އަވަސް އިންވެސްޓިގޭޓްސް

އަވަސް އިންވެސްޓިގޭޓްސް: ޑޮލަރުގެ އަނދިރި ބާޒާރަށް!

ރާއްޖޭގައި އޮތް ޑޮލަރުގެ ކަޅު ބާޒާރު އޮޕަރޭޓް ކުރާ ގޮތް "އަވަސް އިންވެސްޓިގޭޓްސް" އިން ބަލައި ހޯދުމަށް ފަހު ހަދާފައިވާ އިންވެސްޓިގޭޓިވް ރިޕޯޓް -- އާއިމް ޒަމީރު | އަވަސް

ޑޮ ލަރުގެ ކަޅު ބާޒާރު އުފައްދާ ސަބަބު އެނގެ އެވެ. އަދި އެ މައްސަލައިގެ ހައްލު ވެސް ނޭނގެނީއެއް ނޫނެވެ. ސަރުކާރުން އެކަން ނުހުއްޓު ވަނީ އެވެ. ޑޮލަރުގެ ކަޅު އަނދިރި ބާޒާރަށް "ސްޕޮޓްލައިޓް" އަޅުވައި އަލިކޮށްލައި އެކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅުތައް ނާޅަނީ އެވެ. އަޅަން ބޭނުންވެސް ނުވަނީ އެވެ. ދުނިޔެއަށް ކުރިމަތިވާ ކޮންމެ އިކޮނޮމިކް ކްރައިސިސް އަކާއި އެހެންވެސް ކާރިސާތަކުގެ ބާނި ރާއްޖެއަށް ގޮނޑުވެ، ރާޅު ބިންދާލާ ކޮންމެ ވަގުތެއްގައި ޑޮލަރުގެ "ބްލެކް މާކެޓު" ގެ މައްސަލަ ގޯހުން ގޯހަށް ދެ އެވެ. އޭގެ ސަބަބުން "ދިވެހި އިގްތިސޯދުގައި އަޅާ ވޭން" މި ދިވެހި ރާއްޖެއަށް ކެތް ކުރެވޭ ވަރަށް ވުރެ ގަދަ އެވެ. މިހާރު، މިވަގުތު ވެސް ރާއްޖޭގެ ހާލަތަކީ މިއީ އެވެ.

އަހަރަކު ރާއްޖެއަށް 3.7 ބިލިއަން ޑޮލަރު ވަންނަ ކަމަށް "އިގްތިސޯދީ ތަފާސް" ކަށަވަރު ކޮށްދިން ނަމަވެސް މިހާރު އެ ފައިސާ އިން ދިވެހިންނަށް، ދިވެހި ރާއްޖެއަށް ކުރާނެ ނަފާ / ފައިދާއެއް ނެތެވެ. ދިވެހި ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމާއި ރޯލް ކުރުމުގެ މުޅި ނިޒާމް މިހާރު މިއޮތީ ވަކި ބައެއްގެ އަތް މައްޗަށް ފުރޮޅާލައި ބާރުގަދަ އަތްތަކަކުން ފިއްތާލާފަ އެވެ. މި އަނދިރި، ކޮރަޕްޓް ބާޒާރުގެ އެންމެ އަޑީގައި މިހާރު ތިބީ ބިދޭސީންނެވެ.

"އަވަސް އިންވެސްޓިގޭޓްސް" ޓީމުން ކުރި މަސައްކަތުން ޑޮލަރު ކަޅު ބާޒާރު އުފެދެން މެދުވެރިވާ ސަބަބާއި މިހާރު އެ ހާލަތު އޮތް ގޮތާއި ދަތުރުކޮށްފައިވާ ހިސާބުގެ ފުންމިން ވަޒަން ކޮށްފައި ވެއެވެ. އަވަސްގެ މި އިންވެސްޓިގޭޝަންގައި ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގައި ބޮޑު ކުރަން މި ވިޔަފާރީގެ އެންމެ މައި މުގުލުގައި ތިބި މީހުންގެ ހަރަކާތްތައް ހުންނަ ގޮތާއި މި ނެޓްވޯކް ދަތުރު ކުރާ ގޮތް ހޯދައި ފިލްމްކޮށްފައި ވެ އެވެ. މުޅި އިންވެސްޓިގޭޝަންގެ ބޮޑުބައި ހިމަނާފައި ވާނީ ވީޑިއޯ ގަ އެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު ހިންގުމުގެ އެންމެ މައި މުގޫ ފެށެނީ ޓޫރިޒަމް ސިނާއަތުގެ ރިސޯޓަތަކުގައި މަސައްކަތް ކުރާ އެކައުންޓެންޓުންނާއި އިސް / ހެޑް ކޭޝިޔަރުންނާ ހިސާބުންނެވެ. ރާއްޖޭގައި 150 އަށް ވުރެ ގިނަ ރިސޯޓާއި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އެހެންވެސް ގިނަ ތަންތަނުގެ އެ މަގާމުތަކުގައި މުޅިން ގަދަފައި ވިއްދާފައި ތިބީ ބިދޭސީންނެވެ. މިހާރު އެ މީހުންގެ މަސައްކަތަކީ ރާއްޖޭގައި ތިބެ ބޮޑު އަގުގައި ފައިސާ މާރު ކުރުމެވެ. ޓޫރިޒަމް ދާއިރާއިން ޓެކްސް ދެއްކުމަށް ފައިސާ މާރު ކުރާއިރު، އަގު ބޮޑުކޮށް އެ މީހުން ބާޒާރަށް ޑޮލަރު ނެރެ އެވެ.

