މުދާ ނުވިކި ގިނަވަނީ: މި ރޯދަ މަހު ވިޔަފާރި ދަށީ ތަ؟

ބާޒާރަށް މިއަދު ދިޔައިރު ބައެއް ފިހާރަތަކުގެ ދޮރުމަތީގައި ގިނަ އަދަދެއްގެ ފިޔާ ބަސްތާތައް ޖަހާފައި ހުއްޓެވެ. ބިސް ވިއްކާ ފިހާރަތަކުގެ މުވައްޒަފުންގެ މަސައްކަތަކީ ބިސް ކޭސްތައް ކަނޑައި ރަނގަޅު ބިސް ހޮވުމަށެވެ. ތަރުކާރީ ވިއްކާ ފިހާރަތަކުގެ ކުނި ވަށިގަނޑުތައް ފުރެމުން އެ ދަނީ ނުވިކި އުކާލާ ތަރުކާރީ އާއި މޭވާއިންނެވެ. ސުވާލަކީ މުދާ ނުވިކެނީ ކީއްވެގެން ހެއްޔެވެ؟ މި ރޯދަ މަހަށް މާގިނަ އިން ރާއްޖެ އަށް މުދާ އެތެރެކުރީ ހެއްޔެވެ؟ ނޫނީ ވިޔަފާރި ދަށީ ހެއްޔެވެ؟

"މި އަހަރު ވާނެ އެންމެ ވިޔަފާރި ދަށް އެއް ރޯދަ މަހަށް. ކުރިން ތަކެތި ވިކޭ 40 ކޭހުން، 60 ކޭހުން، އެކަމަކު މިހާރު ބޮޑު ތަކުން ވިޔަފާރި ވަރަށް ދަށް،" ކުރި މަތީހުރި މޭބިސް ކަދުރު ކޭސްތައް ދައްކަމުން، ށ. އަތޮޅު ފިހާރައިގެ ސޭޓު ބުންޏެވެ.

މި ހިސާބުން ދާން ޖެހެނީ އެހެން ރޯދަ މަސްތަކުގެ މިއަދަހާ ހަމަ އަށެވެ. މިދިޔަ ރޯދަހު މިދުވަހު ބާޒާރުގެ ހާލަތަށް ބަލާއިރު، މިދި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު، އެންމެ ޑިމާންޑް ބޮޑު އެއް ބާވަތަކީ ފިޔާ، އަލުވި އަދި ބިހެވެ. މިދިޔަ އަހަރު މި ދުވަސްވަރު ބިސް ކޭހެއްގެ އަގު 800ރ. އަށް އެރި އެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 500ރ. އިން މަތީގައި ހުރިއިރު، އަލުވި ބަސްތާއެއް 400ރ. އަށް ލިބެނީ ހަމަ ކިރިޔާ އެވެ. ނަމަވެސް މި އަހަރު އެ ޑިމާންޑެއް މި ބާވަތް ތަކަށް ހަމައެއްގޮތަކަށްވެސް ނެތެވެ. ބާޒާރުގައި މި ތަކެތި އެ އޮތީ ގިނަވެފަ އެވެ.

ބާޒާރުގައި މިހާރު ފިޔާ ބަސްތާއެއްގެ އަގު ހުރީ 175ރ. އަށެވެ. އަދި އަލުވި 330ރ. އަށް ލިބެ އެވެ. މީގެ އިތުރުން ބިސް ކޭހެއް ވިއްކަނީ 280ރ. އަށެވެ. ސުވާލަކީ މިތަކެތި ނުވިކެނީ ކީއްވެގެން ހެއްޔެވެ؟

ރާއްޖެ އަށް ފިޔާ، އަލުވި، ބިސް އެތެރެކުރާ ކުންފުންޏަކުން ބުނި ގޮތުގައި މި އަހަރު އެހެން އަހަރު ތަކަށްވުރެ ވަކިން ގިނައިން މި ބާވަތްތައް އެތެރެއެއް ނުކުރެ އެވެ. ނަމަވެސް ގިނަވެގެން އުޅެނީ އެވަރަށް ޑިމާންޑު ނެތީއެވެ. ފިޔާ އަލުވި ބިހުގެ އިތުރުން އެހެން ގިނަ ބާވަތްތަކުގެ ޑިމާންޑުވެސް މި އަހަރު ނެތެވެ. ހާއްސަކޮށް މާރުކޭޓު ގޮޅިތަކަށް އޮތް ބުރަވަނީ ކުޑަވެފަ އެވެ.

މާރުކޭޓު ގޮޅިއެއްގައި ހުރި ސޭޓަކު ބުނި ގޮތުގައި މި ރޯދަ މަހު އާދަޔާ ހިލާފަށް ވިޔަފާރި ދަށެވެ. މީގެ ސަބަބެއް އޭނާ އަކަށް ވެސް ނޭނގެ އެވެ.

