ރޯދަ މަހާ ރޯއްޖާ

ސައުދީ ޕްރިންސުގެ ލޯންޗު ފަރަށް، ޖަމްބެގެ ހަޔާތް އުހަށް!

Jun 1, 2017
5

މިއީ މުޅި ރާއްޖެ އަޑު އަހާ މަޝްހޫރު ވާހަކަ އެކެވެ. ގިނަ ބަޔަކު ތުންތުން މަތީގަ އެވެ. ނޫސްތަކުގައި ވެސް ޖެހީ އެބަޔަކަށް ހީވި އެއްޗަކާއި އިވުނު އަޑެކެވެ. އެއްވެސް ބަޔަކަށް ހަގީގަތެއް ނޭނގެ އެވެ. އެ ހާދިސާ ތަޖުރިބާކުރި މީހާގެ ދުވަހަކު ވެސް މިވާހަކަތައް ކިޔައިދީފައި ނެތީމަ އެވެ. އޭނާއަކީ ކާކުކަން ވެސް މީހުންނަށް ނޭނގޭތީ އެވެ. ނަމަވެސް އެ މީހާ މި ވަނީ އޭނާގެ ހަޔާތުގެ އެވާހަކަ ފުރަތަމަ ފަހަރަށް އަވަސްއާ ހިއްސާ ކޮށްފަ އެވެ. އެއީ ހދ. ވައިކަރަދޫ، އަބްދުލް ހަމީދު ޔޫސުފެވެ. އެކަމަކު އެންމެވެސް ދަންނާނީ އެއީ "ޖަމްބެ" އޭ ބުނިއްޔާއެވެ.

މި ވާހަކަ ފަށަން ދާން ޖެހެނީ 2000 ވަނަ އަަހަރާ ހަމަ އަށެވެ. މަހުޖަނުން ގިނަ ސައޫދީ އަރަބިއްޔާގެ ރޯޔަލް ޕްރިންސެއް -- ޖަމްބޭގެ އެދުމަށް ޕްރިންސްގެ ނަން ސިއްރު ކުރެވިފައި -- ރާއްޖޭގައި ޗުއްޓީ ހޭދަ ކުރައްވަނީ އެވެ. ޕްރިންސާއި މުޅި ޓީމްގެ ދަތުރުތައް އިންތިޒާމު ކުރަމުން ދިޔައީ، ވިލާގެ ކުންފުނީގެ ދަށުން ދުއްވި، މަޝްހޫރު "ހަލީފާ" ލޯންޗުގަ އެވެ. އެ ދުވަސްވަރު ރާއްޖެއަށް އަންނަ މަހުޖަނުންނާއި މަޝްހޫރު މީހުން ދަތުރު ކުރަނީ އޭގަ އެވެ. އެ ހާއްސަ ލޯންޗުގެ ކައްޕިއަކީ އޭރު އުމުރުން ހަގު ޖަމްބެ އެވެ. އޭނާ އެ ވަޒީފާ އަދާކުރަނީ ވަރަށް ކުރާ ހިތުން ވަރަށް ގަޔާވެގެނެވެ. އެހާ މުހިންމު ލޯންޗެއްގެ ކެޕްޓަންކަން އޭނާއަށް ދޭނީ ކޮންމެވެސް ގޮތެއް ވެސް ހުންނާނާތީ އެވެ.

އެއް ރެއެއްގެ މެންދަމުން އަލިވެ، 3:00 ޖަހަނީ އެވެ. ލޯންޗު ކުޑަ ބަނޑޮހުގެ ޖެޓީ ދޮށުގައި ލޯންޗް މަޑުކޮށްލާފައި އޮތެވެ. އޭގެ އިރުކޮޅެއް ފަހެވެ. އެ މެންދަމުގައި ވަޑައިގެން ލޯންޗަށް އަރައި ވަޑައިގަންނަވަނީ ސައޫދީ ޕްރިންސާއި އޭނާގެ ޓީމެވެ. ޖަމްޕެއަށް ޖެހުނު ލޯންޗުގެ ވާތައް މޮހެލައި ވިދާޅުވާ ތަނަކަށް ޕްރޮޓޮކޯލާ އެއްގޮތަށް އަވަހާ ނައްޓާލާށެވެ.

