ދިރާގު

ދިރާގު: ގައުމު ތަރައްގީ ކުރުމުގައި 35 އަހަރު

Oct 2, 2023

ސިޓީ ފޮނުވައިގެން ޖަވާބެއް ނުލިބި އެތައް ދުވަހަކު ތިބެންޖެހުނު ޒަމާން މާޒީވެއްޖެ އެވެ. ޓޯކީ އާއި ޕޭޖަރާއި ފޯނު ބޫތުތަކުން މުއާމަލާތު ކުރި ދުވަސްތައް ވެސް މިހާރު މި ވަނީ ފާއިތުވެފަ އެވެ. ރާއްޖެ ފަދަ ކުޑަ، ޖަޒީރާ ގައުމަކުން މި އަންނަނީ އެންމެ ކުރި އަރާފައިވާ ގައުމުތަކާއި އެއް ހަމައެއްގައި މުއާސަލާތީ ކަންކަން ހަމަޖައްސަމުންނެވެ.

އެގޮތުން މި ކުރިއެރުމުގެ މައި ބައިވެރިއަކީ މީގެ 35 އަހަރު ކުރިން ފެށިގެން ދިވެހިންގެ ހިދުމަތުގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ދިރާގު ކަން ކަށަވަރެވެ. ދިރާގުގެ އަހަރީ ދުވަހާއި ދިމާކޮށް މި ގެނެސްދެނީ، އެ ކުންފުނިން ދިވެހިންގެ މުއާސަލާތަށް ގެނެސްދީފައިވާ އިންގިލާބީ ބަދަލުގެ ވާހަކަ އެވެ.

އިންގިލާބީ ބަދަލުގެ ބިންގާ އެޅިގެން ދިއުން 1999-1998

މި ޖަޒީރާ ގައުމުގެ ރައްޔިތުން މުއާސަލާތު ކުރަމުން ދިޔަ ދަތި ހާލަތުން އަރައިގަތުމުގެ މަގު ކޮށިގެން ދިޔައީ، 1988 ވަނަ އަހަރު ދިރާގުގެ އޮޕަރޭޝަންތައް ފެށުމާއި އެކުގަ އެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން ޑިޖިޓަލް އެކްސްޗޭންޖެއް ބޭނުންކޮށްގެން ފޯނު ލައިންތައް ފުޅާކޮށް، ރަށްތައް ގުޅުވާލުމުގެ ބިންގާ އެޅިގެން ދިޔަ އެވެ. އަދި 1991 ވަނަ އަހަރު ދިރާގުން ޕޭޖިންގެ ހިދުމަތް ތައާރަފް ކުރުމުން، އޭގެ ދެ އަހަރު ފަހުން ބޫތުތަކުގެ ހިދުމަތާއި އެކު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ގެނެސްދިނެވެ.

އެކަމަކު އެންމެ ބޮޑު ކުރިއެރުމެއް އައީ 1999 ވަނަ އަހަރު، ޖީއެސްއެމް މޯބައިލް ހިދުމަތް ތައާރަފް ކުރުމުންނެވެ. މިއީ ދިވެހިން ޑިޖިޓަލް ޒަމާނަށް ފައްކާ ކުރުމަށް އެޅިގެން ދިޔަ އެންމެ މުހިންމު ބިންގަލެވެ.

ބޮޑު ބަދަލެއް ގެނުވި އަހަރުތަކެއް 2000-2009

ދެ ހާހުގެ އަހަރުތައް ފެށިގެން ދިރާގުން ދިޔައީ 7/24 ސެންޓަރުތައް ގާއިމްކޮށް، ކަސްޓަމަރުންނާއި ގާތުން ހިދުމަތް ފުޅާ ކުރަމުންނެވެ. އަދި 2006 ވަނަ އަހަރު ރާއްޖެ އަށް ފުރަތަމަ އިންޓަނޭޝަނަލް ފައިބާ އޮޕްޓިކް ކޭބަލް އަޅައި، ހިދުމަތްތައް މުޅިން އާ ހަރުފަތަކަށް ގެންދިޔަ އެވެ.

