ރޯދަ މަހާ ރޯއްޖާ

ދިވެހިންނަށް ޒަކާތް ވާޖިބު ނޫން އަހަރެއް!

May 28, 2017
2
  • ހަނގުރާމައިގެ ތަދުމަޑުކަމުގައި ސަރުކާރުގެ ނިންމުމެއް
  • ނިންމުން އައީ ދަންނަ ބޭކަލުންގެ ލަފާގެ މަތީން
  • އިހުޔާ ކުރުމުގެ އުސޫލަށް ވެސް ސަރުކާރުން ބަދަލު ގެނައި

އަންނަބީލު އިބްރާހިމް ހަބީބަކީ މިލިޓަރީ ރޮނގުންނާއި ސައިންސްގެ އެކި ފަންނުތަކުގައި ރާއްޖޭގައި އުފެދުނު ވަރަށް އިލްމުވެރި ޝަހުސިއްޔަތެކެވެ. ރާއްޖެ މިއަދު މިދެކޭ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ފަސޭހަތައް ހުވަފެނުގައި ވެސް ނުފެންނަ ޒަމާނުގައި، މީގެ ބައި ގަރުނުގެ ވެސް ކުރިން އޭނާގެ ދަރިކަނބަލުން ހުޅަނގުގޭ ހަބީބާ އަރިހު އިބުރާހިމް ހަބީބު ވިދާޅުވި އެވެ: "ބައްޕަމެންނަށް ފެންނާނެ ކަމެއް ނޭނގެ އެވެ. ނަމަވެސް ކަނބުލޮމެން އެދުވަސް ދެކޭނެ އެވެ! މިހެން އިންތާ އިނދެ މުޅި ދުނިޔެއާ ގުޅައިލެވޭނެ ދުވަހެއް އަންނާނެ އެވެ."

މިހާރު ދެކެމުން މިދަނީ އެތަނެވެ. ލިބިގަންނަމުން މިދަނީ އެ ފަސޭހަތަކެވެ. ޓެކްނޮލޮޖީގެ ހުރިހާ ފަސޭހަތަކެއް އެއް ފަރާތްކޮށްފައި ހަމައެކަނި މޯބައިލް އެސްއެމްއެސް ވާހަކަ ހިތަށް ގެނައަސް ފުދޭނެ އެވެ. އެންމެ އެސްއެމްއެސްއެއް ފޮނުވާލައިގެން ލައްކަ ގިނަ ފަސޭހަތައް ލިބިގަނެ އެވެ. ނޫނީ މުޅި ދިރިއުޅުމުގެ ބޮޑު ބައެއް ހަމަޖައްސައި ލެވެ އެވެ. މިހާރު އެސްއެމްއެސް އިން ފިތުރު ޒަކާތް ދެއްކޭނެ މަގު ތަނަވަސް ވެގެން ދިޔައީ އެވެ.

ފިތުރު ޒަކާތް ދެއްކުމަށް ކުޑަކުޑަ ބަދަލަކުން ބޮޑު ފަސޭހައެއް ވެގެން އެ ފަރުޟު އަދާކުރި މީހުން އިތުރުވެފައިވާއިރު އިސްލާމް ދީނުގެ އެ ރުކުން ދިވެހި ރައްޔިތުން އަދާނުކުރާ އަހަރެއް ވެސް އައެވެ.

ދިވެހިން ފިތުރު ޒަކާތް ނުދައްކާ ތިބެންވީ ކީއްވެގެން ހެއްޔެވެ؟ އެކަމަކު ދިވެހި ތާރީހުން ބަލައިލާއިރު އެއީ ހަގީގަތެކެވެ.