ޕްރިންސާއި ޓީމް ގޮވައިގެން ދުއްވަން ފެށިތާ މާގިނައިރެއް ނުވެ އެވެ. ޖަމްބެ ހުންގާނުގައި ހިފައި ދުއްވަން ހުރި ލޯންޗުގެ ހުންގާނު އެހެން މީހަކު "އަތުލައިފި" އެވެ. އޭރު ލޯންޗުގެ ދުވެލި ހުރީ މެކުހުގަ އެވެ. މާކަގިނަ ވަގުތެއް ވެސް އެ ދެމެދަކު ނުނެގި އެވެ. ފުންމައިގެންފައި އުދުހިގަންނާން ދިޔަ ލޯންޗު އެ ދިޔަ ގޮތަށް ގޮސް ބަނޑޮސް ކައިރީގައި އޮންނަ ފަރުމައްޗަށް އުރިއްޖެ އެވެ ބާރު ސްޕީޑުގައި ދިޔަ ލޯންޗުގެ ދުވެލި މަތަ ނުވެ، ފަރަށް އަރައި ލޯންޗު ވެސް ހަލާކު ވެއްޖެ އެވެ. އެންމެން ވިއްސަވިއްސައިގެން ހިނގައްޖެ އެވެ.

"ހަގީގަތުގައި އަޅުގަނޑަށް އެ ވަގުތު ވީގޮތެއް ވެސް ނޭނގުނު. ހުންގާނު އަތުލުމާއެކު ލޯންޗުވެސް ދިޔައީ ވިއްސައިގެން އަޅުގަނޑު ވެސް ވިއްސައިގެން ދިޔައީ،" ޖަމްބެ، ހަނދާނުން ނުފިލާނެ ހާދިސާ ކިޔައިދެމުން ބުންޏެވެ.

ލޯންޗު ފަރަށް އެރުމާއެކު އޭރު ހުންގާނު ހިފައިގެން ހުރި މީހާ ޖަމްބެ ކައިރީ ހާސްނުވެ، ހަމަޖެހިގެން ހުންނަން ބުންޏެވެ. އަދި ޖަމްބެ އެއްވެސް ކަމަކާ ހާސް ނުވުމަށް އޭނާ އެދެން ފަށައިފި އެވެ.

"ލޯންޗު ފަރަށް އެރީމަ އަޅުގަނޑު ހުރީ ހަމަ ހަދާނެ ގޮތް ހުސްވެފައި، އެހެން ހުއްޓައި، ލޯންޗުގެ މައްޗަށް އަރާވަޑައި ގަތީ ޕްރިންސް. ހީވަނީ އެއީ ވަރަށް އުމުރުން ހަގު ޒުވާން ބޭފުޅެއް. އޭރު އެމަނިކުފާނަށް އަދި ވި އަހަރު. ޕްރިންސް މައްޗަށް ވަޑައިގެން ވިދާޅުވީ މި ކަމާ ގުޅިގެން ކަލޭ އެއްވެސް ކަމަކާ ވޮރީ [ދެރަ] ނުވައްޗޭ. ހުރިހާ ރެސްޕޯންސިބިލިޓީ [ޒިންމާ] އެއް ވެސް ތިމަންނާ ނަގާނަމޭ. ކޮންމެ ކިތަންމެ ބޮޑު ފައިން [ޖޫރިމަނާ] އެއް ދައްކަން ޖެހުނަސް އެ ވެސް ދައްކާ ނަމޭ،" ޖަމްބެ ބުންޏެވެ.