އޭގެ އިތުރުން 2009 ވަނަ އަހަރުގެ ނިޔަލަށް ދިރާގުން ވަނީ އިންޓަނެޓް ކަނެކްޓިވިޓީ މުޅި ރާއްޖެ އަށް ފުޅާކޮށް، 3ޖީ މޯބައިލް ހިދުމަތް ތައާރަފް ކޮށްފަ އެވެ. މިއީ ފަހުގެ ޓެކްނޮލޮޖީތަކަށް ދިވެހިން ތައާރަފް ވެގެން ދިއުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ދިވެހިންނަށް 2010 ގެ އަހަރުތައް

މި ސަރަހައްދުގެ ގައުމަކަށް އެލްޓީއީ-އެޑްވާންސްޑް -- 4ޖީ+ ހިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމަކީ ރާއްޖެ އެވެ. އެ ޝަރަފު ރާއްޖެ އަށް ލިބުނީ، 2015 ގައި ދިރާގު ކަސްޓަމަރުންނަށް އެ ހިދުމަތް ހުޅުވާލުމާއި އެކުގަ އެވެ.

އޭގެ އިތުރުން މުޅި ރާއްޖެ އަށް ހަލުވި އިންޓަނެޓް ގުޅާލުމަށް ދިރާގުން މަސައްކަތް ފަށައި، އެކަން ކާމިޔާބު ކޮށްފައިވާއިރު، 2017 ތައާރަފްކުރި ދިރާގު ޓީވީ އާއި ދިރާގު ޕޭ ފަދަ ހިދުމަތްތަކާއި އެކު ކަސްޓަމަރުންގެ ދިރިއުޅުމަށް އެތައް ކުރިއެރުމެއް ގެނުވައިދިނެވެ.

ދިރާގުގެ މި މަސައްކަތްތައް ދިވެހިން ބަލައިގަނެފައިވާ ކަން ސާފުވަނީ، މުޅި ގައުމުގެ 75 ޕަސެންޓް ގޭބިސީ އަށް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދެމުން އަންނަނީ އެ ކުންފުނިން ކަމަށް ވާތީ އެވެ. އޭގެ އިތުރުން 2019 ވަނަ އަހަރު، ދެކުނު އޭޝިއާގައި ވިޔަފާރި އުސޫލުން 5ޖީގެ ހިދުމަތް ތައާރަފްކުރި ފުރަތަމަ ކުންފުންނީގެ ޝަރަފާއި ހޯދީ ވެސް ދިރާގުންނެވެ.

މުސްތަގުބަލަށް ކުރިއަށް ބަލާލުން، 2020ގެ އަހަރުތައް

ދިރާގުގެ ދެ ވަނަ މޯލްޑިވްސް-ސްރީލަންކާ ކޭބަލް (އެމްއެސްސީ) ކާމިޔާބުކަމާއެކު ލޭންޑްކޮށް، ދުނިޔޭގެ ޑިޖިޓަލް އިކޯސިސްޓަމްއާ ރާއްޖޭގެ ގުޅުން ވަރުގަދަކޮށްފައިވަނީ 2020 އަހަރެވެ. އަދި އެ އަހަރު ދިރާގު ސީ.މީ.ވީ 6 ކޮންސޯޓިއަމްއާ ގުޅި، ރާއްޖެ ގްލޯބަލް ސުޕަ ހައިވޭއާ ގުޅުވައިލުމުގެ ފުރަތަމަ ފިޔަވަޅު އެޅުނެވެ.

އޭގެ އިތުރުން ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ ގޭބިސީތަކުގެ 90 ޕަސެންޓަށް މި އަހަރުން ފެށިގެން ދިރާގުން އަންނަނީ ފޯރުކޮށްދެމުންނެވެ.

މިއަދު ދިރާގުގެ ފަސްނުޖެހޭ ހިދުމަތްތެރިކަމަށް 35 އަހަރު ފުރުން ފާހަގަކުރާއިރު، ރާއްޖޭގެ ކުރިއެރުމާއި، އާ އުފެއްދުންތަކާއި، ހުވަފެންތައް ވެސް ފާހަގަކުރަމެވެ.

ރާއްޖޭގެ މުސްތަގުބަލަށް ދަތުރުކުރާ މަގު ޗާޓްކުރާއިރު، ދިރާގު ދެމިއޮތީ، ހުވަފެންތައް ގުޅުވައިދީ، ހުރިހާ ދިވެހިންނަށް ވެސް އުޖާލާ، ގުޅިފައިވާ މާދަމާއެއް ފަހިކޮށްދީ، ސާބިތު ބައިވެރިއެއްގެ ގޮތުގަ އެވެ.