މިހާރު ވެސް ރާއްޖެ އޮތީ ބަނގުރޫޓުވެފައި ކަމަށް އިދިކޮޅުގައި ހިމެނި ވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެެ.
ޝިޔާމް މިހެން ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ފައިސާ ޗާޕް ކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭ ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އެގޮތުން ފައިސާ ޗާޕް ނުކޮށް އޮތީ ގައުމު ބަނގުރޫޓުވުން ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެފައި ވާތީ އެ ވާހަކަތަަކަށް ޝިޔާމް މިއަދު ރައްދުދެއްވި އެވެ.
ޝިޔާމް ވިދާޅުވީ ފައިސާ ޗާޕްކުރަން މަސައްކަތް ކުރަމުން ދަނީ ރައްޔިތުން "ގަން ޕޮއިންޓެއް" ގައި ބައިތިއްބައިގެން ކަމަށެވެ. އެެހެން ކަމުން ރައްޔިތުން ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އަޒުލު ކުރަން އޭނާ މިއަދު ގޮވާލެއްވި އެވެ. އަދިބ ވިދާޅުވީ ދައުލަތުގެ ދަރަނި 100 ބިލިއަނުން މިހާރު ކަޑައްތުކޮށްފައިވާ ކަމަށެވެ.
"އުފެއްދުން ތެރިކަމުގެ ނިސްބަތުން މިއީ ބަނގުރޫޓުވެފައި އޮތް ގައުމެއްގެ ގޮތުގައި މި ގައުމު ފެންނަނީ. އައިއެމްއެފް ވޯލްޑް ބޭންކްގެ އިރުޝާދުތަކަށް ބޯލަނބަނީކީ ނޫން. ބޭނުންހާ ގޮތެއް އަދި ހިތު ހުރިހާ ގޮތެއް ހަދަނީ. ބައްލަވާ އާސަންދައިން މިފަހަރު ރައްޔިތުންނަށް އެއްޗެއް ދޭންވީމަ އެއޮތީ ކަނޑާލާފަ. 1043 ސިޔާސީ މަގާމު އެބަ އުފައްދާ 2022 ވަނަ އަހަރު،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ފައިސާ ޗާޕްކޮށްގެން ވެސް ދައުލަތުން ކުރާހާ ކަމަކީ ރިކަަރަންޓަށް ހަރަދު ކުރުން ކަމަށެވެ. އާމްދަނީ އިތުރުކޮށް އަތްލެވޭ ތަރައްގީއަކަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި މި އަހަރު ވަނީ އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމަ އަށް އިތުރުކޮށްފަ އެވެ. އަދި އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީއިން މަޖިލީހަށް ހުށަހެޅި އެވެ.
އަދި އެ މައްސަލަ ދިރާސީކުރި މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރުމަށް ފަހު ބަދަލުތަކާއެކު އޯވާ ޑްރޯގެ މުައްދަތު އިތުރުކޮށްދޭން މިހާރު ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީން ނިންމީ އަންނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށެގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހާ ހަމައަށް ޕަބްލިކް ބޭންކުން އޯވަޑްރޯ ކުރެވޭނެ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުމަ ށެވެ.