ހަބަރު

އެތެރޭގެ ދަރަނި މަތިވި ސަބަބު އަމީރު ސާފުކޮށްދެއްވައިފި

Sep 24, 2019
8

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 1.9 ބިލިއަން ރުފިޔާގައި އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ދިން 1.5 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަރުކަޒީ ބޭންކުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބުތައް އާއްމު ކޮށްފައިވާއިރު، ދައުލަތު ދަރަނީގެ އަދަދު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަނީ 50 ބިލިއަން ރުފިޔާ ހުރަސް ކޮށްފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހު ހަ މަސް ދުވަހު ޖުމްލަ ދަރަނީގެ ގޮތުގައި ހުރި 48 ބިލިއަން ރުފިޔާ، މިއަހަރުގެ ޖޫން މަހާ ހަމައަށް ވަނީ 50.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން، ޖުމްލަ ދަރަނީގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. އެއީ ޖުމްލަ 50.9 ބިލިއަން ރުފިޔާގެ ދަރަނީގެ 58 ޕަސެންޓެވެ. ބޭރުގެ ދަަރަނި ހުރީ 21.3 ބިލިއަން ރުފިޔާގަ އެވެ.

މިހާރު ދަރަނީގެ ގޮތުގައި ރިކޯޑް ކުރެވިފައިވި ނަމަވެސް, މެޗުއާރިޓީގައި މި އަންނަ އަހަރު 1.5 ބިލިއަން ހިލޭ އެހީއެއްގެ ގޮތުގައި ރިކޯޑްކުރެވޭނެ
އިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު

އެތެރޭގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ސަރުކާރުން ވިއްކާފައިވާ ޓީބިލާއި ބޮންޑެވެ. އެގޮތުން މިދިޔަ ހަ މަސް ދުވަހު 1.9 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު ވިއްކައިގެން ސަރުކާރަށް ފައިސާ ހޯދާފައިވެ އެވެ. އެކަމާ ގުޅިގެން، އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އަދަދުގެ ތެރޭގައި އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދިން 1.5 ބިލިއަން ރުފިޔާ ހިމެނޭކަމަށެވެ.

"މިހާރު ދަރަނީގެ ގޮތުގައި ރިކޯޑް ކުރެވިފައިވީ ނަމަވެސް, މެޗުއަރިޓީގައި މި އަންނަ އަހަރު 1.5 ބިލިއަން ހިލޭ އެހީއެއްގެ ގޮތުގައި ރިކޯޑް ކުރެވޭނެ،" މިނިސްޓަރު ސާފު ކޮށްދެއްވި އެވެ.

އެތެރޭގެ ދަރަނީގެ ގޮތުގައި ޓީބިލާއި ބޮންޑު މައިގަނޑު ގޮތެއްގައި ވިއްކާފައިވަނީ ކޮމާޝަލް ބޭންކް ތަކަށެވެ. އެގޮތުން، 1.1 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު އެފަދަ ބޭންކުތަކަށް ވަނީ ވިއްކާފަ އެވެ.