އެ ހިސާބުން "އެސީން ނިމުނީ" އެވެ. ލޯންޗަށްވީ ގޮތެއް ވެސް ނޭނގެ އެވެ. ބަލާކަށް ވެސް ނޫޅެ އެވެ.ލޯންޗުގައި ތިބި ބޭފުޅުން ވެސް އެހެން އުޅަނދެއްގައި ގެންދިޔައީ އެވެ. އެކަމަކު ބިރުން ތުރުތުރުލައިލާ ހުރީ ޖަމްބެއަށް ޖެހުނީ އިދާރީ ފިޔަވަޅަކާއެކު ގޭގައި މަޑުކުރާށެވެ. މި ހާދިސާ ވެގެން ދިޔައީ، ޖަމްބެގެ ދިރިއުމަށް ބިން ދައިލި ވަރުދަގަ ރާޅަކަށެވެ. އޭރު ވެސް އެ ޒުވާން އުމުރުގައި އޭނާގެ ކުޑަ ދެ ކުދިން ތިބެ އެވެ. ޖަމްބެ ބުނާ ގޮތުގައި އޭރުގެ އެ ދިރިއުޅުން ވެސް އޮތީ މައްސަލަ ގަނޑެއްގެ ތެރޭގައި ކެކިކެކި އެވެ. އެހެން އޮއްވާ ޕްރިންސްގެ ލޯންޗް ފަރަށް އަރައި ލޯންޗް ހަލާކުވުމުން އޭނާގެ މުޅި ކެރިއަރުން ހަލާކުވެގެންދާނެތީ ހުރީ މުޅިން އުންމީދު ކަނޑާލައިގެނެވެ. ހިތަށް އެކި ވަހުމްތައް ވަންނަމުން ދިޔަ އެވެ. އޭނާއާމެދު އަޅައިފާނެ ފިޔަވަޅާކާމެދު ބިރުގެންފަ އެވެ.

"ބައެއް ފަހަރު ހިތަށް އަރަނީ މިދެން މަގޭ ދުވަސް ދިޔައީ އޭ. ހަގީގަތުގައި އެއީ އެކަންވާނެވެސް ގޮތް،" ޖަމްބެ ބުންޏެވެ. "ލޯންޗު ހަދަން ޖެހިގެން ނުހެދި ލާނީ ޖަލަ ށޭ ވެސް ހިތަށް އަރާ އަނެއްކާ އެވަރުގެ ބޮޑު ބޭފުޅަކު ހުންނެވި ލޯންޗެއް އަޅުގަނޑުގެ އިހުމާލުން ފަރަށް އެރުމުން އަޅާފާނެ ފިޔަވަޅާމެދުވެސް އެވަރަށް ހާސްވި. ދެން ކޮންމެއަކަސް ގޭގައި ހާސްކަމާއެކު ފިކުރު ބޮޑުވެފައި ހުންނަތާ އެއް ދުވަސް ވެއްޖެ،"

ޖެހިގެން އައި ދުވަހަށް ވެސް އިރު އެރިން ޖަމްބެ ބިރުގެންފައި އޮއްވަ އެވެ.

"އެ ދުވަހުވެސް ބިރުގެންފައި ގޭގައި ހުއްޓާ އޭރު ވިލާ ލޯންޗް ސެކްޝަންގައި ހުންނަވާ މެނޭޖަރު ގެއަށް ވަޑައިގަތީ. އޭނާ ވަޑައިގަތީމާ އަޅުގަނޑު އަދި މާ ބިރުގެންފި، ހިތަށް އަރަނީ އިންވެސްޓިގޭޝަން މިއޮށް ފެށުނީއޭ. މަގޭ ދުވަސް މިދޔައީއޭ... އެކަމަކު އޭނާ އައިސް އަހަނީ އެ ކޮޅުން އެއް ވެސް އެއްޗެއް ބުނިހެއްޔޭ؟ އަޅުގަނޑު ބުނެފިން، އެ މީހުން ބުނީ ވޮރީ ނުކުރާށޭއޭ! ޕްރިންސްވެސް ބުނީ އެއްވެސް ކަމަކާ ހާސް ނުވާށޭއޭ! ދެން އޭނާ ބުނަނީ އަންނާށޭ! އެކޮޅުން އަންގައިގެންނޭ މިއައީ. ދެން އޭނާއާއެކު ދިޔައީ،" މިހާރު އަމިއްލަ ވިޔަފާރީގެ ތެރޭގައި އުޅޭ ޖަމްބެ ބުންޏެވެ.