"ކުރިން ރޯދަ މަސްތަކުގައި ކަރާ އެބަވިކޭ ދުވާލަކު 20 ނޫނީ 30 ކަރާ. އެކަމަކު މި އަހަރު 10 ކަރާ ކިރިޔާ މި ވިކެނީ ދުވަހަކު. މިއީ ބޮޑު ދަށްވުމެއް،" ގޮޅިއެއްގައި ހުރި ސޭޓު ބުންޏެވެ.

ބޮޑެތި ވިޔަފާރިވެރިން ނަށް ފާހަަގަ ވޭ!

ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ބޮޑެތި ވިޔަފާރިވެރި ވެސް ބުނަނީ މި އަހަރުގެ ރޯދަ މަހު އާދަޔާ ހިލާފަށް ވިޔަފާރި ދަށް ކަމަށެވެ. ހާއްސަކޮށް ގަނޑުކޮށް މުދާ ވިއްކާ ވިޔަފާރިވެރިންނަށް މިކަން ފާހަގަ ކުރެވޭ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ، ލިލީ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިރު (މައްލާ ނާބެ) ވިދާޅުވި ގޮތުގައި މި އަހަރުގެ ރޯދަ މަސް، މިދިޔަ އަހަރާ އަޅާ ބަލާއިރު ވިޔަފާރި ދަށް ކަމަށެވެ.

"ރޯދަ މަހު ކޮންމެ އަހަރަކު ވެސް ދަށްވޭ ކޮންމެ ވެސް ވަރަކަށް. އެކަމަކު މި އަހަރު އާދަޔާ ހިލާފަށް ދަށް. ވެދާނެ އެހެންވަނީ ގިނަ ބަޔަކު ވިޔަފާރި އަށް ނުކުތީމަ ވާ ގޮތެއް ކަމަށް ވެސް. ހަމަ ގައިމު ވެސް ވިޔަފާރި މި އަހަރު ދަށް،" ނާބެ ވިދާޅުވި އެވެ.

ރޯދަ މަހު ކޮންމެ ވެސް ވަރަކަށް ދަށްވޭ. އެކަމަކު މި އަހަރު އާދަޔާ ހިލާފަށް ދަށް. ވެދާނެ އެހެންމި ވަނީ ގިނަ ބަޔަކު ވިޔަފާރި އަށް ނުކުތީމަ ވާ ގޮތެއް ކަމަށް ވެސް. ހަމަ ގައިމު ވެސް ވިޔަފާރި މި އަހަރު ދަށް
ލިލީގެ ޗެއާމަން އަހުމަދު ނާސިރު (މައްލާ ނާބެ)

ރާއްޖެ އަށް މުދާ އެތެރެކުރާ މަޝްހޫރު އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި ވިޔަފާރި ދަށްވުމުގެ މައިގަނޑު ސަބަބަކީ ގަވާއިދުތައް ތަންފީޒު ނުކުރުމުގެ ސަބަބުން އޭގެ ނާޖާއިޒު ފައިދާ ނެގުމެވެ. މިގޮތުން އޭނާ މިސާލެއްގެ ގޮތުގައި ދެއްކީ ދަތުރުވެރިންގެ މާރުކޭޓުގައި އިމްޕޯޓު މުދާ ވިއްކުމެވެ.

"މަސް މާރުކޭޓު ކުރިމަތީގައި ހުންނަ މާރުކޭޓުގައި އެބަވިއްކާ އަލަނާސީ ކޭހާއި ފުރުޓު ކޭސް. މިއީ ބޮޑު މައްސަލައެއް. މި ތަނުގައި ވިއްކިގެން މި ބާވަތްތައް. އެކަމަކު ހަމަ ވިއްކާ. އެ މީހުން ޖީއެސްޓީއެއް ދައްކާކަން ނުޖެހޭ. އެ ތަނުގައި އެބަތިބި މިހާރު ބޭރުން މުދާ ގެނެސް ވިއްކާ ކިތަންމެ ބަޔަކު. މިކަން އެ ބަޖެހޭ ހައްލު ކުރަން. އެހެންވީމަ ވާގޮތަކީ ޖީއެސްޓީ އާއި ބޮޑު ކުލި ދައްކައިގެން ފިހާރަ ހިންގާ މީހާ އަށް ގެއްލުންވޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

ކޮންމެ ސަބަބެއް އޮވެގެން ނަމަވެސް މި އަހަރު ވިޔަފާރި ދަށްކަމަށް ގިނަ ވިޔަފާރިވެރިން ގަބޫލު ކުރެ އެވެ. ސުވާލަކީ މީހުންގެ އަތުގައި ފައިސާ ނެތީ ހެއްޔެވެ؟ ނޫނީ މޫދާ ގިނައީ ހެއްޔެވެ؟ ނޫނީ ގަންނަން ބޭނުން ނުވަނީ ހެއްޔެވެ؟ ކޮންމެއަކަސް އެނގޭ ކަމަކީ މި އަހަރު ވިޔަފާރި ދަށް ކަމެވެ.