ހަބަރު

އާ ސިޔާސަތުތަކުން ރިކަރަންޓް ހަރަދު ބޮޑުވުމުގެ ބިރު!

ސަރުކާރުން ހަރަދު ކުރަން ކަނޑައަޅާފައިވާ އާ ސިޔާސަތުތަކުގެ ސަބަބުން ދައުލަތުގެ ރިކަރަންޓު ހަރަދު ބޮޑުވުމުގެ ބިރު އެބަ އޮތް ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގެ "މި އަހަރުގެ އިގްތިސޯދީ ތަސައްވުރު" ގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ބެލެންސަށް ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަ ކޮށްފައި ވެއެވެ.

އގޮތުން، އަހަރުގެ ތެރޭގައި ސަރުކާރުން ހޭދަ ކުރަން ފަށަން ކަނޑައަޅާފައިވާ އާ ކަންތައްތަކުގެ ސަބަބުން އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ރިކަރަންޓް ހަރަދު އިތުރުވެ ފިސްކަލް އިމްބެލެންސް އިތުރުވުމަށް މަގުފަހިވާނެ އެވެ. އަދި ދައުލަތުގެ ޖުމުލަ ދަރަނީގެ ސަބަބުން އިގްތިސޯދަށް ނޭދެވޭ ލޮޅުންތައް އައުމުގެ ފުރުސަތު ބޮޑު ކަމަށް އޭގައި ބުނެފައި ވެއެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ރިކަރަންޓު ހަރަދު ބޮޑުވި ނަމަވެސް، މި އަހަރު ދައުލަތުގެ ބަޖެޓުގެ ދަރަނި 4.4 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާ ކުރެވެ އެވެ. މިދިޔަ އަހަރު ބަޖެޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން ހުރީ 4.7 ޕަސެންޓުގަ އެވެ.

މި އަހަރު ދައުލަތުގެ އާމްދަނީ އިތުރު ވެގެންދާނެ ކަމަށް ލަފާ ކުރެވެނީ ޓޫރިޒަމް ދާއިރާއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ކުރިއެރުމާއެކު އެ ދާއިރާއިން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ބެލެވުމާ ގުޅިގެންނެވެ. ހާއްސަކޮށް ޓޫރިޒަމް ބަޖެޓު ބޮޑު ކޮށްފައިވުމުން ޓޫރިސްޓުން އަންނަ އަދަދު އިތުރުވާނެތީ އެވެ.

އަގުތައް ދަށްވުން އެކަށީގެންވޭ

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މުދަލާއި ހިދުމަތުގެ އަގު ދަށްވުން އެކަށީގެންވެ އެވެ. މައިގަނޑު ސަބަބަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގުތަކާއި ކަރަންޓުގެ އަގުތައް އެއްހަމަ ކުރުމާއި، ހުރިހާ ކަރަންޓު ޓެރިފް ރޭޓްތަކަށް ފިއުލް ޑިސްކައުންޓްއެއް ސަރުކާރުން ދޭން ފެށުން ފަދަ އާ ސިޔާސަތުތައް ތަންފީޒު ކުރަން ފަށާފައި ވުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އާ ބައެއް ކަންތައްތައް ކުރަން ރާވާފަ އެވެ. ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގައު ހިމައިގެން ކުރަން މިހާރު އިއުލާނުކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބޭރުގައި ތިބޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ދިނުމާއި ސްކޫލް ނާސްތާ ޕްރޮގްރާމް އަދި ހިލޭ ޑިގްރީއަށް ކިޔެވުން ފަދަ ވައުދުތައް ހިމެނެ އެވެ.