އެމްއެމްއޭ

ފައިސާ ޗާޕުކުރުމާ ދެކޮޅަށް ގަވަރުނަރު ތެދުވަން ސައީދު ގޮވާލައްވައިފި

ފައިސާ ޗާޕުކުުރުމާ ދެކޮޅަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ތެދުވެ ވަޑައިގަތުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.

ދަައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ކަމަށް ބުނެ ފައިސާ ޗާޕުކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައިސާ ޗާޕުކުުރުމުގެ މައްސަލައަކީ ބޮޑު ނުރައްކަލެއް ކަމަށެވެ.

ނިމިގެން ދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ފައިސާ ޗާޕުކުރުން ސިފަކުރެއްވީ އެއްވެސް ޒިންމާދަރުކަމެއް ނެތި ހިތުހުރި ގޮތަކަށް ކުރާ ކަމެއްގެ ގޮތުގަ އެވެ. އަދި އެކަމާ ދެކޮޅަށް ތެދުވަން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއަށް ގޮވާލެއްވި އެވެ.

"އެއްވެސް އެކައުންޓަބިލިޓީއެއް ނެތި މަޖިލިސް މެޖޯރިޓީ އޮތީމަ ގާނޫނު ލޮކް އެޅުވުމަށް ފަހު މޮޑޭ ފުށްގަނޑެއް ހެން ހުތު ހުރި ވަރަކަށް ޗާޕު ކޮށް ލޯނު ނަގާ އިރު ހައްގު ބަސް ބުނުމަށް އެމްއެމްއޭ ގަވަރުނަރު އަށް ގޮވާލަން" ސައީދު ވިދާޅުވި އެވެ.

ފައިސާ ޗާޕުކުރުމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން އެދުމުން އަލީ ހާޝިމް އެކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވައިފަ އެވެ. ނަމަވެސް އެންމެ ފަހުން ފައިސާ ޗާުޕުކުރަން ހުށަހެޅުމުން ސަރުކާރުގެ ހުށަހެޅުމަށް ވަނީ ދޫދެއްވައިފަ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި މި އަހަރު ވަނީ އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމަ އަށް އިތުރުކޮށްފަ އެވެ. އަދި އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީއިން މަޖިލީހަށް ހުށަހެޅި އެވެ. އަދި އެ މައްސަލަ ދިރާސީކުރި މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފިނޭންސް މިނިސްޓްރީއާ އެކު މިއަދު މަޝްވަރާކުރުމަށްފަހު ބަދަލުތަކާ އެކު އޯވާ ޑްރޯގެ މުައްދަތު އިތުރުކޮށްދޭން ފާސްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމާމީ މަޖިލީހުގެ ތަޅުމުން ނެެވެ. ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ކޮމިޓީގެ ނިންމުން ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ކޮމެޓީން ފާސްކުރި ކަންކަން

  • 2022 ވަނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށެގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހާ ހަމައަށް ޕަބްލިކް ބޭންކުން އޯވަޑްރޯ ކުރެވޭނެ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުން
  • މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯ ވެފައި ހުންނަ މިންވަރު ސެކިއުރަޓައިޒްކޮށް އެމްއެމްއޭ އިން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުން އަދި ބޮންޑުގެ ކޫޕަނަކީ 2.5 ޕަސެންޓް ކަމުގައި ކަނޑައެޅުން
  • އަންނަ އަހަރުން ފެށެގެން ޕަބްލިކް ބޭންކް އެކައުންޓުން ކޮންމެ ދުވަހަކަށް އޯވާޑްރޯ ކުރެވިފައިވާ ބެލެންސުން އަހަރަކަށް 0.1 ޕަސެންޓް ރޭޓުން އެމްއެމްއޭ އިން ޗާޖުކުރާގޮތަށް ހަމަޖެއްސުން