"އެ ދުވަހު ދިޔަ ގޮތަށް ދިޔައީ ކުޑަ ބަނޑޮހަށް. އެ ރަށަށް ދިޔައިރު ޕްރިންސްވެސް އެ މަނިކުފާނުގެ ޔޮޓުގައި ހުންނަވާފައި އަރިސް ބޭފުޅުންނާއެކު ކުޑަ ބަނޑޮހަށް ފާބައިވަޑައިގެން އުޅުއްވަނީ. އެ ރަށަށް ގޮސް ބުނި ތަނެއްގައި މަޑުކޮށްލައިގެން ހުއްޓަށް ޕްރިންސްގެ ސެކްރެޓަރީ ވަޑައިގެންފި. އޭނާ ވިދާޅުވީ ޕްރިންސް ވިދާޅުވިއޭ ކަލޭ އަވަހަށް އަންނާށޭ. އެހެން ވިދާޅުވެފައި ގޮވައިގެން ގެންދިޔައީ ޕްރިންސްގެ އަރިހަށް. އަޅުގަނޑު ދިޔައީމަ ވިދާޅުވީ ކޮބައިހޭ އައިޑީ ކާޑު! ދެން އަޅުގަނޑުގެ އައިޑީ ކާޑް ބަލައްލަވާލައްވާފައި ވިދާޅުވީ މިކަމާ ގުޅިގެން އެއްވެސް ކަމަކާ ދެރަވެ ހާސް ނުވައްޗޭ!"

ޖަމްބެ ބުނި ގޮތުގައި ދެން އެރޭ ޕްރިންސް ބޭނުންފުޅުވީ އެކުގައި ޑިނާއެއް ނަގާށެވެ. އަދި އެ ޑިނާ ނިމުމާއެކު ވިދާޅުވި އެވެ:

"ކަލޭ ދެން އެއްވެސް ތަނަކަށް ދާނެ ކަމެއް ނެތް، މި ހޮލިޑޭސްގައި އުޅޭނީ އަހަރެންނާއެކު މި ޔޮޓްގައި!"

ސައޫދީ ޕްރިންސުގެ ޔޮޓަށް ޖަމްބެ، ގެންދުމާއެކު ޖަމްބެއަށް ހާއްސަ ކޮޓަރިއެއް ދިނެވެ. ޕްރިންސުގެ އެންމެ އަރިސް މީހުންގެ ތެރެ އަށް ޖަމްބެލައި އޭނާގެ ވަަށައިގެންވެސް ހިދުމަތްކުރާނެ މީހުންނާއި ސެކިއުރިޓީން ލައިފި އެވެ.

"މި ގޮތަށް އޮވެދޭ، އަޅުގަނޑުގެ ކުޑަކޮށް ހަމައަކަށް އެޅެމުން ބިރުކެނޑެމުންދޭ... އެއްރޭ ޑިނާ ނިންމާލާފައި ޕްރިންސާ ވަކިވި ތަނާ ސެކްރެޓަކީ އަޅުގަނޑަށް މިދެނީ 10،000 ޑޮލަރު! ދެން އަހަނީ މިކަހަލަ އެއްޗެއް ޖަމްބެއަށް ދިނިއްޔާ ކިހިނެއްހޭ ވާނީ؟ ދިވެހި ސަރުކާރުން ނޫނީ ވިލާގެ ވެރިޔާ މި ފައިސާ ޖަމްބެގެ އަތުން އަތުލަން އުޅެފާނެހެއްޔޭ! ދެން އަޅުގަނޑު ދަންނަވައިފިން އެހެނެއް ހިއެއް ނުވެއޭ!،" ޖަމްބެ ބުންޏެވެ.

