ރިޕޯޓް

ދިރާގު ޕޭ: ދެން ވޮލެޓު އެއްލާލާ

ދިރާގު ޕޭ ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- އަވަސް ވީޑިއޯ

ވޮލެޓުގައި ފައިސާ ބަހައްޓައިގެން، ހުޅުނު ޒަމާން މިވަނީ މާޒީގަ އެވެ. މިހާރު އިންޓަނެޓު ބޭންކާއި މި ނޫންވެސް "ކޭޝް ލެސް" ވަސީލަތްތައް އަތު ވެއްޖެ އެވެ. ދުނިޔޭގެ އެހެން ކަރަކަރައިގައި ހުންނަ ކަހަލަ ވަސީލްތައް ދިވެހި ގޮނޑުދޮށާ ވެސް ކައިރިކޮށްފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ކޮމިއުނިކޭޝަން ކުންފުނި، ދިރާގުން މިވަނީ ތަފާތު ހިދުމަތެއް ދިވެހިންނަށް ގެނެސްދީފަ އެވެ. ދިވެހިންގެ ދިރިއުޅުމަށް ފަސޭހަކަން ގެނެސްދޭ "މޮބައިލް ޕޭ" ގެ ހިދުމަތް ވެގެންދާނީ މިހާރު ޖީބުގައި އޮތް ވޮލެޓު "އެއްލާލުމަށްފަހު" ފޯނު ވޮލެޓަކަށް ބަދަލު ކޮށްލަން ހުޅުވޭ ދޮރަކަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ވީހާ ވެސް ގިނަ ޑިޖިޓަލް ހިދުމަތްތައް ރާއްޖެ އަށް ތާއާރަފް ކުރުން، ދާދި ފަހުން ޑިޖިޓަލް ޓީވީ ހިދުމަތް ތައާރަފު ކުރިން. މިހާރު މި ކުރަނީ ޑިޖިޓަލް ފައިސާގެ ހިދުމަތް. އަދި ކުރިޔަށް އޮތްތާ މިއަށް ވުރެ ގިނަ ހިދުމަތްތައް ތައާރަފްކޮށް ޓެކްނޮލޮޖީގެ ޒަރިއްޔާ އިން މީހުންގެ ދިރިއުޅުމަށް ފަސޭހަ ކުރުމަށް މަސައްކަތް ކުރާނަން،" ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ދިިރާގުގެ ހިދުމަތަށް ގެންނަ އާ އީޖާދުތަކުގެ ދަށުން، މިފަހަރު ގެނެސްދިން "ފޯނު ވޮލެޓު" ހަމަ ގައިމުވެސް ވާނީ ދިވެހިން ބޭނުން ހިފާނެ އެއްޗަކަށެވެ. އަދި އެހާމެ ބޭނުންތެރި ހިދުމަތަކަށެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އެއް ސަބަބަކީ އެ ކުންފުނީގެ ކަސްޓަމާ ބޭސް އެވެ. ހަމަގައިމުވެސް ދިރާގުވަރުގެ ކަސްޓަމަރު ބޭސް ގިނަ ދެވަނަ ކުންފުންޏެއް ރާއްޖޭގައި އޮތެކޭ ނުބުނެވޭނެ އެވެ.

އެ ކުންފުނީގެ ސީއީއޯ ދިރާގުގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ވިދާޅުވި ގޮތުގައި 800،000 މޮބައިލް ފޯނު ބޭނުން ކުރަމުން އަންނަ އިރު އޭގެ ތެރެއިން ގިނައީ ދިރާގުގެ ބޭނުންކުރާ މީހުން ކަމަށެވެ.

"އެހެންކަމުން ދިރާގު ޕޭ ވެގެން ދާނީ ރާއްޖޭގައި އެންމެ ބޭނުން ކުރާ އެންމެ ފުރިހަމަ މޮބައިލް ވޮލެޓުގެ ހިދުމަތަށް. މީގެ ސަބަބުން ފައިސާ ނޫޓު ބޭނުން ނުކުރާ މުޖުތަމައަކަށް ބަދަލު ކުރުމުގައި ބޮޑު ރޯލެއް ދިރާގަށް އަދާ ކުރެވޭނެ،" އިސްލާއިލް ވިދާޅުވި އެވެ.

ދިރާގު ޕޭ މަސައްކަތް ކުރާ ގޮތް

ދިރާގުޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގުޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫ.އެސް.އެސް.ޑީ މެނޫ ބޭނުންކޮށްގެން އުނދަގުލަކާނުލައި ރަޖިސްޓްރީކޮށްލެވޭ ހިދުމަތެކެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެ އެވެ.

