް ނިމި، އަންނަ އަހަރު ހުޅުވުމަށް މަސައްކަތްތައް ވަނީ މެކުހަށް ޖަހާފަ އެވެ. އާ ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އާ ދިރުމެއް ލިބިގެންދާނެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވާ ބޭފުޅުންވެސް ގަބޫލުކުރާ އެއް ހަގީގަތެއް އޮވެ އެވެ. އެއީ ރާއްޖެއަށް މިއަދު ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަކީ ވަގުތީ ކަންތައްތަކެއް ކަމެވެ. ސަރުކާރުގެ ކުރިމަތީގައި އޮތް ދެ ތިން އަހަރުގެ ގޮންޖެހުންތަކެއް ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއި އެކު އަރައިގަނެވިއްޖެނަމަ އޭގެފަހު ރާއްޖޭގެ އިގްތިސާދަށް އާދަޔާ ހިލާފު ބޮޑު ދިރުމެއް އަންނާނެ ކަމަށްވެސް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ. އެހެންވެ ސަރުކާރުން ދަނީ މިވަގުތަށް އުދަގުލާއި ދަތީގައިވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި އިގްތިސާދު މުޅިން އެހެން ހަރުފަތަކަށް ގެންދިއުމަށް ރެއާ ދުވާލު މަސައްކަތް ކުރަމުންނެވެ.

އެގޮތުން ދަރަނީ ދަންމަޅިން ސަލާމަތްވުމަށްޓަކައި ބޭރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޗައިނާ އާއި ޔޫއޭއީ އިން ވަނީ ރާއްޖެއިން ނަގާފައިވާ ދަރަނިތައް ދެއްކުން ފަސްކޮށްދީފަ އެވެ. އިންޑިއާ އިން ވެސް ގެންދަނީ ރާއްޖެއަށް މިވަގުތަށް ހުރި ދަތިތައް ފިލުވާދިނުމަށްޓަކައި ދަރަނި ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެމުންނެވެ. މި ފިޔަވަޅުތަކާ އެކު ދަރަނި ދެއްކުމަށް ރާއްޖެއަށް ވަރަށް ބޮޑެތި ލުއިތައް ލިބި އިގްތިސާދަށް ދިރުން ގެނައުމަށް އާ ފުރުސަތުތައް ލިބިގެންދާނެ އެވެ.

ރާއްޖޭގައި މިވަގުތު ބޭރު ފައިސާގެ އަގު އުފުލި ޑޮލަރުގެ ކަޅު ބާޒާރެއް އޮތް ނަމަވެސް ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި ތަންފީޒު ކުރަމުންދާ އުސޫލުތަކާ އެކު ބޭރު ފައިސާގެ އަގު ތިރިވާނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ލަފާ ކުރެ އެވެ. ދައުލަތަށް ޑޮލަރު ނުލިބުމަށް ހުރި ދަތިތައް ފިލުވާލުމަށްވެސް ސަރުކާރުން ވަނީ ރަނގަޅު ނިންމުމެއް ނިންމާފަ އެވެ. އެގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް، ޑޮލަރުން ޓެކްސް ދައްކަންޖެހޭ ގޮތަށް މިހާރު ވަނީ އުސޫލުތައް ބަދަލުކޮށްފަ އެވެ. މި ބަދަލުގެ ސަބަބުން ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ މަރުކަޒީ ބޭންކް މެދުވެރިކޮށް އެހެން ބޭންކްތަކަށް ޑޮލަރު ފޮނުވި، ވިޔަފާރިތައް ރަނގަޅަށް ހިންގާލެވި، އިގްތިސާދަށް ދުޅަހެޔޮކަމާއި އާރޯކަން ގެނެވޭނެ އެވެ.

މީގެއިތުރުން ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށްޓަކައި އިންވެސްޓާ ރެޒިޑެންސީ ޕްލޭނެއް ސަރުކާރުން މިހާރު ވަނީ އެކުލަވާލާފަ އެވެ. މި ޕްލޭންގެ ދަށުން ބޭރުގެ މަހުޖަނުންނަށް ރާއްޖޭގައި ވަކި ހަމައެއްގެ ތެރެއިން ދިރިއުޅުމުގެ ހުއްދަ ލިބި، އެ މީހުންގެ ފައިސާ ރާއްޖޭގެ އިގްތިސާދު ތެރޭގައި ދައުރުކުރަން ދޮރު ހުޅުވިގެންދާނެ އެވެ. މިވެސް ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއަރުވައި، ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.

ސަރުކާރުގެ ރޭވުންތެރި މަސައްކަތްތަކާ އެކު ރާއްޖޭގެ އިގްތިސާދުގެ ދުވެލި ދަނީ ބާރުވަމުންނެވެ. އެހެންވެ ލަންކާއަށް ދިމާވި ހާލަތު ރާއްޖެއަށް ދިމާވުމަކީ ދުރު އަދި ނާދިރު ކަމެކެވެ. މި ހާލަތުން އަރައިގަތުމަށް ބޭނުންވަނީ އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ.