އިދިކޮޅު ފަރާތްތައް

ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދުމުން އިދކޮޅުގެ ފާޑުކިޔުން

ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް އޯވަޑްރޯ (އޯޑީ) ފެސިލިޓީ، ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުުރު ކުރަން ހުށަހެޅި މައްސަލާގައި އިދިކޮޅުގެ މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ކިޔައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ފައިސާ ޗާޕްކުރުމުގެ މުއްދަތު ތިންވަނަ ފަހަަރަށް އިތުރުކޮށް 2023 އޭޕްރީލް މަހާ ހަަމައަށް ދަމާލަން އެދިވަޑައިގެންފަ އެވެ.

އެ މައްސަލައަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އޯވާ ޑްރޯގެ މުއްދަތު އިތުުރު ކުރުމަކީ އެއް ގޮތަަކަށް ވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަަމަށެވެ. ކޮވިޑަށް ފަހު ފަތުރުވެރިކަން ވެސް އަލުން ފެށި އިގްތިސޯދު ވެސް ހަމައަކަށް އެޅެމުންދާ އިރު މިކަން ކުރަން ޖެހޭ ސަބަބެއް ވެސް ނޭނގޭ ކަމަށެވެ. އޯވާ ޑްރޯގެ މުއްދަތު އިތުރުކޮށްފި ނަމަ ރާއްޖޭގެ އިގްތިސޯދަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތައްވެ ދިވެހި ފައިސާގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑު ވެދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ދެން ވިދާޅުވީ އެ ނޫން ހައްލެއް ހޯދަން އެދި ވަޑައިގަންނަވާ ކަމަށެވެ.

"ބަޖެޓް މެނޭޖްކުރަން ދަތިވާ ކަމަށް ވަނާމަ އެންމެ ފުރަތަމަ ކަމަކީ ސިޔާސީ މީހުން މަދު ކުރަންވީ. ދެން ދައުލަތުގެ ރިކަންރަންޓް ހަރަދު ކުޑަކުރަންވީ. އެއާ އެކީގައި މެންބަރުންނާ ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަ ކުރަން ޖެހޭނީ" އާދަމް ޝަރީފް ވިދާޅުވި އެވެ

ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކުރުމާ ބެހޭ ގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕުކޮށް ކުރާ ކަަމަކީ ބަދަލެ ދޭން ޖެހޭ ފަރާތްތަކަށް އެ ފައިސާ އިން ބަދަލު ދީ ސިޔާސީ މީހުންނަށް ހަރަދު ކުރުން ކަމަށެވެ. އޭގެ ބަދަލުގައި ފައިސާ ޗާޕުކޮށް ރައްޔިތުންނަށް ބެހުން ވެސް މާ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔަގީނުންވެސް ރައްޔިތުން މުއްސަނދިވާނެ. ނަަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މި ފައިސާ ނަގާފައި މި ދެންނެވި ސަބަބުތަކަށް ޓަކައި މި ފައިސާ ޗާޕުކޮށް ބޭނުން ކުރަން. އަޅުގަނޑަކަށް ނުފެނޭ މިހާރަކު ރައީސުލްޖުމްހޫރިއްޔާއަކު ރާއްޖޭގައި ހުންނަން ޖެހޭ ސަބަބެއް. އަޅުގަނޑަކަށް މިހާރު ނުވިސްނޭ ފިނޭންސް މިނިސްޓަރެއް ހުންނަން ޖެހޭ ސަބަބެއް،"