އެ އަހަރު ދިމާވަނީ ހިޖުރައިން 1361 ވަނަ އަހަރަށެވެ. ދިވެހިން އެ އަހަރުގެ ފިތުރު ޒަކާތް ނުދެއްކީ ދިވެހި ސަރުކާރުން އެ އަހަރުގެ ފިތުރު ޒަކާތް ނުނަގާ ގޮތަށް ހަމަޖެއްސުމުންނެވެ. ސަރުކާރުގެ އެ ނިންމުން އައީ އެ ދަނޑިވަޅު މުޅި ދުނިޔެ "ތަޅައި ރޯނާގަންނަވަމުން" ދިޔަ ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ދިވެހި ރާއްޖެ އަށް ވެރިވެފައިވާ ތަދުމަޑުކަމުގެ ހާލަށް ރިޔާއަތް ކުރުމަށް ފަހު އެވަގުތަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރެވިގެންނެވެ. އެއީ އެފަދަ ދަނޑިވަޅެއްގައި އެންމެ ރަނގަޅު ފިޔަވަޅެއް ކަމަށް ސަރުކާރުގެ އެންމެ އިސް އޮފިޝަލުންނަށް މުޅިން އިއްތިފާގު ނުވެވުނު ކަމަށް ވިޔަސް ގިނަ ބޭފުޅުން އެގޮތް ގަބޫލު ކުރެއްވި އެވެ. މި ނިންމުން ނިންމި އިރު ދައުލަތް ހިންގުމުގައި އިސްވެ ހުންނެވީ މުހައްމަދު އަމީނެވެ.

ފިތުރު ޒަކާތް ނެގުން އެ އަހަރު ވާޖިބު ނޫން ކަމެއްގެ ގޮތުގައި ދޫކޮށްލެއްވި ސަބަބެއް ކަމަށް މުހައްމަދު އަމީނު އޭނާގެ "ދިވެހި ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" އެ ފޮތުގައި ބަޔާން ކުރައްވަނީ "ކާބޯ ތަކެއްޗާ މެދު ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން އެ އަހަރު ފިތުރު ޒަކާތް ވާޖިބު ނުވާނޭ ކަމުގައި ޝަރީއަތާއި ގާނޫނުގެ ފަރާތުން ދައުލަތަށް ލަފާދޭ ކޮމެޓީ އަށް ފެނިގެން އެ އަހަރުގެ ޒަކާތް ނުނެގުމަށް ގަސްދުކުޅައީ" ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރުން އެފިޔަވަޅު އެޅީ ހަމަ ފިޔަވަޅެއް އެޅުމުގެ ގޮތުން ނޫން ކަމާއި ދީނުގެ އިލްމުވެރިންގެ ބަސް އެކަމުގައި ހޯދައި ގާނޫނީ ގޮތުން އެފަދަ ދަނޑިވަޅެއްގައި ފެތިގެންދާ ގޮޅި ވެސް ބަލައިގެންކަން ދޭހަކޮށްދެ އެވެ.

ފިތުރު ޒަކާތް ނުނަގައި ދޫކޮށްލުމާ ބެހޭ ގޮތުން ސަރުކާރުން އޭރު އޮތީ ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމެޓީގެ މަޝްވަރާތަކަށް ފަހު ފާސްކުރީ އޭރު މާލޭގައި ތިއްބެވި ދީނީ އިލްމުގެ ދަންނަބޭކަލުންގެ މަޝްވަރާތަކަށް ފަހުގައި ފިޔަވަޅެއް އެޅުމަށެވެ. އިލްމުވެރިން އެއްވެ އެކަމުގައި އިލްމީ ގޮތުން މަޝްވަރާތައް ކުރެއްވުމަށް ފަހު އަގުލަބިއްޔަތުން ނިންމެވީ އޭރު "ރާއްޖޭގެ ހާލަތު އޮތް ގޮތުން ފިތުރު ޒަކާތް ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ނުވާނެ" ކަމަށެވެ.

މުހިންމު ރުކުނެއް އަދާ ކުރުން ދޫކޮށްލި އިރު އެދުވަސްވަރު ހާއްސަކޮށް އެ އަހަރުގެ ރޯދަ މަހު ދިވެހިންގެ ހާލަތުގެ މައްޗަށް ބަލައިލާން ޖެހެ އެވެ. އެހެނީ ފިތުރު ޒަކާތް ނެގުން އެ އަހަރު ދޫކޮށްލީ ބަނޑުހައިހޫނުކަން ފެތުރިފައިވާ މިންވަރު ބޮޑުކަމުން އެކަމުގެ މައްޗަށް ނަޒަރުކޮށް އިލްމުވެރިން އެގޮތަށް ނިންމަވައިގެން ކަމަށް ވާތީ އެވެ.

