ރިޕޯޓް

ހުކުރު: ބާޒާރުގައި އަންހެނުންގެ ދުވަސް

އާއްމުކޮށް ދަތުރުވެރިންގެ ބާޒާރަށް ވެސް އަދި ބާޒާރުމައްޗަށް ވެސް އަންހެނުން ގޮސް އުޅޭ ތަނެއް ނުފެންނާނެ އެވެ. އެކަން އެގޮތަށްވާ އެއް ސަބަބަކީ އެތަން އޮންނަ ގޮތާއި އެ ބާޒާރުމަތީގެ ހަލަބޮލިވުމެވެ. އެކަމަކު ރޯދަ މަހުގެ ހުކުރު ދުވަހަކީ ގައިމު ވެސް ބާޒާރުމަތީގައި އަންހެނުންގެ ގިނަ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވެ އެވެ. ހާއްސަކޮށް ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ދިވެހި އުފެއްދުންތައް ވިއްކާ ބާޒާރުގައި ގިނައިން ފެންނުނީ އަންހެނުންނެވެ. އެހެންވެ، ހުކުރު ދުވަހަކީ ބާޒާރުގައި އަންހެނުންގެ ދުވަސް ގޮތުގައި ބެލިދާނެ އެވެ.

ރޯދަ ބާޒާރުގެ ކަންތައް ބަލައިލުމަށް އިއްޔެ ހެނދުނު ދިޔައިރު ގިނަ އަދަދެއްގެ އަންހެނުން ވިޔަފާރި ކުރަން އުޅޭތަން ވަނީ ފެނިފަ އެވެ. މީގެތެރޭގައި ރާއްޖޭގައި މަޝްހޫރު އަންހެން ކަނބަލުނާއި ގިނަ އަދަދެއްގެ އާއްމުންވެސް ހިމެނެ އެވެ. ކުޑަ ކުދިންނާއެކު ބާޒާރު ކޮށްލަން ނުކުމެއުޅޭ މި މަންޒަރު ނަލަ އެވެ.

ދަރިފުޅާއެކު ހުކުރު ދުވަހު ބާޒާރަށް ގޮސް ހުރި، އައިޝަތު އަލީ ބުނި ގޮތުގައި ހުކުރު ދުވަހު ބާޒާރަށް ދަނީ ފިރިހެނުން ނަށް ރެސްޓެއް ދޭން ވެގެނެވެ.

"އެހެން ދުވަސްތަކުގައި ފިރިހެނުންތާ އެއްޗިހި ގަންނަން މި ދަނީ. އެހެންވެ މިއަދު އަންހެނުން ނުކުމެ، ވިޔަފާރި ކުރަންވީ، މިއީ ހަމަ ރަނގަޅު ގޮތެއް،" އޭނާ ބުންޏެވެ.

ހުކުރު ދުވަހުގެ ހެނދުނު ބާޒާރަށް ނުކުތުމުގައި ގިނަ ސަބަބުތަކެއް ހިމެނެ އެވެ. އެއް ސަބަބަކީ ބާޒާރުގައި މީހުން މަދުވުމެވެ. އަނެއް ސިއްރަކީ މިހާރު އޮންނަ ގޮތުން ޓްރެފިކްގެ ލުއި ކަމެވެ.

ސައިކަލް ދުއްވާލަން ވެސް ފަސޭހަ

ހުކުރު ދުވަހު އަންހެނުން ވިޔަފާރިއަށް ނުކުންނަ އެއް ސަބަބަކީ ހެނދުނު މަގުތައް މައިތިރިކޮށް ހިމެންވެފައި އޮތުމެވެ. ޓްރެފިކް ނެތުމެވެ. އެހެންވެ، ސައިކަލްގައި ދުއްވާލަން ވެސް ފަސޭހައީ އެވެ. އާއްމު ގޮތެއްގައި ބާރު ބޮޑުކޮށް އޮންނަ ބާޒާރުގައި ހުކުރު ދުވަހު އޮންނަނީ ވަރަށް ހިމޭން ކޮށެވެ. އެހެންވެ، ސައިކަލްގައި އުޅޭ އަންހެނުންނަށް ދަރިފުޅާއެކު ވެސް އެއްވެސް "ހާސްކަމެއް" ނެތި ޕާކު ކޮށްލައި ހަދަން ޖާގަ ލިބެ އެވެ.

މީހުން މަދު، ހިނގަން ފަސޭހަ

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި އާއްމުކޮށް މުޅި މާލެ އޮންނާނީ ނިދާފަ އެވެ. އެހެންވެ، ބާޒާރުމަތީގައި ވެސް މީހުން ވަރަށް މަދެވެ. މިއީ ވެސް ހުކުރު ދުވަހަކީ ބާޒާރުގައި އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަވާ އެއް ސަބަބެވެ.

"އަވަސް" އަށް ވާހަކަ ދެއްކި އެހެން އަންހެނަކު ބުނީ މީހުން މަދުވުމަކީ ހުކުރު ދުވަހު އަންހެނުން ބާޒާރަށް ދާ އެއް ސަބަބެވެ.

"މީހުން ގިނަވެގެން އުނގުޅޭ ހިސާބަށް ދޭއެބަ މިތަން އެހެން ދުވަސްތަކުގައި. އެކަމަކު ހުކުރު ދުވަހު ވަރަށް މަދުވާނެ. އެހެންވެ މަސް މާރުކޭޓަށް ގޮސްލަންވެސް ހަމަ ރަނގަޅީ ހުކުރުދުވަހު،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ކޮންމެއަކަސް ހުކުރު ދުވަހު ބާޒާރުމަތިން ގިނައިން ފެންނަނީ އަންހެނުންނެވެ. އެހެންވެ ހުކުރު ދުވަހަކީ ބާޒާރުގައި އަންހެނުންގެ ދުވަހުގެ ގޮތުގައި ބެލިދާނެ އެވެ.