ރިޕޯޓް

އަގު ހެޔޮކުރަން ވިޔަފާރިވެރިޔާގެ ޒިންމާ ކޮބާ؟

May 28, 2017
3

ރޯދަ މަސް ފެށުމާއެކު، މީހުން ރުޅި ގަދަވެ، ފުންމަ ފުންމައިގެން ދަނީ އެވެ. ކޮންމެ އަހަރަކުވެސް ވަނީ މިހެންނެވެ. ދެން، އިވެނީ "މިވެނި އެއްޗެއް އަގު ބޮޑު ވަނީ!... ނޫނީ މިވެނި އެއްޗެއް ރަނަށް! ނުވަތަ މިވެނި އެތީގެ އަގު އަތް ނުފޯރާ ފަށަށް!" ދާ ވާހަކަ އެވެ. މިއާއެކު ގިނަ މީހުން ކުރާ ސުވާލަކީ މިއީ އެވެ!

"އެހެން ގައުމުތަކުގައި ފެސްޓިވަލް ތަކަށް އަގު ހެޔޮވަނީ! މި ތަނުގައި ވަނީ ބޮޑު! .. މިވަނީ ކިހިނެއް!. ރާއްޖޭގައި އަގު މަތިވަނީ ކިހިނެއް؟"

މި ސުވާލު ނުއުފެދޭނެ ސަބަބެއް ނެތް ނެތްތާ އެވެ. ހަމައެކަނި އަޑު އިވެނީ އަގު މަތިވުން އެކަންޏެވެ. މިއާއެކު، އަހަރެންގެ ހިތުގައި ވެސް ސުވާލު ފީންޗެއް އުފަންވެއްޖެ އެވެ! މުދަލުގެ އަގު ހެޔޮ ކުރުމުގެ ޒިންމާ އެޅެނީ ހަމައެކަނި އެއިރަކު އޮންނަ ސަރުކާރެއްގެ ބޮލުގައި ހެއްޔެވެ؟ މީގައި ހަމަ އެއްވެސް ވަރަކަށް ވިއްކާ މީހާގެ ޒިންމާއެއް ނޯންނަނީ ބާ އެވެ؟ މުދަލުގެ އަގަށް ބަދަލު އަންނަ ސަބަބު ތަކަކީ ކޮބައި ހެއްޔެވެ؟

ތިރީގައި މި އޮތީ، ރާއްޖޭގައި އާއްމުކޮށް މުދަލުގެ އަގަށް ބަދަލު އަތުވެދާނެ ހާލަތެއް ދިމާވުމުގައި މުހިންމު ދައުރެއް ކޮށްފައިވާ ބައެއް ސަބަބު ތަކެވެ. ހާއްސަކޮށް ރޯދަ މަހުގައި އަގުތައް މަތިވުމުގައި މި ސަބަބުތައް މުހިންމު ދައުރެއް ކުޅެ އެވެ.

1- ޑޮލަރު ހޯދުން

އެއްޗެއް އަގު ބޮޑު ވާހަކަ ދައްކާއިރަށް ވިއްކަން އިންނަ މީހާ ފުންމައިގެން އާދެ އެވެ. އަދި ބުނާނީ ޑޮލަރު ނުލިބޭ ވާހަކަ އެވެ. ކަޅު ބާޒާރުން 17ރ. ނޫނީ 18ރ. އަށް ޑޮލަރު ގަނެގެން މުދާ އެތެރެކޮށްގެން ވިއްކަން ޖެހުމުން އަގު ބޮޑު ވަނީ ކަމަށެވެ. މިވާހަކަ އެންމެ ބޮޑަށް ދެއްކީ ރާއްޖޭގައި އަލަށް ޓެކްސް ނިޒާމެއް ގެނެސް، ޑޮލަރު ސީލް 2011 ވަނަ އަހަރު ދޫކޮށްލި ދުވަސް ވަރެވެ. އެ ދުވަސްވަރު 20ރ. އަށް ޑޮލަރެއް ވިއްކި އެވެ. އޭރު ވެސް މުދާ ވިއްކާ މީހުން ބުނީ އެ ވާހަކަ އެވެ. ސުވާލަކީ މިއަދު ހާލަތެވެ. މިއަދު ޗާންދަނީ މަގު، "އެކްސްޗޭންޖު" ކޮށްދޭ ފިހާރައަކަށް ގޮސްގެން ވެސް ޑޮލަރު އެހުރީ ލިބޭށެވެ. ޑޮލަރުގެ ރޭޓު ހުރީ 16.15 ނޫނީ 16ރ. ގަ އެވެ. އެކަމަކު މިއަދު ވެސް މި ޝަކުވާ އިވެ އެވެ. ސުވާލަކީ މިވަނީ ކިހިނެއް ހެޔެވެ؟

2- ބަނދަރުން މުދާ ނެރުން

މާލެ ވިޔަފާރި ބަނދަރަށް މުދާ ބާލަން އައިސް، ކިޔޫގައި ތިބެން ޖެހުމަކީ މީގެ ކުރިން ޖެހޭ ބޮޑު މައްސަލަ އެވެ. ހާއްސަކޮށް ރޯދަ މަހު މި މައްސަލަ މީގެ ކުރީގައި ވަރަށް ބޮޑެވެ. ވިޔަފާރި ބަނދަރަށް 30 އަހަރު ވެގެން ދިޔައިރު އެހާލަތުގައި އޮތުމަކީ ދެރަ އެކެވެ. ކުރިން މުދާ ހިފައިގެން އަންނަ ބޯޓު ކިޔޫގައި ދެ ހަފުތާ އޮންނަން ޖެހެ އެވެ. މީގެ ސަބަބުން މުދާތައް ހަަލާކުވެ ގެއްލުން ބޮޑުވެ އެވެ؟ ދެން އޮތީ މިހާރުގެ ހާލަތެވެ. ވިޔަފާރި ބަނދަރުގެ ހާލަތު ރަނގަޅު ކުރުމަށް އެމްޕީއެލް އިން ވަނީ 140 މިލިއަން ރުފިޔާ ހަރަދު ކޮށްގެން 22 އުޅަނދެއް ގެނެސްފަ އެވެ. މިއާއެކު މުދާ ނެރުން މިވަނީ އެތައް ގުނައެއް އަވަސްވެފަ އެވެ. އަދި ހާއްސަކޮށް ރޯދަ މަހު މި މަސައްކަތް މިވަނީ އެތަށް ގުނައެއް ހަލުވި ކޮށްފަ އެވެ. މިއަދު ތިން ގަޑިއިރު ތެރޭގައި މުދާ ކްލިއަކޮށްލަ އެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ މި އަހަރު މުދާ ނެރުމުގައި އެއްވެސް ތާއްޓެއް ނާރާނެ ކަމަށެވެ.

"ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް، އެމްޕީއެލް އިން ދޭންޖެހޭ ހަދުމަތްތައް ދަތިތަކަކާ ނުލައި ދޭނެ ކަމުގެ ޔަގީންކަން ފޯރުކޮށްދެން،"ހަލީމް ވިދާޅުވި އެވެ.

މިނިވަން ބާޒާރެއް؟

ރާއްޖެއަކީ "ފްރީ މާކެޓު އިކޮނޮމީ" އެކޭ ގިނައިން ކިޔަ އެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، އެކަން ގިނަ މީހުން ގަބޫލު ނުކުރާ ކަމަށް ބުނެވިދާނެ އެވެ. ސަބަބަކީ ހިދުމަތް އަގު ހެޔޮ ކުރަން ގެންނަ ބަދަލުތަކުގެ ފައިދާ ރައްޔިތުންނާ ހަމަ އަށް ޕާސް ކުރުމުގައި "ބުރަކި ޖެހުމެވެ." އެހެންވެ މި ހިސާބުން ސަރުކާރަށް ޖެހޭނީ ވިއްކާނެ އަގު ތަކެއް ސީލް ކުރުމެވެ.

ފިޝަރީޒް މިނިސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އަގު ހެޔޮ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރާ ކަމަށެވެ. ހާއްސަކޮށް މި ރޯދަ މަހު ވެސް އެކަމަށް ގިނަ ފިޔަވަޅު ތަކެއް އަޅުއްވަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ދަނޑުވެރިކަމުގެ ސާމާނުގެ އަގު ހެޔޮ ކުރުމުގެ ގޮތުން، ޓީ-ޖެޓީ ސަރަހައްދުގައި އިތުރު މާކެޓެއް ހަދައި، ހިލޭ ދޫކުރަން ވަނީ ފަށާފަ އެވެ. އަދި ބާޒާރުގައި އަގު ބޮޑު ބާވަތެއް ކަމަށްވާ ކާށީގެ އަގު ތިރި ކުރުމަށް "ޝަރުތުތަކާއެކު" ވަރުވާއަށް ދީފައިވާ ރަށްތަކުން ކާއްޓާއި ކުރުނބާ ދޫކުރަން ވަނީ ފަށާފަ އެވެ. މިގޮތުން ސަރުކާރުގެ ޝަރުތަކީ ކާއްޓެއް ހަތް ރުފިޔާ އަށް ކުރުނބައެއް 12ރ. އަށް ވިއްކުމެވެ.

ކޮންމެއަކަސް ރޯދަ ހާލަތު ބަދަލުވިނަމަވެސް، އަގުތަކަށް ބަދަލު ގެނައުމުގައި ވިއްކާ މީހުން ތިބީ ވަރަށް ފަހަތުގަ އެވެ. އެމީހުން އަބަދުވެސް ދައްކަނީ އެއް ވާހަކަ އެކެވެ. އަބަދުވެސް ކޮންމެވެސް މީހަކަށް އެކަން ފޫޅު ކަނޑަނީއެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިއީ މިކަން އޮންނަން ޖެހޭ ގޮތް ހެއްޔެވެ؟