ލޯކަލް މާރުކޭޓް

މި ރޯދަ މަހު ބާޒާރަށް ވާނީ ކިހިނެއް؟

Mar 30, 2022
1

އަންނަ ހަފުތާ ރޯދަ މަސް ފެށޭނެ އެވެ. ހާއްސަ މި މަސް އަންނަންވާއިރަށް ވިޔަފާރިވެރިން ގިނަ ތައްޔާރީތަކެއް ވަނީ ވެފަ އެވެ. ހާއްސަކޮށް ރޯދަ މަހަށް ބޭނުންވާ މުހިންމު ގިނަ ބާވަތްތަކެއް ރާއްޖެ ގެންނަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް ދުނިޔޭގެ ސަޕްލައި ޗެއިންގައި މިހާރު ހުރި މައްސަލަތަކުގެ ސަބަބުން ބައެއް ބާވަތްތަކުގެ މުދާ ރާއްޖެއާ ހަމައަށް ތައްވާލާފައެއް ނުވެ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި މިހާރު ތަކެތީގެ އަގުތަކަށް އައިސްފައިވާ ބޮޑު ބަދަލާއެކު ގިނަ ބާވަތްތަކުގެ އަގުތައް ވަނީ މަތިވެފަ އެވެ. މި ކަމަކީ ރޯދަ މަސް ފެށިގެން އަންނައިރު ބާޒާރުން ފެންނާނެ ކަމެއް ކަމަށް ބެލެވެ އެވެ. މިހާރު އަންނަ ސްޓޮކް ތަކަށް ބަލާއިރު ވެސް ދުވަހުން ދުވަހަށް މުދަލުގެ އަގު މަތިވަމުންދާކަމުގެ ނިޝާންތައް ފެނެ އެވެ.

"އަގު ހެޔޮ ކުރުމުގެ ނިޔަތް އޮތަސް އެކަން ކުރެވޭކަން ނެތް. އެހެންވެ ކުޑަ ނަމަވެސް މާޖިންއެއް ލައިގެން ވިއްކޭނެ ގޮތެއް ވިސްނައިގެން މިތިބީ. ހީވެސް ނުކުރާ ވަރަށް އަގުތައް ބޭރުގަ ވަނީ ބޮޑުވެފަ،" ރާއްޖެ އަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ ވެރިއަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

ބާޒާރުގައި މިހާރު އަގުތަކަށް ބަލާއިރު ރޯދަ މަހު އާއްމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތަކުގެ އަގުތައް މަތިވެދާނެކަމުގެ ނިޝާންތައް ފެނެ އެވެ. ހާއްސަކޮށް ތާޒާކޮށް ވިއްކާ ތަކެތީގެ އަގުތައް މަތިވުން ގާތެވެ. މިފަދަ ކަމެއް ވިޔަ ނުދޭން ސަރުކާރުން ވަނީ މަސައްކަތް ކުރަން ފަށާފަ އެވެ. މީގެ އެއް ފިޔަވަޅަކީ ރާއްޖެއަށް ތަރުކާރީ އާއި މޭވާ ގެންނަ އިންޑިއާ އިން މިތަކެތި ތާޒާރުކޮށް އެކަށީގެންވާ އަގުތަކެއްގައި ގެނެވިދާނެ އިންތިޒާމު ހަމަޖައްސަން އެމްޕީއެލް އިން މިހާރު ފަށާފައިވާ މަސައްކަތެވެ. އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބަރުކުރާ ޕެރިޝަބަލް ރާއްޖެ އަށް އަވަހަށް ގެނެސް ހުސްކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން އެ ކުންފުނީގެ ޓީމެއް ވަނީ އިންޑިއާ އަށް ދަތުރު ކޮށްފަ އެވެ.

މިހާރު ސަޕްލައި ޗެއިންގައި ހުރި މައްސަލަތަކާއެކު ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އަގު މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް މި ތަކެތި އެތެރެކުރާ ބައެއް ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މި ތަކެތީގެ އިތުރުން އާއްމު އެހެން ބާވަތްތަކުގެ އަގުތައް ވެސް މަތިވުން ގާތެވެ.

ނަމަވެސް ބައެއް ކުންފުނިތަކުން ވަނީ ތަކެތީގެ އަގުތައް މަތިވެ ރައްޔިތު މީހާއާ ހަމައަށް ބޮޑު އަގު ދިޔަ ނުދޭން ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. މީގެ އެއް ކުންފުންޏަކީ ރެޑްވޭވް އެވެ. އެ ކުންފުނިން ވަނީ ރޯދަ މަހު ކޮންމެހެން ބޭނުންވާނެ ގިނަ ބާވަތްތައް ގެނެސް ގުދަންކޮށްފަ އެވެ. އެ ކުންފުނިން ދޭ ޔަގީން ކަމަކީ އެހެން ރޯދަ މަހެކޭ އެއް ފަދައިން މި ރޯދަ މަހު ވެސް ބޭނުން ވާނެ މުހިންމު ބާވަތްތައް އަގު ހެޔޮކޮށް ރެޑްވޭވްގެ ފިހާރަ ތަކުން ލިބެން ހުރުމެވެ.

ރޯދަމަކީ އާއްމު ގިނަ ބާވަތަކަށް އޮންނަ ޑިމާންޑް މަތިވެގެންދާ ދުވަސްވަރަށްވުމާއެކު ކޮންމެ އަހަރަކު ވެސް އަގުތައް މަތިވުމަކީ އާއްމު ކަމެކެވެ. މި އަހަރުވެސް ކުރިއަށް ފެންނަނީ އެ މަންޒަރެވެ. ރޯދަ މަސް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އަގު މަތިވެގެންދާނެ ފަދަ ނިޝާންތަކެއް ފެނެ އެވެ.