އެމްއެމްއޭ

ޑޮލަރުގެ ކަޅު ބާޒާރު ނައްލާ ސިޔާސަތު އަންނަ އަހަރު ތަންފީޒު ކުރަނީ

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން ތަންފީޒު ކުރާ "ޑީޑޮލަރައިޒޭޝަން" ގެ ސިޔާސަތު އަންނަ އަހަރު އެކި ފިޔަވަހިތަކަށް ބަަހާލައިގެން ތަންފީޒު ކުރާނެ ކަމަށް، މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓު ކޮމިޓީ އަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަނީ ހާޒިރުކޮށްފަ އެވެ.

މި ބައްދަލުވުމުގައި ގަވަރުނަރު އަލީ ވިދާޅުވީ ޑީޑޮލަރައިޒޭޝަންގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ކަމާ ބެހޭ ފަރާތްތަކާއެކު މިހާރު ބައްދަލުވުންތައް ފަށާފައިވާ ކަަމަށެވެ. އެގޮތުން އެކަމާ ގުޅޭ ގޮތުން އެންމެ ފުރަތަަމަ ބައްދަލުކުރީ ބޭންކިން ދާއިރާގެ ފަރާތްތަކާއެކުގައި ކަަމަށާއި އަދި އެ ބައްދަލުވުމަށް ފަހު ދެ ގަވައިދެއް ހަދައިފައިވާ ކަމަށެވެ.

އެ ދެ ގަވައިދަކީ ފޮރިން އެކްސްޗޭންޖު ލައިސެންސިން ގަވައިދާއި މޮނިޓަރިން ގަވައިދެވެ.

"މި ދެ ގަވައިދު ހެދުމަށްފަހު ޕްރައިވެޓް ސެކްޓާއާ ޑިސްކަޝަންސްތައް ކުރިއަށް ގެންދިއުމުގެ ކުރީގައި އަދި އެއް ފަހަރު ސްޓޭކް ހޯލްޑާ ތެރޭފައި އެކި ފަރާތްަތައް އިކޮނޮމިކް މިނިސްޓްރީއާއި ފައިނޭންސް މިނިސްޓްރީ އާއި
ޕޮލިސީ މޭކަރުންނަށް ގަވައިދުތަކުގެ ތެރޭގައި ހުރި ޑީޓެއިލްތައް ކިޔައިދިނުމުގެ މަރުހަލާގައި މި ވަގުތު އޮތީ." އަލީ ހާޝިމް ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީގައި ޑެޕިއުޓީ ގަވަރުނަރު އިމާދު ވިދާޅުވީ ޑީޑޮލަރައިޒޭޝަންގެ ސިޔާސަތު ތަންފީޒުކުން ލަސްވީ ކޮވިޑާ ގުޅިގެން އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުން ކަމަށެވެ. އަދި ކަމާ ބެހޭ އިދާރާތަކުން ވެސް ލަފާ ދިނީ އިގްތިސާދު ކުރިއަރާ މިންވަރަށް ބަލާފަ އެ ސިޔާސަތު ތަންފީޒުކުރުމަށް ކަމަށެވެ.

"ޒަމާނުއްސުރެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން މިފަހަރު ކުރަން އުޅޭ ގޮތުން ތަންކޮޅެއް ދާއިމީ ހައްލެއް ލިބޭގޮތަށް މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެށޭތަނުން އަޅުގަނޑުމެން އެކި ފޭސްތަކަށް ބަހާލައިގެން މި މަސައްކަތް ކުރިއަށް ދާނަން. ތަންފީޒީ އިދާރާ ތަކުން ވެސް މިކަމުގައި ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ." އިމާދު ވިދާޅުވި އެވެ.ްގ

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން ދާއިމީ ހައްލެއް ގެންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަމަށް ހައްލު ގެންނަން އަޅާނެ ފިޔަވަޅުތަކެއް މިހާތަނަށް އެމްއެމްއޭއިން ވެސް އަދި ސަރުކާރުންވެސް ބުނެފަ އެއް ނުވެ އެވެ. ނަމަވެސް މި ސިޔާސަތު ތަންފީޒު ކުރާނީ ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށްފައި ކަމަށް ބުނެފައިވެ އެވެ.