ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު: ޒަމާނީ ވޯރާއިންގެ ނުފޫޒު ކަނޑުވާލާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގެ މިނިވަންކަމުގެ ބާނީ އަދި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ތިބި ވޯރާ ވިޔަފާރިވެރިންނާ މެދު އަމަލުކުރެއްވި ގޮތަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތެވެ. ދިވެހި އިގްތިސާދުގެ މިނިވަންކަން ހިފެހެއްޓުމަށް އެންމެ ފަހި ފިޔަވަޅުތަކެވެ.

ވޯރާ ވިޔަފާރިވެރިންނަކީ ނާސިރުގެ ދުވަސްވަރާ ހަމައަށް މާލޭގައި ވިޔަފާރި ކުރަން ތިބި އަވައްޓެރި އިންޑިއާއަށް ނިސްބަތްވާ ވޯރާ ޖަމާއަތުގެ މީހުންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ ވޯރާއިންނަކީ ޝިއައީންގެ ބޯރާ ޖަމާއަތުގެ މީހުންނެވެ.

ވޯރާއިން ދިޔައީ ރާއްޖޭގެ ވެރިރަށް މާލޭގައި ބަނޑަހަޖަހައިގެން ތިބެ ޒާތަކަށް މުޅި ގައުމު ކޮންޓްރޯލް ކުރަމުންނެވެ. މުޅި ދިވެހި އިގްތިސާދުގައި ބަގުޑި ބައްދައި ވަކިހިތްޕާލައިގެން ތިބީ އެވެ. ބުނެވޭ ގޮތުގައި އޭރު ތިބި ރާއްޖޭގެ ބޮޑުންގެ ގިނަ ބަޔަކު ތިބީ ވޯރާ އިން ދެމުން ދިޔަ ހަދިޔާ ދޮލަގެއްގެ ދަށުވެ ނިކަން ރަނގަޅަށް ފިތިފަ އެވެ. ވޯރާއިން ފޮނުވާ ހަދިޔާ ދޮލަގު ނުލިބޭ ހަމަ އެކަކުވެސް ބޮޑުންގެ ތެރޭޭގައި ނުވާ ކަމަށް ބުނެ އުޅުނެވެ.

ނާސިރަށް ސިޔާސީ ގޮތުން ބާރުވެރިކަން ލިބިވަޑައިގެންނެވިއިރު ވޯރާއިންގެ ނުފޫޒު ދިވެހި އިގްތިސާދަށް އޮތީ ވަރަށް ބޮޑަށް ބޮޑުވެފަ އެވެ. ވޯރާ އިން ނާސިރަށް ވެސް ހަދިޔާ ފޮށިގަނޑުގަނޑު ފޮނުވި އެވެ. އެކަމަކު ނާސިރުގެ ވިސްނުންފުޅާ ކުޅެވޭ ގޮތެއް ނުވި އެވެ. އެމަނިކުފާނު އެފަދަ އެއްވެސް ފޮށިގަނޑެއް ބޭނުން ނުކުރައްވާ ކަމަށްވެ އެވެ.

ވެރިރަށް މާލޭގައި ކުރިން ހިންގި ވޯރާއިންގެ ފިހާރަތައް

ވޯރާއިންގެ އުދަނގޫ ބޮޑުވުމުން ނާސިރު ވަނީ ބޭރުގެ ވަކިތަކުން ދިވެހި އިގްތިސާދު މިނިވަން ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ. ވޯރާއިން ހިތުހުރި އަގެއްގައި ހިތުހުރި ގޮތަކަށް ކުރަމުން އައި ޒަމާންވީ ވިޔަފާރިތައް މަނާކުރެއްވި އެވެ. ދިވެހިންގެ އަތްމައްޗަށް ވިޔާފާރިތައް އަނބުރާ ގެނައުމަށްޓަކައި ވިޔަފާރިކުރެވޭނެ ގޮތްތަކާއި މަގުތައް ތަނަވަސް ކުރެއްވި އެވެ. ނާސީރު އެޅުއްވި ހަރުދަނާ އަދި ވަރުގަދަ ފިޔަވަޅުތަކުގެ ނަތީޖާއަކަށްވީ ވޯރާއިން މާލޭން ފަައިބަން މަޖުބޫރުވުމެވެ.

