ރާއްޖޭގައި އެމެރިކާ ޑޮލަރުގެ ރަސްމީ ރޭޓް މަތިވިޔަ ނުދީ ހިފަހައްޓަން ފިޔަވަޅު ތަކެއް އަޅަން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސަރުކާރަށް ލަފާއެއް ދީފި އެވެ.
އައިއެމްއެފް އިން އެގޮތަށް ލަފާ ދިނީ ރާއްޖޭގެ އިގްތިސާދީ ހާލަތު އެ އިންސްޓްޓިއުޝަނުން ދިރާސާ ކުރުމަށް ފަހު ނެރުނު ބަޔާނެއްގަ އެވެ.
އައިއެމްއެފް އިން ބުނީ ކޮވިޑާ ގުޅިގެން ރާއްޖެގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔަ ނަމަވެސް މިހާރު މަޑުމަޑުން ހާލަތު ބަދަލުވަމުން އަންނަ ކަމަށެވެ. ފަތުރުވެރިކަން އަލުން ހަމަޔަކަށް އެޅޭ ތަން ފެންނަ ކަމަށާއި ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުކަމުން ދަރަނީގެ ކާރިސާ އަކަށް ޖެހިދާނެ ކަަމަށެވެ.
އެހެންވެ އައިއެމްއެފުން ވަނީ ރާއްޖޭގެ ބައެއް ޕޮލިސީތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
އައިއެމްއެފް އިން ބުނީ ރާއްޖޭގައި ޑޮލަރުގެ ރޭޓް ހިފެހެއްޓުމަށް މިހާރު ގެންގުޅޭ މަނިޓަރީ ޕޮލިސީތަށް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި އަދި ރާއްޖޭގެ ރިޒާވް ވެސް އިތުރު ކުރަން ޖެހޭ ކަމަށެެވެ.
ހަމަ އެހެންމެ ރާއްޖޭގެ މަނިޓަރީ ޕޮލިސީ ޒަމާނަށް ފެތޭ ގޮތަށް ބައްޓަން ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަ ކަަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން އައިއެމްއެފުން ވަނީ ދައުލަތުގެ ހޭދަތައް ކުޑަކޮށް ލޯނު ނެގުން މަޑުޖައްސާލަން ވެސް ލަފާދީފަ ވެއެވެ. ހަމަ އެހެންމެ ދަރަނިތައް ރަނގަޅަށް މެނޭޖްކުރަން ހަރުދަނާ އުސޫލު ތަކެއް ގެންގުޅުމަށް ވެސް އެދިފައިވެ އެވެ.
ރާއްޖޭގައި ޑޮލަރު މާރުކުރެވޭ ރަސްމީ ރޭޓްއަކީ 15.42 އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިގްތިސޯދު ހީނަރުވުމުން ޑޮލަރުގެ އަގު 20ރ. އަށް އުފުލި ޑޮލަރުގެ އަނދިރި ބާޒާރެއް އުފެދިގެން ދިޔަ އެވެ. އެހެންވެ ސަރުކާރަށް ވަނީ ޑޮލަރުގެ ކަޅު ބާޒާރަށް ދާއިމީ ހައްލެއް ގެންނަން މަަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވަނީ ޑޮލަރުގެ މައްސަލަ އަށް ހައްލު ގެންނަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ރުހުން ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި މި ފިޔަވަޅުތައް އަޅާނީ ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.