ޑޮލަރު މާރު ކުރުމުގެ ދާދާ "އިމްރާން"

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މަނީ އެކްސްޗޭންޖު ކުރުމުގެ ވިޔަފާރި ކުރަން 325 ތަނަކަށް ހުއްދަ ދީފައިވެ އެވެ. އޭގެތެރޭގައި ރާއްޖޭގެ ރިސޯޓުތައް ހިމެނޭއިރު، އަމިއްލަ އެކި ވިޔަފާރި ކުރާ ގިނަ ތަންތަން ވެސް ހިމެނެ އެވެ. ނަމަވެސް ޓޫރިޒަމް ސިނާއަތުން އަންނަ ޑޮލަރު ބްލެކް މާކެޓަށް މާރު ކުރުމުގައި އިސް ދައުރެއް އަދާ ކުރަނީ މަނީ އެކްސްޗޭންޖު ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ހަތަރު ދިވެހިއްސެކެވެ.

މި ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ މީހަކު އޭނާގެ ޒާތީ މައުލޫމާތު ސިއްރު ކުރުމަށް ޝަރުތުކޮށް އަވަސް އަށް އިންޓަވިއު ދެމުން ބުނި ގޮތުގައި ޑޮލަރުގެ ކަޅު ވިޔަފާރި ކުރަނީ މަރުކަޒީ ބޭންކަށް ސިއްރުވާނެހެން ދެ ޗެކުން ފައިސާ ދައްކާ ގޮތަށެވެ.

"ޑޮލަރު ގަންނަ މީހާ ބުނާނެ އެހެންވީއްޔާ 15.42ރ. ގެ ރޭޓުން ދޭށޭ އެއްޗެކް! ބާކީ ޑިފަރެންސް ބައި ދޭށޭ އަނެއް ޗެކުން... އޭރުން ވާގޮތަކީ އެމްއެމްއޭގެ ގަވައިދަށް އެބަ ފެތޭ. ދެން އިތުރުވާ ބައި މިސާލަކަށް 16ރ. އަށް ވިއްކާނަމަ ބާކީ 58ލ. ދާނީ މުޅިން އެހެން މީހަކަށް، ނޫނީ އެހެން އެކައުންޓަކަށް. ބައެއް ފަހަރު ރުފިޔާގެ ގޮތުގައި ވެސް ނަގާނެ،" މަހެއްގެ މައްޗަށް މިލިއަނެއްހާ ޑޮލަރު މާރު ކޮށް ދޭ އެ މީހާ މި ޕްރޯސެސް އޮންނަ ގޮތް ކިޔައި ދިނެވެ.

މިއީ މަރުކަޒީ ބޭންކަށް ސިއްރުން އެކަންކޮށް، ވަގު ހިފުމުން ސަލާމަތްތައް ވާން މީހުން ހޯދައި ޖަހާފައިވާ މަޅި އެކެވެ. މިގޮތަށް މާރު ކުރާ ޑޮލަރު މި ހަތަރު ދިވެހީން ދޫކޮށްލަނީ ރާއްޖޭގައި މަސައްކަތް ކުރާ އިމްރާން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެއްގެ އަތް މައްޗަށެވެ. އޭނާއަކީ މި ވަގު ވިޔަފާރީގެ މާކެޓްގެ ތެރެއަށް ދޫކޮށްލާ މީހާ ނުވަތަ ދާދާ އެވެ. އަދި އޭނާއަކީ ރާއްޖޭގައި އެކި ނަންނަމުގައި ގިނަ ކުންފުނިތައް ހަދައިގެން ގަވާއިދާ ހިލާފަށް ވިޔަފާރި އޮޕަރޭޓް ކުރާ ބިދޭސީންގެ ތެރެއިން ބާރުގަދަ އެކެއް އަދި ވަގެކެވެ.

"އިމްރާނަކީ އެންމެ ފުޅާކޮށް މިކަން ކުރާ މީހާ! އޭނާ އެއީ ވަރަށް ކޭޝް ރިޗް މީހެއް. އޭނާ ކުދިކުދި [މާރުކޮށްލާފައި] ކޮށްލާފަ އެކި މީހުންނަށް އެކި ރޭޓްތަކުގައި ވިއްކަނީ. އާއްމުކޮށް ފަސް ލާރި އާއި 10ލ. ލާނެ. އެކަމަކު ބިދޭސީން ބޮޑު އަދަދެއް ލާފައި ވިއްކަނީ،" ޑޮލަރު ބާޒާރުގައި ވިޔަފާރިކުރާ މީހަކު ކިޔައި ދިނެވެ.

ބްލެކުން ބޭނުން ވަރަކަށް ޑޮލަރު ލިބޭ

ޑޮލަރުގެ އަގު ހަގީގަތުގައި ކޮންޓްރޯލްވާ ހިސާބަކީމި އެވެ؛ ރާއްޖެއަށް އާއްމުކޮށް އިމްޕޯޓް ކުރަން މަހެއްގެ މައްޗަށް ބޭނުުން ވަނީ 150 މިލިއަން ޑޮލަރު، ނޫނީ އެއާ ކައިރި އަދި ގިނަ މިންވަރެކެވެ.

ކޮވިޑް-19 އިގެ ސަބަބުން އިމްޕޯޓް ދަށްވުމުން އިމްޕޯޓަށް އޮތް ޑިމާންޑު 30 ޕަސެންޓު ދަށްވި ނަމަވެސް ޑޮލަރުގެ ޑިމާންޑް އެންމެ ތަންފުކެއް ވެސް ދަށެއް ނުވެ އެވެ. ރާއްޖޭގެ ބޭންކިން ސިސްޓަމް ތެރެއަށް ޑޮލަރު ނުވަދެ، އެހެން ގޮތް ގޮތުން މާރުވެ އެ ޑޮލަރު ދަނީ ރާއްޖެއިން ބޭރު ވަމުންނެވެ. މިކަން ހުއްޓުވަން ސަރުކާރުން އެދެވޭ އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ. އޭގެ ނަތީޖާއަކީ ގިނަ ފިޔަވަޅު ތަކެއް އަޅަން ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މަޖުބޫރު ވެގެން ދިއުމެވެ.

ބޭންކިން ސިސްޓަމް ތެރެއަށް ޑޮލަރެއް ނުވަދެ އެވެ. ޑޮލަރު އެ ނިޒާމްގެ ތެރެއަށް ނުވަންނާތީ ޑޮލަރު ޓީޓީ ހަދަން ދިޔައައސް އެކަމެއް ވިޔަފާރިވެރިންނަކަށް ނުވެ އެވެ. އެހެންވެ، ބުނާން ޖެހޭނީ ވެސް އަދި ޝަކުވާއަކަށް ވަނީ ވެސް ޑޮލަރެއް ނެތެވެ. ޑޮލަރު ނުލިބެނީ އެވެ. އެއީ ހަގީގަތެއް ނޫނެވެ. ބޭނުން ވަރަކަށް ރާއްޖޭގައި ޑޮލަރު އެބަހުއްޓެވެ. އެކަމަކު އެ ލިބޭނީ ބިދޭސީން ހިންގާ ޑޮލަރުގެ ކަޅު ނީލަމަށް ވަދެގެނެވެ.

ޑޮލަރުގެ "އަނދިރި ވަގު ބާޒާރު" ގެ މައި ހަބަކީ ބޮޑު ތަކުރުފާނު މަގުގެ ހެންވޭރު، އެސްބީއައި އިން ފެށިގެން ބީއެމްއެލް ޑޮލަރު އޭޓީއެމް ސަރަހައްދެކެވެ. އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި މި ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަ އެވެ.

"އަވަސް އިންވެސްޓިގޭޓް" ނޫސްވެރިން ރިޕީޓްކޮށް އެކި ދުވަހު ގޮސް ތަފާތު ވަސީލަތް ބޭނުންކޮށްގެން ބެލިބެލުމުން އެނގުނު ގޮތުގައި އެ ސަރަހައްދުން ބޭނުން ވަރަށް ޑޮލަރު ލިބެ އެވެ. އެ ސަރަހައްދުގައި ޑޮލަރުގެ "އުނގު ވިޔަފާރި" ކުރުމުގައި އުޅޭ މީހުނާ ވާހަކަ ދައްކައިގެން ވަގުތުން ވަގުތަށް 10،000 ޑޮލަރު ކޭޝް ވެސް ވިޔަސް ލިބެ އެވެ. އެތަނުގައި ހުރެގެން ދިވެހި ރުފިޔާ' ކަޅު ބާޒާރުހައި ވެރިފައިޑް" އެއިން މީހެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްލުމަށް ފަހު، މަނީ އެކްސްޗޭންޖު ކުރާ ތަނަށް ވަދެ ބޭނުންވާ އަދަދަށް ޑޮލަރު ހިފައިގެން ދާންވީ އެވެ. އެކަމަށް އޮންނަނީ އެންމެ ޝަރުތެކެވެ. އެއީ އެ ނެޓްވޯކްގައި ހިމެނޭ މީހާ / މީހުންގެ އަގާ ރުހުމެވެ.

އެ މީހުންގެ އަގަށް ރުހިގެން މިހާރު ހުރި ރޭޓުން ބްލެކް މާކެޓުން 100،000 ޑޮލަރު ގަންނަ މީހާއަށް ވެސް 300،000 ރުފިޔާ އިތުރަށް ދައްކަން ޖެހޭނެ އެވެ. އެކަމަކު ބޭނުމިއްޔާ އިތުރު އެހެން ޗޮއިސްއެއް ނޯންނާނެ އެވެ. މި އިންވެސްޓިގޭޝަންގެ ތެރޭގައި ކުއްލި ގޮތަކަށް އަވަސް އަށް ބޭނުންވާ 2،000 ޑޮލަރު ހޯދަން ޖެހުނެވެ. ކަޅުބާޒާރުގެ ރޭޓާ ރުހިގެން ގަންނަން މަޖުބޫރިވި އެވެ

ބްލެކް މާކެޓޭ ކިޔަސް މި ވިޔަފާރި ކުރަނީ ހަމަ ވަރަށް ފާޅުގައި ހިންގައި "ޑޭލައިޓް ރޮބެރީ" އެކާ ބުނެވޭ ގޮތަށެވެ. އެކަމަކު ވަކި ބައެއްގެ އެހީގައި ފެންސްކޮށްފައި ހުންނަ ގޮތުން އާންމު މީހާއަށް ވާނުވާ ނޭނގެނީ އެވެ.

އެހެންވީމާ ސުވާލަކަށް ވާނީ ބިދޭސީ މީހާ ފުޅާކޮށް މިކަން ކުރަނީ ކިހިނެއް ހެއްޔެވެ؟ އެ މީހުން މިލިއަނުން މިލިއަނުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާނީ ކިހިނެއް ހެއްޔެވެ؟

މި ފައިސާ ހޯދާ ގޮތް ވެސް "އަވަސް އިންވެސްޓިގޭޓްސް" އިން ހޯދި އެވެ. އެއީ އެ މީހުންނާ ގާތް ގުޅުމެއް އުފައްދައި ވަސީލަތްތައް ބޭނުންކޮށްގެނެވެ. މި ވިޔަފާރި ކުރާ ބިދޭސީންގެ އަތުން ޑޮލަރު ގަންނަ ވިޔަފާރިވެރިއަކަށް ހެދިގެން ގޮސް ގާތް ރަހުމަތްތެރިކަން އުފައްދައި އެކި ފަހަރު މަތީން "އެތެރެ ކޮނެލުމުން" އެނގުނީ މި ފައިސާ އެ މީހުން ހޯދަނީ ގިނަ އަދަދެއްގެ ބިދޭސީން ގުޅި، އެކުވެގެން ކަމެވެ.

ޑޮލަރުގެ ވަގު ބާޒާރަށް ބޭނުންވާ ދިވެހި ރުފިޔާ ހޯދަނީ ބިދޭސީންގެ ގްރޫޕްތައްއެކުވެ އެއްބަސްވެވޭ އެއްމެދު ޖަމާއަތަކަށް ބަދަލުވެގެނެވެ. ރާއްޖޭގައި އެ މީހުނަށް ވިޔަފާރި ކުރެވޭނެ ހުރިހާ ގޮތަކަށް މުޅި ރާއްޖޭގެ ހުރި ކަމަކާއި ތަނެއް ތަންމިނަށް ހުޅުވިފައިވާތީ، އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައި އެއްކޮށްފައިވާ އެތައް މިލިއަން ރުފިޔާއެއް ޑޮލަރުގެ ކަޅު ބާޒާރަށް ކޮންމެ މަހަކު ޕަންޕުކޮށްލަ އެވެ.

މި ފައިސާ އެމީހުން ދެނީ މަސް ނިމުމުން ފަހު އާމްދަނީ ދޭ ގޮތަށެވެ. އެގޮތުން ފައިސާ މާރު ކޮށްދޭން ހަރަކާތްތެރިވާ މީހުންނަށް މަސް ނިމުމުން ފައިދާ ބަހާލާއިރު ވަރަށް އާދައިގެ ވަކި ވަކި މީހަކަށް / މިސާލަކަށް ބަންގާޅީއަކަށް، 50،000ރ. އާއި 70،000ރ ގެ ބޮޑު އާމްދަނީއެއް ލިބެ އެވެ.

މިހެން އޮތުމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ވިޔަފާރީގައި ލޭބަރުންގެ ގޮތުގައި ރާއްޖެއަށް މަސައްކަތް ކުރަން ފުންމާލި ގިނަ ބަޔަކު ވެސް ކޮންސަންޓްރޭޝަން ލެވެލް ހައިކޮށްގެން ކުރާ މަސައްކަތްތަކީ މި ވައްކަން ކުރުމެވެ. މި ބޮޑު ވަގު ވިޔަފާރީގައި އެ މީހުންގެ މުޅި އާއިލާ ވެސް ޝާމިލްވެ އެވެ.

ބްލެކް މާކެޓަށް ވަދެ "އަވަސް" ގެ ނޫސްވެރިން އެ ވިޔަފާރިވެރީގެ ބައިވެރިންނަށް ވުމުން ފައިސާ މާރު ކުރުމުގެ ވަގު ވިޔަފާރީގައި އުޅޭ އިސްމާއިލް އެމްޑީއާ ވަރަށް ބޮޑު ރަހުމަތްތެރި ކަމެއް އުފެދުނެވެ. އޭނާ ވާހަކަ ހިއްސާ ކުރެ އެވެ. އިސްމާއީލް ބުނާ ގޮތުން މި ވިޔަފާރި ކުރާ މީހުން އެކަން ކުރަނީ އެއްވެސް ބިރަކާ ނުލަ އެވެ. ރާއްޖޭގައި ބިރެއް ނުވެސް ނެތެވެ. މި ވިޔަފާރި ހިންގި ނަމަވެސް ރާއްޖޭގައި ގާނޫނު ތަންފީޒު ކުރުމުގެ ސިޔާސަތެއް ސަރުކާރުގައި ނެތްކަން އެ މީހުނަށް ރަނގަޅަށް އެނގެ އެވެ. އެ މީހުންގެ ހަމައެކަނި ޖެހިލުން ވަނީ މާލޭގައި އުޅޭ "ގޭންގް" ތަކާއި ފައިސާ ފޭރިގެންފާނެ ކަމަށް އޮންނަ ބިރާއި އެމީހުންގެ ތެރެއިން މީހެއްގެ "ބޭޑް ފެއިތު" އެއް އުފެދިދާނެތީ އެވެ. މި ވައްކަން ކުރަން އެނޫން އެއްވެސް ތުރާލެއް ރާއްޖެއަކު ނެތެވެ. ހުރިހާ ތަޅެއް ހުރި ނެއްޓިފަ އެވެ.

[ވާހަކަ ދެއްކުން ރަނގަޅުކޮށްފައި] އަހަރެމެންގެ އެކަކުވެސް ބިރެއް ނުގަނޭ، ފުލުހުން ވެސް އެހެން ބަޔަކު މިކަން [ބްލެކް މާކެޓުގައި މާރު ކުރުން] ހުއްޓުވަން އުޅޭކަމެއް އަހަރެމެންނަކަށް ނޭނގޭ، އެ މީހުން ދެކެ ބިރެއް ވެސް ނުގަނޭ، އެކަމަކު ޖެހިލުން ވޭ ޕާޓޭން ދެކެ! އެ މީހުން ފައިސާ ފޭރި ގެންފައިވާނެތީ ބިރުގަނޭ. އެކަމަކު މިހާރު އެ މީހުން ވެސް އަހަރެމެންނަށް ވުރެ ގަދައެއް ނޫން. ވަޅި އަޅައިފިނަަމަ އަހަރެމެން ވެސް [ވަޅި] ހަރާނަން،
އިސްމާއީލް އެމްޑީ | މާލެތެރޭ ފިލައި އުޅޭ ބަނގްލަދޭޝްގެ މީހެއް

"[ވާހަކަ ދެއްކުން ރަނގަޅުކޮށްފައި] އަހަރެމެންގެ އެކަކުވެސް ބިރެއް ނުގަނޭ، ފުލުހުން ވެސް އެހެން ބަޔަކު މިކަން [ބްލެކް މާކެޓުގައި މާރު ކުރުން] ހުއްޓުވަން އުޅޭކަމެއް އަހަރެމެންނަކަށް ނޭނގޭ، އެ މީހުން ދެކެ ބިރެއް ވެސް ނުގަނޭ، އެކަމަކު ޖެހިލުން ވޭ ޕާޓޭން ދެކެ! އެ މީހުން ފައިސާ ފޭރި ގެންފައިވާނެތީ ބިރުގަނޭ. އެކަމަކު މިހާރު އެ މީހުން ވެސް އަހަރެމެންނަށް ވުރެ ގަދައެއް ނޫން. ވަޅި އަޅައިފިނަަމަ އަހަރެމެން ވެސް [ވަޅި] ހަރާނަން،" އެއް ދުވަހަކު ވާހަކަ އޮލަކޮށްލުމުން އިސްމާއީލް ކިޔައި ދިނެވެ.

ގެއްލުން ބޮޑު، މުދަލުގެ އަގު ބޮޑުވާ ސަބަބެއް

މި ފަދަ އެތައް އިސްމާއީލެއް އެތައް "އެމްޑީ" އެއް މި ކަޅު ބާޒާރުގެ އަޑީ ފަށަލާގައިވެއް މަތީ ތުންފަތް މަތީގައި ވެސް އެބަ ތިއްބެވެ. މިގޮތަށް ޑޮލަރު ކަޅު ބާޒާރުގައި މާރު ކުރާ ވަގު ވިޔަފާރީގެ ސަބަބުން ދިވެހި ގިނަ ވިޔަފާރި ތަކަށް ދަނީ ފޫބައްދަން ދަތި ގެއްލުންތައް ވަމުންނެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު މީގެ ސަބަބުން ލިބެމުންދާ ގެއްލުމާއެކު މުދަލުގެ އަގު މައްޗަށް އުފުލެމުން ދެއެވެ. ސަރުކާރުން ނެރޭ "އިންފްލޭޝަން ބާސްކެޓް" ގެ ހިސާބުތަކުން އަގު ބޮޑުވާ ކަމަށް ނުދެއްކި ނަމަވެސް އެވްރެޖުކޮށް މުދަލުގެ އަގު މިހާރުވެސް ހުރީ މަތީގަ އެވެ. ކުރިން 15.45 އަށް ޑޮލަރު ގަނެގެން އިމްޕޯޓް ކުރަމުން ދިޔަ ވިޔަފާރިވެރިން 19ރ. އިން މަތިން ޑޮލަރު ގަނެގެން މުދާ އިމްޕޯޓު ކުރަން ޖެހުމުން އަގުތައް ވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގެ ކުދި އަދި މެދު ވިޔަފާރިތައް ތަމްސީލް ކުރާ ޖަމިއްޔާ އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުއް ލަތީފު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސޯދަށް ވަންނަ ޑޮލަރު، ގައުމަށް ވަންނަކަން މިހާރު ޔަގީނެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓުގެ ސަބަބުން ވިޔަފާރި ތަކަށް ދަތިވެ އެވެ.

"އާއްމުކޮށް މުދާ ވިއްކާ މީހުންނަށް އެނގޭނެ މުދާ އަގު ބޮޑުވީމަ ނުވިކޭކަން. ޑޮލަރުގެ ނިސްބަތުން އިންކްރީޒްވާ އަދަދުން ބަލާނަމަ އިމްޕެކްޓަނީ ހަރަދުތައް 25 ޕަސެންޓުގެ އިމްޕެކްޓެއް ފެނޭ،" ލަތީފު ވިދާޅުވި އެވެ.

ފިޔަވަޅު އެޅުމުގެ ބާރު މިހާރު ލިބޭ!

ބޮޑު ކަމިޝަނެއް ލައިގެން ކޮންމެ ދުވަހަކު މިލިއަނުން، މިލިއަނުން ކަޅު ބާޒާރުގައި ޑޮލަރު މާރު ކުރި ނަމަވެސް ދިވެހި މަރުކަޒީ ބޭންކަށް މިހާތަނަށް މިކަމެއް ނުހުއްޓުވެ އެވެ. އެކަމަކާ ނުވެސް އުޅެ އެވެ. މިހާތަނަށް ޑޮލަރުގެ ކަޅު ބާޒާރުގެ ހަރަކާތްތައް ރެޑް ހޭންޑްކޮށް ހިފުމުގެ ގާނޫނީ ބާރު އެމްއެމްއޭ އަށް ނުލިބުމުގެ މައިގަނޑު ސަބަބަކީ މިކަމާ ގުޅުންހުރި ގާނޫނުތައް ވެސް ބަލިކަށިކޮށް ހުރެމެވެ.

އެމްއެމްއޭގެ އަބަދުގެ ޝަކުވާއަކީވެސް އެއީއެވެ. ރާއްޖޭގައި ބޭރު ފައިސާ ވިއްކުމާއި މަނީ އެކްސްޗޭންޖު ތަންތަން މިހާތަނަށް ވެސް ހިންގަމުން ދަނީ މީގެ 33 އަހަރު ކުރިން 1987 ގައި ހަދާފައިވާ ވަރަށް މުސްކުޅި ވަރަށް ކަޑަ ގަވައިދަކުންނެވެ. އެކަމަކު އެމްއެމްއޭގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު، އަގު ބޮޑުކޮށް ފައިސާ މާރު ކުރުމުގެ ވިޔަފާރި ހިންގާނަމަ މަރުކަޒީ ބޭންކަށް އެކަން ހުއްޓުވުމުގެ ގާނޫނީ ބާރު ލިބިފައި ވެއެވެ.

އެމްއެމްއޭ ގާނޫނުގައި މިހާރު އޮތް ގޮތުން މަނީ އެކްސްޗޭންޖް ކުރަން ކަނޑައަޅާފައިވާ އަގަށް ވުރެ މަތިން އެކްސްޗޭންޖު ކޮށްފިނަމަ 10،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް އެހެން ފިޔަވަޅުތައް ވެސް އެޅޭނެ އެވެ. އެކަމަކު އެޅިއްޔާ ނޫން ހެއްޔެވެ؟ އެކަމާ ބަޔަކު އުޅުނިއްޔާ ނޫން ހެއްޔެވެ؟

މަނީ އެކްސްޗޭންޖު ވިޔަފާރި ވަކި ވާން ޖެހޭ

ރާއްޖޭގައި ޑޮލަރު މާރުކޮށްގެން ވިޔަފާރި ކުރެވޭނީ ވަކި ހާއްސަ އަގެއްގަ އެވެ. އެކަމަކު މިހާރު މި ވިޔަފާރިއަށް ލައިންސަސް ދޭއިރު ކަންމަތީ ފިހާރައަކަށް ވެސް މިކަން ކުރެވިދާނެ އެވެ. މާރުކޭޓެއްގެ ގޮޅިއަކަށް ވެސް މިކަން ކުރެވިދާނެ އެވެ. މިއީ މިކަން ބާއްވަން އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ މަނީ އެކްސްޗޭންޖުގެ ވިޔަފާރި ވަކިން ކުރެވޭނެ ނިޒާމެއް ގެނެވިދާނެ ހެއްޔެވެ؟

ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި މި ވިޔަފާރި ކުރަން ބޭނުންނަމަ ހާއްސަ ލައިސަންސެއް ނަގައިގެން ވަކިން ކުރެވޭނެ ވިޔަފާރިއެއްގެ ގޮތުގައި ބޭއްވިދާނެ އެވެ. އަދި މި ކަމަކީ ދުނިޔޭގައި މި ވިޔަފާރި ކުރާ ބޮޑު ކުންފުންޏެއް ގެނެސްގެން ވެސް ރާއްޖޭގައި ކުރެވިދާނެ ކަމެކެވެ.