ދިރާގުޕޭގެ އަނެއް މުހިއްމު ސިފައަކީ ދިރާގު ނޫން ނެޓްވޯކެއްގައި އުޅޭ ކަސްޓަމަރަކަށް ވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވައި އެހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށްވެސް އޭޖެންޓް މެދުވެރިކޮށް ފައިސާނެގޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ދިރާގުޕޭ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ހިދުމަތާއި ތަކެއްޗަށް ފައިސާދައްކަން ފަސޭހަ

އާންމު ދިރިއުޅުމުގައި ބާޒާރުކޮށް ހިންގާ ފައިސާގެ މުއާމަލާތްތަކަށް ދިރާގު ޕޭއަކީ ވަރަށް ފަސޭހަ އަދި ރައްކާތެރިގޮތެކެވެ. ދިރާގުޕޭ އިން ތަފާތު އެކި ގޮތްގޮތަށް ފައިސާދެއްކިދާނެ އެވެ. މީގެ އެންމެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާގޮތަކީ އެންއެފްސީ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހުންނަ ހާއްސަ އެންއެފްސީ ޕޮސް (ޕޮއިންޓް އޮފް ސޭލް) މެޝިންގައި ފޯން ޖައްސައި ފައިސާދެއްކުމެވެ.

ހަމައެފަދައިން ފޯނުގެ ޔޫއެސްއެސްޑީ މެނޫ ނުވަތަ ދިރާގު ޕޭ އެޕް ނުވަތަ ކިޔުއާރް ކޯޑް ސްކޭންކޮށްގެން ވެސް ދިރާގު ޕޭ އިން ފައިސާދެއްކޭނެ އެވެ. އޮފީސް ނިންމާލާފަ ގެއަށް ބޭނުންވާ ބައެއް ސާމާނު ފޯނުގެ ޒަރީއާއިން ގަނެލުމަކީ ލުއިފަސޭހަ ޒަމާނީގޮތެވެ. ހަމައެފަދައިން މިސާލަކާށް ޓެކްސީ އަކަށް އަރަން ބަލާއިރު އަތުގައި ފައިސާ ނެތުން ނުވަތަ ކުއް ލިއަކަށް ކޭޝް ބޭނުންވެގެން އެޓީއެމްއަކަށް ނުގޮސް ކަންމަތީ ފިހާރަ އިން ފައިސާ ނަގާލުން ދިރާގު ޕޭ އައުމުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ.

ކޮންމެ ފޯނަކީ ސްމާޓްފޯނެއް

ދިރާގު ޕޭގައި ބޭނުން ކުރާ އެންއެފްސީއަކީ މިފަދަ ޑިޖިޓަލް ވޮލެޓް ހިދުމަތެއްގައި މިޓެކްނޮލޮޖީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ގިނަ ސްމާޓް ފޯނުތަކުގައި އެންއެފސީ ކޭޕެބިލިޓީ އެކުލެވިގެންވީނަމަވެސް، އާދައިގެ ފޯން ނުވަތަ ބައްތި ފޯނު ފަދަ ޑިވައިސްތައް ވެސް އެކަމަށް ހާއްސަ އެންއެފްސީ ސްޓިކަރއެއް ބޭނުންކޮށްގެން ދިރާގު ޕޭ ގެ ހިދުމަތް ލިބޭނެއެވެ.

ދިރާގު ޕޭ: ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ

ދިރާގުޕޭގެ ހިދުމަތް ބޮޑަށް އަމާޒުކުރެވިފައިވަނީ ގޭތެރޭގެ އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ބާޒާރައި ބޭނުންވާ ފައިސާގެ މުއާމަލާތްތަކަށް އިސްކަންދީގެންނެވެ. އެކަސްޓަމަރެއްގެ ވޮލެޓް ސައިޒް ނުވަތަ ދިރާގުޕޭ އެކައުންޓްގައި ފައިސާހުންނަ މިންވަރު ކަނޑައަޅާނީ އެކަސްޓަމަރެކެވެ. ޑިޖިޓަލް ވޮލެޓްގެ ދެ ވައްތަރެއް ހިމެނެއެވެ. ލިމިޓް އެކެއް ނުވަތަ އަވަހަށް ރެޖިސްޓްރީ ކުރެވޭ ވޮލެޓުގައި ގެންގުޅެވޭނީ ގިނަވެގެން 5000 ރުފިޔާއެވެ. ލިމިޓް ދޭއް ގެ ވޮލެޓް ސައިޒުގައި ގެންގުޅެވޭ އެންމެ މަތީ އަދަދަކީ 20،000 (ވިހި ހާސް) ރުފިޔާ އެވެ. ލިމިޓް އެކެއް ގެ ވޮލެތް ރެޖިސްޓްރީ 30 ސިކުންތު ތެރޭގައި ފޯނު މެދުވެރިކޮށް ކުރެވޭއިރު ލިމިޓް ދޭއް ގެ ވޮލެޓް ރެޖިސްޓްރީ ކުރެވޭނީ ދިރާގުގެ ކައުންޓަރަކަށް ހާޒިރުވެގެންނެވެ.

