ޔޫއެސްއެއިޑް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި ކަމަށް ބައިނަލްއަގްވާމި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޔޫއެސްއެއިޑްގެ މައި އޮފީސް ވެސް މިއަދު ބަންދުކޮށް އެ ތަނުގެ މުވައްޒަފުންނަށް އޮފީހުގެ ސިސްޓަމްތަކަށް އެކްސެސް ނުވެވޭ ގޮތް ވަނީ ހަދާފަ އެވެ.
ޔޫއެސްއެއިޑް އުވާލިޔަސް ކަންބޮޑުވުމެއް ނެތް
ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އުވާލާކަމުގެ ހަބަރު ފެތުރުމާ ގުޅިގެން، ރާއްޖެއަށް މިކަމުގެ ސަބަބުން ކުރާނެ އަސަރާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ދިރާސީ ނަޒަރަކުން ބަލާނަމަ މިކަމުގެ އަސަރު އެހާ ބޮޑުވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
ޔޫއެސްއެއިޑުން ރާއްޖެއަށް ދޭ އެހީގެ މިންވަރު އެހެން ގައުމުތަކުން ދޭ އެހީއާ އަޅާބަލާއިރު ވަރަށް ކުޑަ އެވެ. މިދިޔަ އަހަރު ޔޫއެސްއެއިޑްގެ އެހީގެ ގޮތުގައި ރާއްޖެއަށް ލިބުނީ އެންމެ 10.4 މިލިއަން ޑޮލަރެވެ.
މިއީ ޗައިނާ، އިންޑިއާ އަދި އަރަބި ގައުމުތަކުން ލިބޭ އެހީގެ މިންވަރާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. އިންޑިއާއިން އެކަނި ވެސް ރާއްޖެއަށް އަހަރަކު 500 މިލިއަން ޑޮލަރަށް ވުރެ ގިނައިން އެހީގެ ގޮތުގައި ދޫކުރާއިރު، ޗައިނާއިން ދޭ އެހީގެ އަދަދު އެއަށް ވުރެވެސް އިތުރެވެ. ސައުދީ، ޔޫއޭއީ ފަދަ އަރަބި ގައުމުތަކުން ވެސް ބޮޑެތި މަޝްރޫއުތަކަށް ފާހަގަކޮށްލެވޭ ވަރުގެ އެހީތެރިކަމެއް ފޯރުކޮށްދެމުންދެ އެވެ.
ޔޫއެސްއެއިޑް ހުއްޓާލުމުން ގެއްލުން ވެދާނެ ދާއިރާތައް
ޔޫއެސްއެއިޑްގެ ފަންޑިން ހުއްޓާލުމުން އަސަރުކުރާނެ ދާއިރާތަކަށް ބަލާއިރު ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މަޝްރޫއުތަކާއި، އެންޓި-ޓެރަރިޒަމް މަސައްކަތްތަކާއި، ތިމާވެށީގެ މަޝްރޫއުތަކާއި، ކާރިސާތަކަށް އެހީވުމުގެ މަސައްކަތްތައް ހިމެނެ އެވެ. ނަމަވެސް މި ދާއިރާތަކުގައި ރާއްޖެއަށް އެހީތެރިވާ ބައިނަލްއަގްވާމީ އެހެން ބައިވެރިން އެބަތިއްބެވެ. މިސާލަކަށް، އިންޑިއާއިން ސަލާމަތީ ދާއިރާއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މަސައްކަތްތަކަށް ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަން ލިބެމުންދެ އެވެ.
ރާއްޖޭގެ އިގްތިސާދަށް ބަލާއިރު، ފަތުރުވެރިކަމުގެ ސިނާއަތް އަހަރުން އަހަރަށް ކުރިއަރަމުންވެސް އެބަދެ އެވެ. މީގެ އިތުރުން މަސްވެރިކަމާއި، އިމާރާތްކުރުމުގެ ސިނާއަތްވެސް ދަނީ ފުޅާވަމުންނެވެ. މިފަދަ އިގްތިސާދީ ކުރިއެރުމެއް އޮތް ގައުމަކަށް ޔޫއެސްއެއިޑްގެ އެހީ ހުއްޓުމަކުން މާބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.
ގެއްލުން ފޫއްބެއްދުމަށް ކުރެވިދާނެ ކަންކަން
ޔޫއެސް އެއިޑްގެ އެހީ ހުއްޓުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެއަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަހުއްޓެވެ. ރާއްޖެއަށް އެހީދެމުންދާ އަވައްޓެރި، ރަހުމަތްތެރި ގައުމުތަކާ އެޖެންސީތަކާ މިހާރަށް ވުރެ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ބަދަހިކުރަންޖެހެ އެވެ. މީގެ އިތުރުން އެހީދޭ އިތުރު ފަރާތްތައް ހޯދުމަށް މަސައްކަތްވެސް ކުރެވިދާނެ އެވެ. ގައުމީ ބަޖެޓުން މި މަޝްރޫއުތަކަށް އިސްކަންދިނުމަކީވެސް ވިސްނާލަންޖެހޭ ކަމެކެވެ. ހާއްސަކޮށް ތިމާވެށީގެ ދާއިރާއަށް ބަޖެޓުން ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާއިރުވެސް އެމެރިކާއިން ރާއްޖެއަށް ލިބެނީ ވަރަށް ކުޑައެހީ އެކެވެ. އެހެންވެ ޔޫއެސްއެއިޑްގެ އެހީ ހުއްޓުމަކީ އެހާ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ.