ރިޕޯޓް

ބިދޭސީން ރަށުތެރެއަށް ދިވެހިން ކުޑަގޮޅިއަށް!

މާލޭގ ރަސްމީ މާރުކޭޓްތަކުގެ ގޮޅިތައް ދިވެހިންގެ އަތް ދަށުން ބީވިތާ ލައްކަ ދުވަސް ވެފައި ވެއެވެ. ގޮޅިތަކުގައި މި ހުރިހާ ދުވަހު "ރަސްކަމެއް" ކުރީ ބިދޭސީންނެވެ. ދިވެހި މީހާގެ ނަން އޮތަސް ވެރިޔަކީ ވެސް ސޭޓަކީ ބިދޭސީ އެކެވެ. މުދާ ހޯދަނީ އެ މީހުންނެވެ. މުދާ ވިއްކާނެ އަގު ނިންމަނީ ވެސް އެ މީހުންނެވެ. ނަމަވެސް މިހާރު މުޅި މާރުކޭޓުގެ ސިސްޓަމް ސިޓީ ކައުންސިލުން ވަނީ އެފުށް މިފުށަށް ޖަހާ ބަދަލުކޮށްފަ އެވެ. އިޖުތިމާއީ ގައިދުރުކަން ބެހެއްޓޭ ގޮތަށް މާރުކޭޓުގެ ނިޒާމު ބަދަލުކޮށް، އާ ގޮޅިތަކެއް ދޫ ކުރިއެވެ. މިހާރު ބާޒާރުމަތީ ދެ މާރުކޭޓުގައި ވެސް ބިދޭސީންނަކަށް ނުތިބެ ވެއެވެ. އެކަމަކު މި ބަދަލުގެ ތެރެއިން އިތުރު ބޮޑު ގޯހެއް އުފަން ވެއްޖެ އެވެ.

މާރުކޭޓުން "ފައްސާލި" ބިދޭސީން މާލެ ތެރެއަށް ފެތުރިގަނެ ރަށުތެރޭގައި ވިޔަފާރި ފަށައިފި އެވެ. ކަންމަތީ ފިހާރަތަކުގެ ބިއްލޫރި ގަނޑު ނައްޓާލައި މާރުކޭޓަކަށް ބަދަލު ކޮށްލައިފި އެވެ. މަގަށް ނުހެދި ހުރިނަމަ ހުރި ބިމެއްގައި ބޮޑެތި މާރުކޭޓުތައް ރާވާލި އެވެ. މިއާއެކު މިހާރު ދަތުރުވެރިންގެ މާރުކޭޓުގެ ވައްގަނޑުތަކަށް ފައިސާ ވަނުން ހުއްޓިއްޖެ އެވެ. ކުރިން ހަލަބޮލިކޮށް އޮންނަ މުޅި މާރުކޭޓް ސަރަހައްދުން މިހާރު ފެންނަނީ ދިރުމެއްނެތި މަރުވެފައިވާ މަންޒަރެވެ. ގޮޅިތައް ލިބުނު ދިވެހިން މިހާރު އެ ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެ މީހުންނަށް ގޮޅި ދޫކޮށްލެވޭކަށް ނެތެވެ. ދިރިއުޅުން ގުޅިފައި ވަނީ މި ގޮޅިތަކާ އެވެ.

"ކުރިން ރިސޯޓު ތަކަށް ވެސް ސަޕްލައި ކުރަނީ ރަސްމީ ދެ މާރުކޭޓުން. މިހާރު ވީގޮތަކީ ކޮންމެ މަގެއްގައި މާރުކޭޓެއް، ކޮންމެ ގެއެއްގެ ތިރީގައި މާރުކޭޓެއް އެބަ ހުރި ހަދާފައި. އެހެންވެ، މިކަން މިހާރު ކުރެވޭނެ ގޮތެއް ނެތް،" މާރުކޭޓް ގޮޅި ހިންގުމުގެ ވިޔަފާރީގައި އުޅޭތާ 14 އަހަރުވެފައިވާ، އަބްދުﷲ ހަސަން ބުންޏެވެ.

މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި 200 އެއްހާ ގޮޅި ހުރިއިރު، ކުރިން ދުވާލަކު ގޮޅިއަކުން 12.000ރ. އާއި 15،000ރ. ގެ އާމްދަނީއެއް ލިބެ އެވެ. އެހެންވެ އެއީ ތިޔާގި ރަނގަޅު ވިޔަފާރި އެކެވެ. ނަމަވެސް ބިދޭސީން މާލެ ތެރޭގައި ގިނަ އަދަދެއްގެ މާރުކޭޓްތައް ހުޅުވުން ވެގެން ދިޔައީ މި ވިޔަފާރީގައި ޒަމާންވަންދެން ދެމިތިބި ދިވެހިންނަށް ލިބުނު ގެއްލުމަކަށެވެ.

މާލޭގައި ކުރިން ގަރާޖުގެ ގޮތުގައި ހުރި ތަންތަނުގައި ވެސް މިހާރު ހިންގަނީ މާރުކޭޓެވެ. އަދި މާލެ ތެރޭގައި ބޮޑު ހަތަރު މާރުކޭޓެއް ހިންގަ އެވެ. ކުދި ތަންތަނުގެ ގޮތުގައި އިމްޕޯޓް މުދަލާއި ރާއްޖޭގައި ހައްދާ ތަކެތި އެއްކޮށްލައިގެން ހިންގާ ތަންތަނުގެ އަދަދު ވިއްސަށް ވުރެ ގިނަ އެވެ. މިކަން ބެހެެއްޓޭނެ އެއްވެސް ނިޒާމެއް ނެތި ވަނީ ބޮއްސުންލާފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވާ ގޮތައި މާލެ ތެރޭގައި މާރުކޭޓުތައް ހިންގަނީ ހުއްދައެއް ނެތި އެވެ.

މި ހުރިހާ މާރުކޭޓެއްގެ މުގުލުގައި ވެސް ތިބީ ކުރިން ބާޒާރުމަތީގައި ގޮޅިތައް ހިންގި ބިދޭސީންނެވެ. އެ މީހުން މި ވިޔަފާރި ކުރަނީ ޖީއެސްޓީ ދެއްކުމެއް ނެތި، އިމްޕޯޓް މުދާ ވެސް ހިމަނައިގެނެވެ. ސަރުކާރަށް ގަވާއިދުތައް ތަންފީޒު ނުކުރެވޭތީ އެ މަޅިތަކުން ދެމިގަނެގެންނެވެ. ބައެއް ތަންތަނުގައި ފޮރުވައިގެން 20 ލިޓަރުގެ ކައްކާ ތެޔޮ ހަން ވެސް ވިއްކަ އެވެ. އެ ތަންތަނަަށް މުދާ ގެންނަނީ ބިދޭސީންގެ ސަޕްލައިޗެއިންގެ ތެރެއިން ލައިގެނެވެ. ކުރިން ގޮޅިތައް ދޫކުރިއިރު ރަނގަޅަށް ރެގިއުލޭޓް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން އުފެދި ފައްކާވި ބިދޭސީ ނެޓްވޯކް މިހާރު ވަނީ ރަށުތެރެއަށް ވަދެގެންފަ އެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު ޓީޖެޓީ ސަރައްދަށް ދަނޑުވެރި ސާމާނު ބާލާއިރު މުދާ ނަގަންދާ ދިވެހިން ތިބެން ޖެހެނީ ސަފުގެ ފަހަތުގަ އެވެ. ބިދޭސީން ކުރިއަށް ނުކުމެ މުދާ ނެގުމުން ނޫން ގޮތަކަށް ދިވެހިންނަކަށް އެއްޗެއް މިހާރަކު ނުލިބެ އެވެ. އެ މީހުންގެ ނެޓްވޯކުގެ ތެރެއިން ރަށްރަށުގައި ތިބި ބިދޭސީ "ދަނޑުވެރިން" ގެ ބައިވެރިވުމާއެކު ކުރާ މި ވިޔަފާރިން މުޅި ބާޒާރުގެ އެ ނިޒާމު މިހާރު އޮތީ އެ މީހުންގެ މުށު ތެރޭގަ އެވެ.