"ދުނިޔޭގެ ފައިސާ މާރުކުރާ ބޮޑު ކުންފުންޏެއް ގެނެވިދާނެ މި ވިޔަފާރިއަށް. އެކަމަކު ވަރަށް ޕްރޮޕާ ގާނޫނުތައް ބޭނުންވޭ. އެ ތަންފީޒު ކުރެވެގެން ޖެހޭ. އޭރުން ދުނިޔޭގެ އެކި ގައުމުތަކުގެ ރުފިޔާ އެ މީހުން ގެންގުޅޭނެ. އެ މީހުން ހަމައެކަނި ގެންގުޅޭނީ ޑޮލަރެއް ނޫން... ނަގުދު ފައިސާ އަށް އޮތް ޑިމާންޑު ކަނޑުވާލުމަކީ ވެސް މި ޑޮލަރުގެ ޑިމާންޑު ދަށްކުރެވޭނެ ކަމެއް. އޭރުން ތައިލެންޑަށް ދާން ބޭނުންނަމަ ތައިލެންޑުގައި ހުންނަ، ރާއްޖޭގައި ހިންގާ މަނީ އެކްސްޗޭންޖުގެ ގޮދިން ފައިސާ މާރުކޮށްލެވޭނެ." އޭނާ ވިދާޅުވި އެވެ. "ދުނިޔޭގެ އެކި ގައުމުތަކުގެ ކަރަންސީ އެކްސްޗޭޖު ކުރެވޭނެ. އޭރުން ސްރީ ލަންކާއަށް ދާންވީމަ ކޮންމެހެން ޑޮލަރު ގަންނާކަށް ނުޖެހޭނެ. ސްރީ ލަންކާއަށް ދާ މީހަކު، ދިވެހި ރުފިޔާ ހިފައިގެން ގޮސް މަނީ އެކްސްޗޭންޖު ކުރާ ތަނަށް ދިއުމުން ސްރީ ލަންކާ ރުޕީސް ލިބޭނެ. އޭރުން ޑޮލަރަށް އޮތް ޑިމާންޑް ދަށް ވެގެން ދާނެ،"

ހައްލު އޮތީ ޑޮލަރު ހިފެހެއްޓޭނެ ގޮތް ހޯދައިގެން

ރާއްޖެއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް އޭގެ ބޮޑު ބައެއް އިގްތިސޯދުގެ ތެރެއިން ބޭރުވާ ކަމަށް ޔަގީން ކުރެވިފައި ވެއެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހަށް ބަލާއިރު ރާއްޖެއަށް ބޭނުންވާ ކާބޯ ތަކެއްޗާއި މުދާ އެތެރެ ކުރަން ދެ ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި ލޮޖިސްޓިކްސްގެ އެކި މަސައްކަތް ތަކަށް 1.3 ބިލިއަން ޑޮލަރު ބޭރު ވެގެން ގޮސްފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގައި ވިޔަފާރި ކުރާ ބޭރު ފަރާތް ތަކުން ވިޔަފާރީގެ ފައިދާގެ ގޮތުގައި 550 މިލިއަން ޑޮލަރު ބޭރު ކޮށްފައިވެ އެވެ. ބިދޭސީން މުސާރައިގެ ގޮތުގައި 590 މިލިއަން ޑޮލަރު ބޭރުކޮށްފައިވެ އެވެ. ފަސް އަހަރުތެރޭ ޖުމްލަ ފަސް ބިލިއަން ޑޮލަރު އިގްތިސޯދުން އެކި ގޮތުން ބޭރުވި ކަމަށް ހިސާބުތަކުން ކަށަވަރު ވެއެވެ. އެހެންވެ މި ނަމްބަރަކީ ދިވެހި އިގްތިސޯދުގައި ހިފަހައްޓަން ޖެހޭ ނަމްބަރެކެވެ.

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ރާއްޖޭގައި ޑޮލަރު ހިފެހެއްޓޭނެ ގޮތެއް ހަދައިގެން ނޫނީ ހަގީގީ ހައްލެއް ނެތެވެ. ހާއްސަކޮށް ބޭންކިން ސިސްޓަމްގެ ތެރޭގައި ޑޮލަރު ހިފަހައްޓައިގެން ނޫން ގޮތަކަށް ޑޮލަރު ލިބުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި ދާނީ ވަގުންގެ ބާޒާރަށެވެ.

"ޑޮލަރުން އާމްދަނީ ލިބޭ ރިސޯޓު ތަކަށް މަޖުބޫރުވާންވީ ގާނޫނަކުން ނަމަވެސް ބޭންކިން ސިސްޓަމަށް ނޫން ގޮތަކަށް ޑޮލަރު މާރު ނުކުރުމަށް. އެގޮތަށް މާރު ކުރުން އެބަޖެހޭ ހުއްޓުވަން. ހަގީގީ ހައްލަކީ މިއީ،"

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން އެބަޖެހެ އެވެ. އަނދިރިކަން ފިލުވައިލަން ޖެހެ އެވެ. ބިދޭސީން ރާއްޖޭން ބޭރު ކުރާ ފައިސާގެ އަދަދު މަދުވާން އެބަޖެހެ އެވެ. އެކަން ކުރެވޭނީ މި ވަގު ވިޔަފާރީގެ މޫ ލުހެލައިގެނެވެ. އެއީ އިމްރާނަކަށް ވިޔަސް ބަލައިގެނެއް ނުވާނެ އެވެ.