ޖެހިގެން އައި ދުވަހެވެ. އާދައިގެ މަތިން ޖަމްބެ ވެސް ޔޮޓަށް ދިޔަ އެވެ. އެ ދުވަހު ޕްރިންސް ބައްދަލު ކުރައްވާ އެކުގައި ވަގުތު ހޭދަ ކުރެއްވި އެވެ. އަދި ޖަމްބޭއަށް ދެ އޮޕްޝަނެއް ދެއްވި އެވެ. އެއް ގޮތަކީ ސައޫދީއަށް ގޮސް ޝާހީ ލޯންޗް ސެކްޝަނުގައި ކެޕްޓަނެއްގެ ވަޒީފާ އަދާކުރުމެވެ އަނެއް ގޮތަކީ ހަމަޖެގިގެން އުޅެވޭނެ ވަރަށް ފައިސާ ދީފައި ވަޑައިގެންނެވުމެވެ. މިއީ ޖަމްބެގެ ދިރިއުޅުން ބަދަލުވި ހިސާބެވެ. "އޭރުވެސް އެކި ފަހަރު މަތިން ކޮންމެ ރެއަކު ދިހަ ހާހުން ވިހި ހާހުން ދެމުން ގޮސް ލައްކައެއްހާ ޑޮލަރު އަޅުގަނޑަށްދީފި،"

"ދެން އަޅުގަނޑު އާއިލީގެ މީހުންނާ ވެސް ޑިސްކަސް ކޮށްލައިފިން. އޭރު ދެ ކުދިން ވެސް ވަރަށް ކުޑަ. އަޅުގަނޑުވެސް އެހާ ފުރިހަމައެއް ނޫން އެހެންވެ ވިސްނުނީ ޕްރިންސާއެކު ނުދާން ރާއްޖޭގައި ހުންނަން. އެއްޗެއް ލިބިގެން ރާއްޖޭގައި ހުރިއްޔާ މާ ރަނގަޅު ކަމަށް ވިސްނުނީ... އަނެއްކާ ދެވަނަ ރޭ ވެސް އެގޮތަށް ހަމަ ސުވާލު ކުރައްވައިފި އޭރު ރާއްޖޭން ރިސޯޓެއް ގަންނަ ވާހަކަ ވެސް ދައްކާ. ދެން އަޅުގަނޑު ކައިރީ ބުނެފި ރަށެއް ބަލާށޭ،" ޖަމްބެ ބުންޏެވެ.

ޕްރިންސާއެކު، ޖަމްބެ ހަފުތާއެއް ވަންދެން މަަސައްކަތް ކުރިއިރު، ތަފާތު ތަޖުރިބާތައް ކޮށްފައިވެ އެވެ. ހާއްސަކޮށް މުއްސަނދި ދިރިއުޅުމުގައި ކުރިން ވެސް އަދި މިހާރުވެސް ނުފެންނަ ކިތަންމެ ކަމެއް ފެނުނެވެ. އެދުވަސްތަކުގައި ޕްރިންސްގެ ޓީމްގެ ދަތުރުތައް ރޭވުމުގައި އިސްކޮށް ރާއްޖޭގައި އުޅެން ޖެހުނީ ފަހުން އޭނާ އަށެވެ.

"މިގޮތަށް ވީ ދުވަސްތަކުގައި އެކި ދުވަސް މަތިން ދެމުން ގޮސް ވަރަށް ގިނަ އަދަކަށް ފައިސާ ދިން... އެ ފައިސާ ދިނީ ސައުދީ ރޯޔަލް ފެމެލީން އަޅުގަނޑަށް ދޭ ހަދިޔާއެއްގެ ގޮތުގައި،،" ޖަމްބެ ބުންޏެވެ.

