މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ.
އިމިގްރޭޝަނުން ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.
މީގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި އަދި އުމުރުން 65 އަހަރުން މަތީގެ މީހުން މާދަމާ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ.
މާލޭގައި ޕާސްޕޯޓުގެ ހިދުމަތް ދޭނީ ވެލާނާގެ ފުރަތަމަ ފަންގިފިލާއިންނެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އުމަރު ޒާހިރު ބިލްޑިންގްގައި އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް 2، ގެ ފުރަތަމަ ފަންގިފިލާއިން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.