ތާރިހުގެ އެ ސަފްހާތަކަށްފަހު މިއަދުގެ ހަގީގަތަށް މިއަދުގެ އިގްތިސާދީ ސިޔާސަތު އޮތް ގޮތް ބަލާލުންވެސް އެއީ މުނާސަބު އަދި ބޭނުން ކަމެއް ކަމުގައި ދެކެމެވެ. މިއަދު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްްޒު ވެސް ތަންފީޒުކުރައްވަމުން ގެންދަވަނީ ނާސިރު ގެންގުޅުއްވި ފަދަ "ވޯރާ" އިންނާ ދުރު އެކަމަކު ދިވެހި ގައުމަށް ފަހި ފާގަތި ސިޔާސަތުތަކެކެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނާ ދެކޮޅަށް ތައުރީފް ހައްގު ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން އެއީ މިއަދުގެ ހަގީގަތެވެ. ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އަތުލައިގަނެ ޑިޕޯޓްކުރުމާއި އެފަދަ މީހުންގެ ވިޔަފާރިތައް ބަންދުކުރަމުން ގެންދަނީ ދިވެހިންނަށްޓަކައެ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ރާެއްޖޭ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކެއްގެ ކޮންޓްރޯލް ބިދޭސީން ވަނީ ނަގާފަ އެވެ. ނަމަވެސް އެ މަންޒަރު މިހާރު މަޑުމަޑުން ނަމަވެސް ބަދަލުވަމުން އެބަދެ އެވެ. ދިވެހިންނަށް ފުރުސަތުތައް އިތުރުވަމުން އެބަދެ އެވެ.

ބިދޭސީންތަކެއް ބޯޓަކަށް މުދާ އަރުވަނީ -- ފޮޓޯ: އަވަސް

ރާއްޖޭގައި އުޅޭ ބެދޭސީން ގެންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި އެކި ނަންނަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކެފޭ، ރެސްޓޯރެންޓް، ކަންމަތީ ފިހާރަތައް، ޓޭކްއަވޭތައް، ގަރާޖުތައް، މެދުފަންތީގެ ގެސްޓްހައުސްތައް ޑެލިވަރީ ސާވިސް އަދި އަންނައުނު ވިއްކާ ފިހާރަތައް، މޭވާއާ ތަރުކާރީ ވިއްކާ ފިހާރަތައް ފަދަ ވިޔަފާރިތަކުގައި ބިދޭސީންގެ ނުފޫޒު ގަދަ އެވެ. ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާއި މަސްތުވާތަކެއްޗާ ބަނގުރާ ފަދަ ގާނޫނުތަކުގައި ކުރުން މަނާކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކާ ގުޅޭ ވިޔަފާރިތައް ރާއްޖޭގައި ހިންގައިގެންވެސް ބިދޭސީން ދަނީ ވަރަށް ބޮޑެތި މަންފާ ހޯދަމުންނެވެ. އެކަންކަން ހުއްޓުވަން ކަމާ ގުޅޭ އިދާރާތަކުން ނަމޫނާ މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމާއި، ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް މިސަރުކާރުން ވަނީ "އޮޕަރޭޝަން ކުރަނގި" ނަމުގައި ވަރުގަދަ އޮޕަރޭޝަނެއް މުޅި ރާއްޖޭގައި ފަށާފަ އެވެ. މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރި ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ހިދުމަތާ އަދި މޯލްޑިވްސް އިމިގްރޭޝަނެވެ. މި އޮޕަރޭޝަންގެ ނަތީޖާ ވެސް ރަނގަޅެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުޔން 6،000 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްލާފައިވެ އެެވެ. އެއީ މުޅިންހެން ދިވެހި އިގްތިސާދުގެ ތެރެއަށް ނުފޫޒު ހިންގަމުން ދިޔަ ބިދޭސީންނެވެ.

ކުރަނގި އޮޕަރޭޝަނަށް މައުލޫމާތު އެއްކުރުމަށްޓަކައި ބިދޭސީންތަކެއް އިދާރާއަކަށް ހާޒިރުކޮށްފައި -- ފޮޓޯ: އަވަސް

ދިވެހި އިގްތިސާދަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުން ކުޑަކުރުމަށްޓަކައި އާ ވިޔަފާރިތައް ރާއްޖެއަށް ތައާރަފްކޮށް އިގްތިސާދީ މިނިވަންކަން ހޯދުމަށްވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ މަސައްކަތްތަކެއް ފައްޓަވާފަ އެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމާއި، ސީ-ޓު-އެއާގެ ހިދުމަތް ދިނުމާއި، ދިވެހި ގައުމު އެއާލައިންގެ ފްލީޓް ބޮޑުކޮށް ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށްޓަކައި ވައިޑްބޮޑީގެ އެންމެ ޒަމާނީ ބޯޓުތައް ހޯދުމާއި، ފައިނޭންޝަލް ހަބްތައް ހެދުން ފަދަ އާ ހިދުމަތްތައް އެކި މަރުހަލާގައި ދަނީ ހިންގަމުންނެވެ.

ރައީސް މުއިއްޒުގެ އިގްތިސާދީ މުޅި ސިޔާސަތު ބަލައި ދިރާސާކޮށްލުމުން ފެންނަނީ މިސަރުކާރުގެ އިގްތިސާދީ ސިޔާސަތު ވަށާޖެހޭއިރު ރާއްޖެއަކީ އިގްތިސާދީ މިނިވަންކަން ހޯދާނެ ގައުމެއް ކަމެވެ. ރާއްޖެއަކީ އަމިއްލަ ފައި މައްޗަށް ތެދުވެ ވޯރާއިންގެ ފައިދަށުވާނެ ބައެއް ނޫން ކަމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910