ޕްރިންސުގެ ދަތުރަށް ފަހު އެނބުރި ވަޑައިގެންނެވީ ޕްރިންސްގެ ސެކްރެޓްރީ މެދުވެރިކޮށް ގުޅޭނެ މަގެއް ޖަމްބެއަށް ތަނަވަސްކޮށްދީފައެވެ. ޕްރިންސްގެ ދަތުރުގައި ލޯންޗު ހަލާކުވި ނަމަވެސް، އެ ލޯންޗާ ބެހޭ އެއްވެސް ސުވާލެއް ޖަމްބެއަކަށް ނާދެ އެވެ. އަދި ވިލާގެ ވަޒީފާގައި ދެ އަހަރު އެއްވެސް މަސައްކަތެއް ނުކޮށް އޭނާ ބެހެއްޓި އެވެ. އޭގެ ފަހުން އޭނާ އަމިއްލައަށް ކެނޑުނީ އެވެ.

އެހިސާބުން ޖަމްބެ ބެލީ މަސައްކަތެއް ފަށާށެވެ. އަދި ޕްރިންސު ދެއްވި ފައިސާ އިން ވިޔަފާރިއެއް ފެށި އެވެ. ފުރަތަމަ ލޯންޗެއް ގަނެގެން މަސައްކަތް ކުރީ އެވެ. އަދި ދޯންޏެއް ގަތެވެ. ހުއިފި ލަނޑާގެ މަސައްކަތް ކުރި އެވެ. އަދި އޭގެ ފަހުން ކޮންސްޓްރަކްޝަން މަސައްކަތް ފެށި އެވެ. އޭގެ ފަހުން ދެން ފައިސާތައް ހިފައިގެން ދިޔައީ ސީޝެލް އަށެވެ. އެ ގައުމަށް އުޅުމަށް ފަހު ގޮސް 2009 ވަނަ އަހަރު ރާއްޖެ އައިސް، މިހާރު ކުރަނީ އިންޓީރިއާ ޑިޒައިންގެ މަސައްކަތެވެ.

"ޕްރިންސް ވަޑައިގަންނަވަމުން ކޮންޓެކްޓް ނަމްބަރު ދެއްވި. އެހެން ހުއްޓައި ދެތިން އަހަރު ފަހުން އައީ މެސެޖެއް. އޭގައި އޮތީ ރާއްޖެ ވަޑައިގަންނަވާ ވާހަކަ. ނަމަވެސް އެ ދަތުރު ފަހުން ކެންސަލްވީ،" ޖަމްބެ ބުންޏެވެ.

ޖަމްބެ މިހާރު ގަބޫލުކުރާ ގޮތުގައި ސައޫދީގައި މަސައްކަތް ކުރަން އޭނާއަށް ލިބުނު ފުރުސަތަކީ އޭނާއަށް ދޫކޮށްލެވުނު ރަނުގެ ފުރުސަތަކެވެ.

"ފަހުން ހިތަށް އެރި އެ ފުރުސަތު ގެއްލުވައި ލެވުނީއޭ!" ޖަމްބެ ބުންޏެވެ.

ސައޫދީ އަށް ނުދެވުނު ނަމަވެސް މިހާރު ޖަމްބެ ވަނީ ރަނގަޅު ވިޔަފާރިއެއް ކުރަން ފަށާފަ އެވެ. "ލަކާޒް މޯލްޑިވްސް" ގެ ނަމުގައި އިންޓީރިއާ މަސައްކަތް ފުޅާކޮށް ދަނީ ކުރަމުންނެވެ. މި ކުންފުނި ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި އެއާޕޯޓް ލައުންޖުތަކާއި ބޮޑެތި
ފިހާރަތަކާއި މީނޫންވެސް ގިނަ ތަންތަން ހިމެނެ އެވެ.

ކޮންމެއަކަސް ސައޫދީ ޕްރިންސުގެ ލޯންޗް ފަރަށް އެރުން ވެގެންދިޔައީ ޖަމްބެގެ ހަޔާތް ބަދަލުކޮށްލުމަށެވެ. ޖަމްބެ އަދިވެސް ހުރީ ހަމަ އެގޮތުގަ އެވެ. ސައުދީ އެ ޕްރިންސްގެ ހަބަރެއް ވާނެ ކަމަށް އޭނާ އަދިވެސް އުންމީދު ކުރެއެވެ.