ބިދޭސީން

ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް 17.9 މިލިއަން ޑޮލަރު ބޭރުކޮށްފި

Jun 1, 2021
3

ރާއްޖޭގެ ހަރަކާތްތެރިވާ ރެމިޓެންސް ދެ ކުންފުންޏެއް މެދުވެރިކޮށް މި އަހަރު ފުރަތަމަ ކްއާޓަރުގައި ބިދޭސީން 17.9 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 276 މިލިއަން ރުފިޔާ) ބޭރުކޮށްފި އެވެ.

އެމްއެމްއޭގެ މި އަހަރު ފުރަތަމަ ކްއާޓަރުގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ރެމިޓެންސް ދެ ވިޔަފާރިއަކުން ފުރަތަމަ ކްއާޓަރުގައި ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ބޭރުކުރި، މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރާ އަޅާ ބަލާނަމަ 38 ޕަސެންޓުގެ ދަށް މިންވަރެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރާ އަޅާބަލާނަމަ 16 ޕަސެންޓް އިތުރެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އުޖޫރައިގެ ގޮތުގައި 18 މިލިއަން ޑޮލަރު ތިން މަސް ތެރޭ ބޭރުކޮށްފައި ވަނީ ލައިންސް ދީގެން ހިދުމަތް ކުރާ އެންބީއެލް މަނީ ޓްރާންސްފާ އާއި އައިލެންޑް ފައިނޭންޝިއަލް ސާވިސް މެދުވެރިކޮށެވެ.

މި މުއްދަތުގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އެންމެ ގިނައިން ބިދޭސީން ފައިސާ ބޭރު ކޮށްފައި ވަނީ އެންމެ ބޮޑު މަސައްކަތުގެ އާބާދީއެއް ރާއްޖޭގައި ހަރަކާތްތެރިވާ ބަންގްލަދޭޝަން އަށެވެ. ބޭރު ކުރި ފައިސާގެ 55 ޕަސެންޓް އެ ގައުމަށް ބޭރުކުރިއިރު، އިންޑިއާއަށް 10 ޕަސެންޓް އަދި ސްރީލަންކާ އަށް ބޭރު ކުރި ފައިސާގެ އަދަދު އުޅެނީ ފަސް ޕަސެންޓުގަ އެވެ.

ރާއްޖޭގައި ދެ ލައްކައެއްހާ ބިދޭސީން މަސައްކަތް ކުރާއިރު، ކޮންމެ އަހަރަކު ވެސް ބޭންކްތަކާއި މަނީ ޓްރާންސްފާ ކުންފުނިތައް މެދުވެރިކޮށް 500 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ފައިސާ ބޭރުކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.