ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް ފިނޭންސް މިނިސްޓްރީއިން މަޖިލީހަށް ހުށަހެޅި ލިމިޓު 2.5 ބިލިއަން ރުފިޔާއަށް ކުޑަކޮށް އޯވަޑްރޯ (އޯޑީ) ފެސިލިޓީގެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލަން މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފި އެވެ.
އޯޑީ ފެސިލީޓީގެ މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީން ވަނީ ދެ ފަރާތުގެ ހިޔާލުތައް ހިއްސާކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީއިން ހުށަހަޅާފައި ވަނީ އަންނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށެގެން 2023 ވަނަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހާ ހަމައަށް އޯވާ ޑްރޯ ކުރެވޭ އަދަދު 3.5 ބިލިންއަން ރުފިޔާ ކަމުގައި ކަނޑައަޅައިދިނުމަށެވެ. އަދި އަންނަ އަހަރުގެ ޖެނުވަރީ އެއް ވަނަ ދުވަހުން ފެށެގެން އޯވާޑްރޯވެފައިވާ ފައިސާއިން ކޮންމެ އަހަރަކަށް 0.1 ޕަސެންޓްގެ އިންޓްރެސްޓެއް ޗާޖުކުރުމަށެވެ. މީގެ އިތުރުން މި އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯވެފައި ހުންނަ މިންވަރު ސެކިއުރަޓައިޒްކޮށް އެމްއެމްއޭ އިން ސަރުކާރަށް ދޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުމެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި މި އަހަރު ވަނީ އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމަ އަށް އިތުރުކޮށްފަ އެވެ. އަދި އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީއިން މަޖިލީހަށް ހުށަހެޅި އެވެ. އެ މައްސަލަ ބަލައިގަތުމަށް ދެން ފޮނުވީ މާލިއްޔަތު ކޮމެޓީއަށެވެ.
ކޮމެޓީއިން އެމްއެމްއޭ އަދި ފިނޭންސް މިނިސްޓްރީއާ އެކު މިއަދު މަޝްވަރާކުރުމަށްފަހު މައްސަލަ ފާސްކޮށްފައި ވަނީ ބަދަލުތަކަކާ އެކީ އެވެ.
ކޮމެޓީން ފާސްކުރި ކަންކަން
- 2022 ވަނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށެގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހާ ހަމައަށް ޕަބްލިކް ބޭންކުން އޯވަޑްރޯ ކުރެވޭނެ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުން
- މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯ ވެފައި ހުންނަ މިންވަރު ސެކިއުރަޓައިޒްކޮށް އެމްއެމްއޭ އިން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުން އަދި ބޮންޑުގެ ކޫޕަނަކީ 2.5 ޕަސެންޓް ކަމުގައި ކަނޑައެޅުން
- އަންނަ އަހަރުން ފެށެގެން ޕަބްލިކް ބޭންކް އެކައުންޓުން ކޮންމެ ދުވަހަކަށް އޯވާޑްރޯ ކުރެވިފައިވާ ބެލެންސުން އަހަރަކަށް 0.1 ޕަސެންޓް ރޭޓުން އެމްއެމްއޭ އިން ޗާޖުކުރާގޮތަށް ހަމަޖެއްސުން