ދިވެހިންގެ އާދަކާދައިގައި ރޯދަ މަހަކީ "ކާއެއްޗެހިން އިސްރާފުކޮށް ތަޅާ ބުރުވާ ކަމަށް ވިޔަސް ހަނގުރާމަ ވަރުއަރާފައިވާއިރު ދައްޗާއި އުނދަގޫތަކާއި ހާސްކަމުން ދިވެހި ރާއްޖެ ދިޔައީ "ބަނޑަށް މަރުވާ" ށެވެ. ރޯދައަށް ތައްޔާރުވުމުގެ ފޯރި އޮތީ މުޅި ރާއްޖެ އިން ކެނޑިފަ އެވެ. އެހެންކަމުން އެއީ ދިވެހި ރައްޔިތުން ދުވަހަކު ވެސް ނުދެކޭ ފަދަ ރޯދަ މަހެކެވެ.

ރޯދަ މަހަށް އެޅުނު އިރު ދިވެހިންގެ "ހާލަތާއި ވިންދު" ނުވެސް ނެތެވެ. އެހެނީ މީހުން ބަނޑުހައިވެ ހާންތިވެ ކެތް ނުކުރެވިގެން ވައްކަން ކުރަނީ ޖެހުނު އެއްޗަކުން، ފެނުނު ދިމާއަކުންނެވެ. ވީގޮތަކުން ބަނޑުފުރާނަ މުއްތިކުރުން އޮތީ އާންމުވެފަ އެވެ.

މުހައްމަދު އަމީނު ވިދާޅުވަނީ އޭގެ ސަބަބުން އިންސާނިއްޔަތު ކަމުގެ ވާޖިބުތަކަށާއި ދީނީ ހަމަތައް ބުރަމުން ދިޔައީ "ވަޔަށް އޮޔަށް" ކަމަށެވެ. ބަނޑުގައި އެއްޗެއް ނެތި ދެ ފުށް ތަތްލައިގެން މީހުން މަރުވަމުން ދިޔައިރު އަނެއް ބައި މީހުން ބަދަލުވަމުން ދިޔައީ ފުރާނަ ހުރި "ކަށިގަނޑުތަކަކަ" ށެވެ. ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތް އިރު، އޮރިޔާން ފިލުވާނެ ވަރެއް ނެތިގެން ގޭގެ އެތެރެގެއިން ބޭރުގެއަށް ނުނުކުމެވިފައި ތިބި އަންހެނުން މުޅި ރާއްޖޭގައި ވެސް ތިއްބެވެ.

ނަތީޖާއަކަށްވީ އުސޫލުތައް އެކޮޅުކޮޅުން ޖެހި އެންމެ އަވަހަށް ގަންނަން އެދުނު މީހަކަށް އަމިއްލަ ގޭގެ ފުރާޅުގެ ޓިނާއި ހިފާގެންގުޅޭ ތަކެއްޗާއި އަނބިދަރީންގެ ގަހަނާތައް ވިއްކާ ހުސްކޮށް ކުރިން ލިބުނު އެއްޗެއް ކުރިން ކައިލަމުން ދިއުމެވެ.

"އެފަދަ ހާލަތެއްގައި ކިހިނެއް ޒަކާތް ދައްކާނީ؟ އެހެންވުމުގެ ސަބަބުން އިލްމުވެރިން މަޝްވަރާ ކުރައްވާފައި ނިންމެވީ އެ އަހަރު ފިތުރު ޒަކާތް ނުނެރެން، އެހާވެސް ހާލު ދެރަ،" ތާރީހީ އިލްމުވެރިޔާ މުހައްމަދު އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންގެ މައްޗަށް ފިތުރު ޒަކާތް އެ އަހަރު ވާޖިބު ނުވާނެ ކަމަށް އިލްމުވެރިންގެ ލަފާގެ މަތިން ނިންމި ނަމަވެސް ޒަކާތުގެ ގޮތުގައި ބައެއް މީހުން ސޮދަގާތް ކުރި އެވެ.