"ވަރަށް ބޮޑެތި ގެއްލުން ތަކެއް ވަމުން އެބަދޭ. ލޯކަލް ތަކެތީގެ ބާޒާރު ކޮންޓްރޯލް ކުރަނީ އެ މީހުން [ބަންގްލަދޭޝް] މީހުން. ދިވެހިންނަށް އެއް ވެސް ބާރެއް ނެތް. ދިވެހިންނާ ދިމާލަށް ވެސް ބޭނުން އެއްޗެއް މިހާރު ބުނޭ! މުޅި ބަނދަރު މަތީގައި ވިސާ ވެސް ނެތި އެ އުޅެނީ. ދިވެހިންނަށް ލިބޭ މަންފާ ދަނީ ކުޑަ ވަމުން،" މާރުކޭޓް ގޮޅިއެއްގައި ހުރި ފުވައްމުލަކު ޒުވާނެއް ކަމަށްވާ އާތިފް އިބްރާހިމް ބުންޏެވެ.

"ބައެއް މާރުކޭޓުތައް އެބަހުރި އެއްގޮ ތަކަށް ވެސް ދިވެހިން ނޫޅޭ، ހުސް ބިދޭސީން ހިންގާ. މިހާރު ދިވެހި ބިމުގައި ހައްދާ ތަކެތި ބިދޭސީންގެ އަތުން ގަންނަން މި ޖެހެނީ." ގޮޅިއެއް ހިންގާ އަހުމަދު ބުންޏެވެ.

ދިވެހިން ވެއްދީ ކުޑަ ގޮޅިއަށް!

މާރުކޭޓު ގޮޅިއެއް ކުރިން ކުއްޔަން ދެނީ މަހަކަށް 1،700ރ. އަށެވެ. ނަމަވެސް މިހާރު ގޮޅިއެއްގެ އަގު ވަނީ 3،000ރ. އަށްވުރެ ބޮޑުވެފަ އެވެ. އަގު ބޮޑު ކުރިއިރު، ސިޓީ ކައުންސިލުން ވަނީ ގޮޅީގެ ސައިޒު ވެސް ކުޑަކޮށްފަ އެވެ. ބިދޭސީން ބޭރުކޮށް ދިވެހިންނަށް ލިބުނީ ސައިޒުން ކުދި އެކަމަކު އަގުގެ ގޮތުން ބޮޑު ގޮޅި ތަކެކެވެ. ގޮޅިއެއްގެ ބޮޑި މިނަކީ ގާތްގަނޑަކަށް ހަތަރު ފޫޓެވެ. އެތަނުގައި އިތުރު އެއްޗެއް ބެހެއްޓޭނެ ގޮތެއް ނެތެވެ. ކުރިން ދޫކުރި ގޮޅިތައް ކައުންސިލުން ފޮތިފޮތި ކޮށްލީ އެވެ. ރަނގަޅު ސްޓޮކެއް ލިބުނަސް، އެ ރައްކާ ކުރެވޭނެ ގޮތެއް ވެސް މިހާރަކު ނެތެވެ.

"މީގެ ތަނެއްގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތް. މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް. އެއްޗެއް ވިއްކޭނެ ގޮތެއް ނެތް. އެއްޗެއް ލިބޭނެ ގޮތެއް ނެތް. އެއްޗެއް ބެހެއްޓޭނެ ގޮތެއް ނެތް. ގޮތެއް ނެތީމަ ތެޅެނީ. ކިރިޔާ ވެސް ގޮތެއް އޮންނަމަ އަހަރެމެން އެކަކު ވެސް މިހާރު މިތަނަކު ނުތިބޭނެ. ދުވާލަކު 700ރ. ނުލިބޭ،" ކުރިން ވާހަކަ ދެއްކި ފުވައްމުލަކަށް އުފަން، އަބްދުﷲ ބުންޏެވެ. "މިތަނުގައި މީނި ރީނދޫ ރޮނގުން ބޭރުގައި އެއްޗެއް ބަހައްޓައިފިނަމަ ޖޫރިމަނާކޮށްލާނެ. އެކަމަކު އެންމެ ކުޑަމިނުން މިތަނުގައި ފާހާނާ ގަނޑެއް ވެސް ނެތް. ފާޑަކަށް ތާށިވެފަ، ދާނެ ތަނެއް ނެތިފަ، ކުރާނެ ކަމެއް ނެތިފަ ބެފިފަ މި ތިބެނީ."