ވިޔަފާރި

ލޮނު އުފެއްދުން: ދިވެހިންނަށް ކުރެވޭނެ ކަމެއްތަ؟

މީ ގެ އަހަރުތަކެއް ކުރީން ދިވެހިރާއްޖޭގައި ލޮނު އުފައްދައި މާކެޓަށް ނެރޭ ވާހަކަތަކުގެ އަޑު ވަރަށް ބޮޑަށް ގަދަވި އެވެ. ސަރުކާރުގެ އިސްވެރިންގެ ވާހަކަތަކުން ހިވީ ދެން މާގިނަ ދުވަހެއް ނުވެ ދިވެހިން ލޮނު އުފައްދަން ފަށާނެ ހެންނެވެ. ކެއްކުމަށް ބޭނުންކުރާ ލޮނު މިއީ ރާއްޖޭގައި ނޫފެއްދޭވަރުގެ އުނގަދޫ ބުރަ ބޮޑު މަސައްކަތްތެއް ހެއްޔެވެ؟ މިއީ ދިވެހިންނަށް ނުވާވަރުގެ ކަމެއް ހެއްޔެވެ.

ދިވެހިރާއްޖޭގައި ލޮނު އުފައްދަން ކުރާ ބަހުސަކީ އާ ބަހުސެއް ނޫނެވެ. ނިމިދިޔަ ސަރުކާރުތަކުން ވެސް ލޮނު އުފެއްދުމުގެ ހިޔާލު ގެންގުޅުނެވެ. އެހެންނަމަވެސް އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ. އެކަމާ ގުޅޭ ދިރާސާތައް އެކި ސަރުކާރުތަކުން އެކި ސިފަސިފައިގައި ކޮށްފައި ވެއެވެ.

ރާއްޖޭގައި ލޮނު އުފައްދާ ވާހަކައެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ދައްކާފައި ވެއެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ލޮނު އުފެއްދުން ކަމަށާއި، ކައްކާ ލޮނު ރާއްޖޭގައި އުފެއްދުމާއި ގުޅޭގޮތުން ހުރި ފުރުސަތުތައް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ. އެކަމަކު މިކަމާ ގުޅޭ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ.

ކެއުމަށް ބޭނުންކޮށް އުޅޭ ލޮނުގެ ބާވަތްތައް ރާއްޖެއަށް މުޅިންވެސް ގެންނަނީ ބޭރުގެ ކޮންމެވެސް ގައުމަކުންނެވެ. އިހުގައި ކެއުމުގައި ބޭނުން ކޮށް އުޅުނީ އިންޑިއާ އިން އެތެރެކުރި ފުރެއްދަ ލޮނެވެ. އެހެންނަމަވެސް ސިއްހީ ސަބަބުތަކަކަށްޓަކައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު ފުރެއްދި ލޮނު އެތެރެކުން ހުއްޓުވި އެވެ. އަދި އެ ދުވަސްވަރުން ފެށިގެން ރާއްޖޭގައި ލޮނު އުފެއްދުމުގެ ވާހަކަ ދެކެވެން ފެށ އެވެ.

އޭގެފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ކުރީކޮޅުގައި ލޮނު އުފައްދާ ވާހަކަތައް ވަރަށް ގަދަޔަށް ދައްކާފައިވެ އެވެ. ލޮނު އުފައްދަން ކަމަށް ބުނެ ބޮޑެތި ހޭދަތަކެއްވެސް ކުރި އެވެ. ނަމަވެސް އެބުނާ ލޮނުގެ އެންމެ ކިލޯއެއްހާ މިންވަރުވެސް އުފައްދައި ބާޒާރަށް ނެރެވުނު ކަމަކަށް ނުވެ އެވެ. އަދި ފަހުން ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ލޮނު އުފައްދާ ވާހަކަތައް އަޑުގަދަކޮށް ދައްކާފައިވެ އެވެ.

