ރިޕޯޓް

މާލޭގެ އެންމެ ރަތް ސަރަހައްދުތައް!

ސުއިޒަލޭންޑާއި ނިއުޔޯކަށް ރާއްޖެ ހަދަން މަސައްކަތް ކުރަނީ އެވެ. އެކަން ކުރަން ބޮޑެތި އިމާރާތްތައް މައްޗަށް ނަގަނީ އެވެ. މަގުތައް ހަދަނީ އެވެ. އެކަމަކު އެ ގައުމުތަކުގައި މި ފަދަ "ތަފާތު ކުލަ" ތަކެއް ފެނުން ވާނީ ވަރަށް ތަދު ކަމަށެވެ. މާލެ ވަށައިގެން ދުއްވާލުމުން ފެންނަ ކަންކަމާއި ސަރަހައްދު ތަކުން އެނގެނީ ނިއުޔޯކާއި ޓޯކިއޯ އާ ހަމައަށް ދާން އަދި ލައްކަ މަސައްކަތް ކުރަން ޖެހޭ ކަމެވެ. މިއީ މާލޭގައި މިހާރު ހުރި އެންމެ "ރަތް ކުލަގަދަ" ސަރަހައްދު ތަކެވެ.

1- މެމޯރިއަލް ކެފޭ ކުރިމަތި

ހޮސްޕިޓަލަކީ އެންމެ ސާފުތާހިރު ތަނެވެ. އެހެން ހޮސްޕިޓަލްތައް ކައިރި ޓޯކިއޯ ފަދަ ގައުމުތަކުގައި އާދަޔާ ހިލާފަށް ސާފުކޮށް އޮންނަނީ އެހެންވެ އެވެ. އެކަމަކު ވެރިރަށް މާލޭގެ، އައިޖީއެމްއެޗް ހޮސްޕިޓަލުގެ ކުރިމައްޗަށްވާ ގޮތަށް އިންނަ ހޮޓަލުގެ ދޮރުމަތީގައި އިންނަ ފެން ހިންދާ ކާނުގެ ކުލަ ވަރަށް ތަފާތުވާނެ އެވެ. އެ ހޮޓަލުން ނުކުންނަ މީހުން ރަތް ކުޅު ޖެހުމުން މުޅި ސަރަހައްދު އޮންނާނީ ރަތްވެފަ އެވެ. މިއީ މާލޭގައި އެންމެ ފާހަގަ ކޮށްލެވޭ ރަތް ސަރަހައްދެވެ.

2- ބޭރު މަގު، ތާސީރު ކެފޭ ދޮރުމަތި

ތާސީރު ކެފޭއަކީ އެންމެ މީރުކޮށް ކެއުންތައް ލިބޭ އެންމެ މަގުބޫލު އެއް ހޮޓަލެވެ. އެކަމަކު މި ހޮޓަލުން ނުކުންނަ މީހުން ކެފޭގެ ދޮރުމައްޗަށް ރަތް ކުޅު ޖަހަނީ ވަކިވަރެއް ބަލައިގެނެއް ނޫނެވެ. އެކަމާހުރެ އެތަން އޮންނަނީ ރަތްވެފަ އެވެ. ކުޅު ޖެހުމަކީ ނުރައްކާތެރި ބަލިތައް ޖެހޭ ކަމެއްކަން ފަހަރުގައި ނޭނގެނީ ކަމަށްވެސް ވެދާނެ އެވެ. ކޮންމެއަކަސް މިއީ މިހާރު މާލޭގައި ހުރި އެންމެ ރަތް އެއް ތަނެވެ.

3- ބާޒާރުމަތި، އެތަން މިތަން

ސާފު ތާހިރުކަމަށް އެންމެން އިސްކަން ދޭން ޖެހޭނެ އެވެ. އަދި އެކަމަކުގެ ހޭލުންތެރިކަން އުފެއްދުމަކީ ކަމާބެހޭ ދާއިރާތަކުގެ ވާޖިބަކެވެ. ބާޒާރު މައްޗަށް ފިހާރަތަކުގެ ފާރަށްވެސް ރަތް ކުޅު ޖަހާފައި ހުންނަތަން ފެނެ އެވެ. ހާއްސަކޮށް ސައި ހޮޓާތަކުގެ ދޮރުމައްޗަކީ ބާޒާރުމަތީގައި އެންމެ ރަތް ސަރަހައްދުތަކެވެ.

4- އެއް ނަމްބަރު ފާލަން ދޮށް

"ގްރީންޒޯން" އަކީ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ސަރަހައްދެވެ. ވެރިރަށް، މާލޭގެ ޖުމްހޫރީ މައިދާންއަކީ އެންމެ ގިނަ މެހުމާނުން ގޮސް އުޅޭ އެއް ތަނެވެ. ޓޫރިސްޓު އެޓްރެކްޝަނެވެ. އެކަމަކު އިއްޒުއްދީން ފާލަން ފޮށުގައި ހުރި ގަސްތަކުގެ ބުޑުން ފެންނާނީ ރަތް ކުލަ އެވެ. ރޯދައަށް އެތަނަށް ދޮންވެލިލާފައި ހުއްޓަން މިތަން އާއްމުކޮށް ވަނީ ޑަސްބިން ތަނަށެވެ. ރެޑްބުލް ދަޅުތަކާއި ހުސްފުޅިތައް ހުންނާނީ މި ތަނުގަ އެވެ. އަދި އޭގެ މައްޗަށް ހުންނާނީ ރަތް ކުޅު ޖަހާފަ އެވެ. މިއީ ވެސް މާލޭގެ ރަތް ސަރަހައްދެކެވެ.