ރައްޔިތުންގެ މަޖިލިސް

އިޒުރޭލު ޕާސްޕޯޓް މަނާކުރުން ލަސްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އަހްމަދު ނާޒިމު
0%
0%
0%

އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަވަހަށް ފާސްކުރުމަށް ބާރު އަޅަން ސަރުކާރަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމު ވިދާޅުވީ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އަދި ސަރުކާރުން އެކަމަށް އަޅާފައިވާ ނުވަަތަ އަޅާފައި ނުވާ ފިޔަވަޅަކާ މެދު ފާޑުކިޔުމަށް ހުށަހަޅާ މައްސަލައަކަށް ވާންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިއަދު ހުުށަހެޅި ކުއްލި މައްސަލައިގައި އެފަދަ ހާލަތެއް ނެތުމުން މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ލަސްވާތީ އެމްޑީޕީން މީގެކުރިން މަޖިލީހަށް ހުށަހެޅި ގަރާރެއްވެސް ވެރިކަން ކުރާ ޕީއެންސީގެ ސާފު މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީވެސް އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމު އެވެ.

މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ އިޒްރޭލްގެ ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް މީހަކު އަތުގައި އޮތް ނަމަވެސް އިޒްރޭލް ޕާސްޕޯޓެއް އޮތް އެއްވެސް މީހަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނުމަށް ކަނޑައެޅުމަށެވެ.

އެ ބިލް ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910