ޖެހޭނީ ހިތްވަރެއް ލުމަށްފަހު ފަށަން

ލޮނު އުފެއްދުމަކީ ދިވެހިރާއްޖެއަށް އާކަމެއް ނަމަވެސް ދުނިޔޭގެ ގައުމުތަކުގައި އެއީ ވަރަށް ފަސޭހަ އިން ކޮށް އުޅޭ ކަމެކެވެ. މުޅި ދުނިޔޭގެ ބާޒާރަށް އަހަރަކު 280 މެޓްރިކް ޓަނުގެ ލޮނު އުފައްދައި ނެރެ އެވެ. އެއީ ގާތްގަޑަކަށް 20 ބިލިއަން އެމެރިކާ ޑޮލަރުގެ ލޮނެވެ.

ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކުވެސް 500 މިލިއަނެއްހާ ރުފިޔާގެ ލޮނު ބޭރުން ރާއްޖެއަށް އެތެރެ ކުރެ އެވެ. މިއީ ރިސޯޓް ތަކަށާއި އަދި އާންމުންގެ ކެއުމަށް ބޭނުންކުރުމަށް ރާއްޖެއަށް ގެންނަ ލޮނެވެ.

ދުނިޔޭގެ ގައުމުތަކުގައި ލޮނު އުފައްދާ މައިގަނޑު އެއްގޮތަކީ މޫދު ލޮނު ބޭނުންކޮށްގެންނެވެ. ދިވެހިރާއްޖޭގެ ވަށައިގެން މިއޮތީ މާސިންގާ ކަނޑެވެ. އެހެންކަމުން މިއީ ދިވެހިންނަށް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ.

ލޮނު އުފައްދާ ކާރުޚާނާއެއް އެޅުމަށް އެހާ ގިނަ ފައިސާ އެއްވެސް ހަރަދު ކުރާކަސް ނުޖެހެ އެވެ. ގާތްގަނޑަކަށް 66،000 ޑޮލަރުން ހެޔޮވަރުގެ ލޮނު ފެކްޓަރީއެއް މިހާރުގެ މާކެޓް ރޭޓަށް ބަލާއިރު އެޅޭނެ އެވެ. އެހެންކަމުން ވަރަށް ކުޑަ ހޭދައެއް ކޮށްގެން ސަރުކާރަށް މިކަން ކުރެވިދާނެ އެވެ.

ދުނިޔޭގެ ގައުމުތަކުގައި ލޮނު އުފައްދާ ކުންފުނި ތަކަކީ ފައިދާގައި ހިންގަމުންދާ ކުންފުނި ތަކެކެވެ. ދިވެހިރާއްޖޭގެ ސަރުކާރަށް ލޮނު އުފެއްދުން ހަގީގަތަކަށް ހެދިއްޖެނަމަ އެއީވެސް ދައުލަތަށް އާމްދަނީ ލިބޭނޭ ވަސީލަތްތަކަށް ވާނެ އެވެ. އަދި ހަމައެކަނި ޓޫރިޒަމާއި މަސްވެރިކަމަށް އޮންނަ ބަރޯސާވުން ކުޑަކޮށްދީ އެތަކެއް ބަޔަކަށް ވަޒީފާވެސް ފުރުސަތުވެސް މިމަސައްކަތުގެ ތެރެއިން ހޯދައިދެވޭނެ އެވެ.

ބޭނުންވަނީ ރަނގަޅު ދިރާސާއަކާ އެކު ރަނގަޅު ޕްލޭނެއްގެ ތެރެއިން ހިތްވަރާއެކު އިހްލާސްތެރި މަސައްކަތްތަކެއް ކުރާށެވެ. ރާއްޖޭގައި ފަތުރުވެރިކަމަކީވެސް ނުކުރެވޭނެ ކަމެއް ކަމަށް ބަޔަކު ލަފާ ދިނެވެ. ނަމަވެސް އޭރުގެ ޒުވާން ބޭފުޅުންތަކެއްގެ ހިއްވަރާއި ބުރަ މަސައްކަތުން ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ނާރަށް އެވަނީ ހަދާފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މުޅި ދުނިޔޭގައިވެސް މިއަދު އެންމެ މަގުބޫލު މަންޒިލަކީ ދިވެހިރާއްޖެ އެވެ.