ފައިސާ ޗާޕް ކުރަން ޖެހުނު ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒިންމާދާރުކަން ކުޑަ ގޮތަކަށް އެކަން ނުކުރާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ނާޒިމު މިހެން ވިދާޅުވެފައި މިވަނީ މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން 14 ބިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމަށް ނިންމާފައިވާތީ އިދިކޮޅު އެމްޑީޕިން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.
އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރާ ގޮތުގައި އެމްއެމްއޭ އިން ބިން ގަންނަނީ ފައިސާ ޗާޕް ކޮށްގެން ސަރުކާރަށް ފައިސާތަކެއް ދިނުމުގެ ބޭނުމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގައި 8 ބިލިއަނެއްހާ ރުފިޔާ ޗާޕްކޮށްގެން ނެރުނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ނަމަވެސް މިސަރުކާރުގައި ފައިސާ ޗާޕް ކުރަންޖެހުނު ނަމަވެސް އެކަން ޒިންމާދާރުކަން ކުޑަ ގޮތަކަށް ނުކުރާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 9.3 ބިލިއަން ރުފިޔާއަށް ކުޑަކުރުން ކަމަށްވާތީ އެކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ފައިސާ ޗާޕް ކުރަންޖެހޭނަމަ އެކަން ކުރަންޖެހެނީ
ދަރަނި ދެއްކުމުގެ ސަބަބުން، ދައުރުވާ ފައިސާއިން ރުފިޔާ މަދުވާތީ ކަމަށެވެ.
"އަޅުގަނޑު 100 ޕަސެންޓް، ވަރަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭ އެނގޭތޯ އެ ވިދާޅުވާ ގޮތަށް 14 ބިލިއަން، 20 ބިލިއަނުން ކިޔާފައި، ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން އުފައްދަން ދައްކާ ވާހަކަ އެއީ. މި ސަރުކާރުން އެހާ ޒިންމާދާރުކަން ކުޑަކޮށް އެކަމެއް ނުކުރާނެ. ޔަގީން ނުކުރާނެ،" ނާޒިމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރަނި ދެއްކުމުގައިވެސް މިސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ހަ ޕަސެންޓްގެ އިންޓަރެސްޓާ އެކު ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނެއް ދައްކާފައިވާ ކަމަށާއި އެ އަދަދަށް ލޯނަށް ފައިސާ ދެއްކުމުން އިގުތިސާދަށް ފައިސާ ނުނެރެ ކަންކަން މެނޭޖުކުރަން ދަތިތަކެއް ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ފިސްކަލް ސްޕޭސް އޮތް ވަރަށް ސަރުކާރުން ފައިސާ ނެރޭނީ،" ނާޒިމު ވިދާޅުވި އެވެ.