އަޅުގަނޑުމެންގެ ޓާގެޓަކީ ވީހާވެސް ގިނަ ޑިޖިޓަލް ހިދުމަތްތައް ރާއްޖެއަށް ތާއާރަފް ކުރުން. ފަހުން ޑިޖިޓަލް ޓީވީ ހިދުމަތް ތައާރަފު ކުރިން. މިހާރު މި ކުރަނީ ޑިޖިޓަލް ފައިސާގެ ހިދުމަތް. ކުރިއަށް ތަނުގައި ޓެކްނޮލޮޖީގެ ޒަރިއްޔާއިން މީހުންގެ ދިރިއުޅުމަށް ފަސޭހަ ކުރުމަށް މަސައްކަތް ކުރާނަން،
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު

ހަމަ އެ އުސޫލުން ދިރާގު ޕޭ އަކީ ވިޔަފާރިތަކަށްވެސް ކަމުދާނެ ޓެކްނޮލޮޖިކަލް އިނޮވޭޝަނެކެވެ. މުއާމަލާތަކަށް ނަގާ ރޭޓް އަގުހެޔޮވުމުގެ އިތުރުން މިފަދަ ޑިޖިޓަލް ކޭޝްގެ ހިދުމަތެއް ފޯރުކޮށްދިނުމަކީ ހިސާބު ބެލުމާއި ކޭޝް ރެޖިސްޓަރ ބެލެހެއްޓުމަށް ލިބިގެންދާނެ ބޮޑުފަސޭހައެކެވެ. ދިރާގުޕޭ ގެ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 އަށް ވުރެ ގިނަ ވިޔަފާރިން ފޯރުކޮށްދޭނެއެވެ. މިގޮތުން ހިދުމަތްފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯ ހިމެނެ އެވެ.

ރައްކާތެރިކަން

އެންއެފްސީގެ އިތުރުން ދިރާގު ޕޭއިން މުއަމަލާތްތައް ކަށަވަރުކޮށް ކަސްޓަމަރުންގެ ފައިސާއަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް އެންކްރިޕްޝަން ސިސްޓަމަކާއި ކަސްޓަމައިޒްޑް މޯބައިލް މަނީ މެނޭޖްމަންޓް ޕްރޮގްރާމެކެވެ. ދިރާގުޕެ މެދުވެރިކޮށް މުއާމަލާތް ކުރާ ކޮންމެ ފަހަރަކު ޕިން ޖެހުމުގެ އިތުރުން ފައިސާ ޖަމާވާ ނުވަތަ އުނިވާ ވަރު އެޕް އަދި އެސް.އެމް.އެސްގެ ޒަރީއާއިން ބެލޭނެ ފަދަ ސެކިއުރިޓީ ފީޗާސް ހިމެނެއެވެ.

ދިރާގު ޕޭ ބޭނުންކުރުމުން ލިބޭ ފައިދާ

ދިރާގު ޕޭ މެދުވެރިކޮށް ދިރާގުގެ އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމުން ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން ދިރާގު ޕްރީޕެއިޑް ފޯންތައް ދިރާގުޕޭ މެދުވެރިކޮށް ރީލޯޑްކުރުމުން އިތުރު 25 ޕަސެންޓްގެ ބޯނަސް ކްރެޑިޓް ލިބޭނެ އެވެ. ދިރާގު ޕޭގެ ހިދުމަތް ހޯދުމަށް އެޕްލް އެޕް ސްޓޯ ނުވަތަ އެންޑްރޮއިޑް ޕްލޭ ސްޓޯއިން ޑައުންލޯޑް ކުރަން ލިބޭނެ އެވެ.

ކޮންމެއަކަސް "ދިރާގު ޕޭ"އާއެކު ޖީބުގައި ވޮލެޓު ގެންގުޅުން މިވަނީ ނިމުމަށް އައިސްފަ އެވެ. ހަމައެއާއެކު އަތުގައި އޮތް ފޯނު މިވަނީ ފުލް ވޮލެޓަކަށް ވެނިމިފަ އެވެ.