- އެކި ފިހާރަތަކުގައި އަގުގެ ބޮޑު ތަފާތެއް
- ފިޔާ، އަލުވި އަދި ބިހުގެ އަގު މަތިވެފައި
- އެންމެ އަގު ބޮޑީ ކާށި، ކާއްޓެއް 50ރ.އަށް
ބާޒާރަށް ދިޔައީ ފިޔާ، އަލުވި އަދި ބިސް ކޭހެއް ގަންނާށެވެ. އެއް ފިހާރަ ބެލި އިރު ބިސް ކޭހެއް ހުރީ 500ރ. އިން މަތީގަ އެވެ. އެހެންވެ ނިންމީ މި ކަން މިއަދު ނުވާނެ ކަމަށެވެ. މާ އަގު ބޮޑީ އެވެ. މި ހިޔާލުގައި ހުރެ ޖެހިގެން ހުރި ފިހާރާގެ އަގު ވެސް އަހައިލީމެވެ؛ "މި ތަނުން ބިސް ކޭހެއް ވިއްކަނީ 330ރ. އަށް!؟" މި ހިސާބުން ހިތަށް އެރީ ރޯދަ މަސް ކައިރިވާއިރު އަގުތަކަށް އަންނަ ބަދަލެވެ. ރޯދަ މަސް ފެށެން ތައްޔާރު ވާއިރު ބާޒާރުގެ އަގުތައް ތަފާތު ވެއްޖެ އެވެ.
ރޯދަ މަސް ފެށެއް ދެ ދުވަހަށްވެފައިވާއިރު ބާޒާރު މަތިން ފެންނަނީ ހަލަބޮލި ކަމެވެ. އަގުތަކަށްވެސް ވަރަށް ބޮޑަށް މިބަދަލު ވަނީ އައިސްފަ އެވެ. މިގޮތުން ފިޔާ ބަސްތާއެއް ބާޒާރުގައި މިއަދު ހުރީ 190-200ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ބިސް ކޭހެއް 350-550ރ. އަށް ހުރިއިރު، އަލުވި ބަސްތާއެއްގެ އަގު ހުރީ 250-280ރ. އާ ދެމެދުގަ އެވެ.
ބާޒާރުގައި އަގުތައް މިގޮތަށް ހުރިއިރު، އެސްޓީއޯ އިން ފިޔާ ބަސްތާއެއް ވިއްކަނީ 170ރ. އަށެވެ. ބިސް ކޭހެއް 270ރ. އަށް ވިއްކާއިރު، އަލުވި ބަސްތާއެއްގެ އަގު އުޅެނީ 220ރ. އަށެވެ.
ބާޒާރުގައި އެހެން ބާވަތްތަކުގެ އަގުތައް ހުރި ގޮތަށް ބަލާއިރު ކަރާ ކިލޯއެއް ވިއްކަނީ 15ރ. އަށެވެ. އަދި ދިވެހި ގިތެޔޮ މިރުސް 100ގ. ވިއްކަނީ 35ރ. އަށެވެ. އަދި ބަނބުކޭލެއް ވިއްކަނީ ވަކިން ވަކެއް 5ރ. އާއި 7ރ. އަށެވެ. އަދި ކުރުނބާއެއް އަގު ހުރީ 10ރ. އާއި 20ރ. އާ ދެމެދުގަ އެވެ. އަދި ކޮޕީފަތް ބޮނޑިއެއް ވިއްކަނީ ފަސް ރުފިޔާ އަށެވެ. މި ބާވަތްތަކާ އަޅާބަލާއިރު އެންމެ ބޮޑަށް އަގުތަކަށް ބަދަލު އައިސްފައިވާ އެއް ބާވަތަކީ ކާއްޓެވެ. ކާއްޓެއްގެ އަގު އުޅެނީ 15ރ. އާއި 50ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ރޯދަ މަސް ފެށެއް ކައިރިވެފައިވާއިރު، އަގުތަކަށް އަދިވެސް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ރޯދަމަހު ބާވަތްތަކުގެ ޑިމާންޑް މަތިވެގެންދާ މިންވަރު އިތުރުވުމެވެ.