މުހައްމަދު އަމީނު ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުން އެގޮތަށް ނިންމިޔަސް ވަކިވަކި ފަރުދުން ސޮދަގާތުގެ ގޮތުގައި އެމީހަކަށް ފެނިގެން ދިން އެއްޗެއް ނައިބުގެ އާއި މަހުކަތުއް ޝަރުއިއްޔާ އިން ބަލައިގަތުމުގައި ހުރަހެއް ނެތް ކަމަށް ދިވެހި ސަރުކާރުން މުޅި ރާއްޖެ އަށް އިއުލާނުކުރި ކަމަށެވެ.

ފިތުރު ޒަކާތް ދެއްކުމަށް ވަނީ ބަދަލުތައް އައިސްފަ އެވެ. އަނެއް ކަމަކީ ރޯދަ މަސް ދިރުވައި އިހުޔާ ކުރުމަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ. ފިތުރު ޒަކާތް ދެއްކުމަށް "ޑިޖިޓަލް ރިވޮލިއުޝަން" އާއިރު އަންނަބީލު އިބުރާހިމް ހަބީބު ދުނިޔޭގައި ހުންނެވި ނަމަ "ކޮބާ މަ ބުނީމެއް ނޫން ހެއްޔޭ!" ވިދާޅުވާނެ ދޮގެއްތޯ އެވެ؟ -- އިބްރާހިމް ހަބީބު އަވަހާރަވީ މާޗު ،28 1956 ގައި އުމުރުން 44 އަހަރުފުޅުގަ އެވެ.

ރޯދަމަސް އިހުޔާ ކުރުމުގައި އައިސްފައިވާ ފަދަ ބަދަލެއް ހިޖުރައިން 1361 ވަނަ އަހަރުގެ ރޯދަ މަހު ވެސް އަ އެވެ. އެގޮތުން ރޯދަމަސް އިހުޔާކޮށް ދިރުވުމަށް އޭރު ބާއްވަމުން އައި "ބަންޑާރަ ވައުޒު ބުނުން" އުވާލައި އޭގެ ބަދަލުގައި ދީނީ ނަސޭހަތުގެ ތަގުރީރުތައް ދޭން ފެށި އެވެ. ރޯދަމަސް އިހުޔާކުރުމަށް ފެށި ދީނީ ނަސޭހަތުގެ ޕްރޮގްރާމްގައި ފުރަތަމަ ތަގުރީރު ކުރެއްވީ ޝޭހު ހުސައިން ސޮލާހުއްދީނެވެ.

އެމަނިކުފާނު ތަގުރީރުކުރެއްވީ އެ ދުވަސްވަރު ހަނގުރާމައިގެ ސަބަބުން މުޅި ދިވެހި ރާއްޖޭގެ މައްޗަށް ފެތުރިފައި އޮތް ތަދުމަޑުކަން އެއީ މައިގަނޑެއް ކަމަށް ބައްލަވައި "ކުރިމަތިވެފައިވާ ދަތިކަމު"ގެ މައްޗަށެވެ. އޭރު ހަނގުރާމައިގެ ބޯވިލާގަނޑު ކަޅުކަން އޮތީ މުޅި ރާއްޖެ މައްޗަށް އަނދިރިއަޅައި ފޮރުވައިގެނެވެ.

އިހުޔާ ކުރުމުގެ ދެ ވަނަ ދުވަހު ރޯދައިގެ މާތްކަމާއި މުހިންމު ކަމުގެ މައްޗަށް ތަގުރީރުކުރެއްވީ ބޮޑުފެންވަޅުގޭ ސީދީ އެވެ. އެ ޕްރޮގްރާމުގައި ދެން އައި ދުވަހު ވާހަކަފުޅު ދެއްކެވީ އަލް ގާޒީ އަބްދުﷲ ފަހުމީ ދީދީ އެވެ. އެމަނިކުފާނުގެ މައުލޫއަކީ ނަމާދެވެ.