ދުނިޔޭގެ އިގްތިސާދަކީ މިއަދު ވަރަށް އަވަސް އަވަހަށް ބަދަލުވަމުންދާ އަދި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ގޮތަކަށް އޮތް ހާލަތެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް ގޮސް ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުން އަދިވެސް ފުރިހަމައަށް އަރައިގަނެވިފައެއް ނުވެ އެވެ.
މުޅި ދުނިޔެ ކުޑަ ކަކުލާ ހަމައަށް ތިރިކޮށްލި ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން އައި ބޮޑެތި އުނދަގޫތަކުން އަރައިގަނެ ހަމައިސްކޮޅަށް ދެމިލެވޭގޮތް ނުވެ އުޅެނިކޮށް ދުނިޔޭގެ އިގްތިސާދުގައި ހުރި ރިހުން ވީ އިތުރަށް ބޮޑެވެ. ކޮވިޑުގެ ކަންތަކުން ހިންދެެމިނުލައި އުޅެނިކޮށް ފެށުނީ ހަނގުރާމަ ތަކެވެ.
ރަޝިއާ–ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ވިޔަފާރީގެ ދައުރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މެދުއިރުމަތީގެ މަސްރަހު ހޫނުވަމުންދާ ދިއުމުގެ ސަބަބުން އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ފުޅާވެ ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު މިއަދުވެސް އެބައޮތެވެ.
އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމަށް އިންޒާރުގެ ރަތް ސިގްނަލްތައް ދަނީ ލިބެމުންނެވެ. މިކަން މި މަގުން ގޮސްފިނަމަ ތެލާއި ގޭހުގެ އަގު އިންތިހާއަށް މައްޗަށް ގޮސް މުޅި ދުނިޔޭގެ އިގްތިސާދު އެ ފުށް މިށަށް ޖެހިގެންދާ ވަރުގެ ކަމަކަށް އެ ހަނގުރާމަ ވާނެ އެވެ.
މިފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ދަނީ މަޑުޖެހެމުންނެވެ. އަދި ގިނަ ގައުމުތަކުގައި އިންފްލޭޝަން ރޭޓް މަތިވެ، ދިރިއުޅުމުގެ އަގު ބޮޑުވަމުން ވެސް އެބަދެ އެވެ.
މި ހާލަތުގައި ދިވެހިރާއްޖެއަށް ވެސް ކުރިމަތިވާނެ ގިނަ ގޮންޖެހުންތަކެއް ހުންނާނެ އެވެ. ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށް ވެފައި ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ލޮޅުންތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދިމާވާ ކަމަކުން ކުއްލިއަކަށް މަދުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން،ބޭރު ފައިސާގެ އަގު މައްޗަށް ދިއުމާއި، އިމްޕޯޓް ކުރާ މުދަލުގެ އަގު ބޮޑުވުމަކީވެސް ރާއްޖެއަށް ކުރިމަތިވާނެ ގޮންޖެހުންތަކެވެ.
ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އަޅަންޖެހޭ ފިޔަވަޅުތައް
އިގްތިސާދު ޑައިވަސިފައިކުރުން
ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް މަސައްކަތްކުރުން. މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުން. އަދި އާމްދަނީ ލިބޭނެ އިތުރު އިނޑަސްޓްރީ އުފެއްދުން. މިސާލަކަށް ބަންކަރިން ފަދަ އައު އިންޑަސްޓްރީތައް އުފަންކޮށް ފުޅާކުރުން.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުން:
ބޭރުން އިމްޕޯޓްކުރާ މުދަލުގެ ބަދަލުގައި ރާއްޖޭގައި އުފެއްދޭނެ ތަކެތި އުފެއްދުމަށް އިސްކަންދިނުން. އެގޮތުން އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ދާއިރާ އިން ސިނާއީ މަސައްކަތްތަކެއް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުން
ހަކަތައިގެ ބޭނުން ހެޔޮގޮތުގައި ހިފުން:
އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުން އިތުރުކޮށް، ތެލުގެ އިމްޕޯޓަށް ކުރާ ހަރަދު މަދުކުރުން. މިކަމަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުން ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް ފެށުމަށް މިހާރު ހުއްދަ ދީފައި
ޓެކްނޮލޮޖީއަށް އިންވެސްޓްކުރުން:
ޑިޖިޓަލް އިކޮނޮމީ ކުރިއެރުވުމަށް މަސައްކަތްކުރުން. މީގެ ސަބަބުން އައު ވަޒީފާގެ ފުރުސަތުތައް އުފެދި، އާމްދަނީ އިތުރުވާނެ. ސަރުކާރުން ވަނީ އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ދޭ ބައެއް ކުންފުނިތައް ރާއްޖެ ގެނެސް އެފަދަ ހިދުމަތްތައް ފެށުމަށްވެސް މަސައްކަތްތަކެއް ފަށާފައި.
ތައުލީމާއި ތަމްރީން:
ޒުވާނުންނަށް ބޭނުންތެރި ހުނަރުތައް ދަސްކޮށްދީ، މަސައްކަތްތެރިންގެ ހުނަރާ ފެންވަރު މަތިކުރުން. މިކަމަށް މަގުފަހިކުރުމަށްޓަކައި އެކި ރަށްރަށުގައި ވޮކޭޝަނަލް އެޑިޔުކޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅާފައިވޭ
ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުން:
އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރުމާއި، އެކްސްޕޯޓް މާކެޓްތައް މިހާރަށްވުރެ ފުޅާކުރުން. މިކަމަށް މަގުފަހިކުރުމަށް ސަރުކާރުން ވަނީ ބައެއް ކުންފުނިތައް ގާއިމުކޮށް ބޭރުގެ މިފަދަ ތަޖުރިބާ ހުރި ކުންފުނިތަކާ ގުޅިގެން މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެފައި
ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ދުނިޔޭގެ އިގްތިސާދީ ހާލަތު އެންމެ ރަނގަޅު ނޫން ނަމަވެސް ރާއްޖެއަށް ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނެ އެވެ. މިކަމުން އަރައިގަނެވޭނީ ދުރު މުސްތަގުބަލަކަށް އަމާޒުކޮށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން ކަމަށް ސަރުކާރުން ބުނެ އެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކާއި، އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ރާއްޖެއަށް އިގްތިސާދީ ކުރިއެރުންތަކެއް ކައިރި މުސްތަގުބަލެއްގައި ގެނެވިދާނެ އެވެ. ރާއްޖެއަށް މިވަގުތު ދަތިތައް ހުރީ އެއްވެސް ރޭވުންތެރިކަމެއް ނެތި ނަގާފައިވާ ބޮޑެތި ލޯންތަކަށް ދައްކަންޖެހިފައ ހުރި ފައިސާތަކެއްގެ ސަބަބުން ކުރަންޖެހޭ ހަރަދު އިތުރުވެގެންނެވެ. އެކަމަކު އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން މި ދަތި ދުވަސްތަކުން އަރައިގަނެވި، އިގްތިސާދީ ގޮތުން ފުދުންތެރި، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދިދާނެ އެވެ.