އަހުމަދު ނާޒިމް

"ޖަރީމާ ހިންގާ އިޒުރޭލުގެ މީހުންނަށް އަމާޒުކޮށްގެން ފިޔަވަޅު އެޅިދާނެ"

އިޒުރޭލުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާތީ އެފަދަ ޖަރީމާތައް ހިންގުމުގައި ބައިވެރިވާ އެންމެން ރާއްޖެ އައުން މަނާކުރަން ފިޔަވަޅު އެޅިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި އިސްލާހު ދިރާސާކުރަމުންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މިއަދުގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުންނެވެ.

ނާޒިމުގެ ވާހަކަފުޅުގައި ބޮޑަށް ބާރުއެޅުއްވީ އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އަންނަ އެންމެންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ވަކިވަކި މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތް ހެދުމަށެވެ.

ނާޒިމު ވިދާޅުވީ އިޒުރޭލް ޕާސްޕޯޓް "ބޭން" ކުރުމަކީ ބުރައެއް ނޫން ކަމަށާއި ނަމަވެސް އެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ނާޒިމު ވިދާޅުވީ އިޒުރޭލު ޕާސްޕޯޓް ގެންގުޅެނީ ހަމައެކަނި އިޒުރޭލުގައި އުޅޭ ބަޔަކު ކަމަށް ނުވާތީ އެ ޕާސްޕޯޓް ގެންގުޅޭ މީހުންގެ ކޮންމެވެސް ވަރެއްގެ އަދަދުތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި އިޒުރޭލުގެ ޕާސްޕޯޓް ރާއްޖެ އަންނަ އެންމެންނަކީ ފަތުރުވެރިންތޯ ނުވަތަ އެހެން ބޭނުމެއްގައި އަންނަ ބައެއްތޯވެސް ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އިޒުރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުންގެ ތެރޭގައި އެމެރިކާ، އާޖެންޓީ އަދި އަރަބި ބައެއް ގައުމުތަކުގެ ރައްޔިތުންވެސް ހިމެނޭތީ އިޒުރޭލު ޕާސްޕޯޓުގައި އަންނަ ކޮންމެ މީހަކު ރާއްޖެއަށް ވަނުން މަނާކުރުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމުގައިވެސް ނާޒިމު ވިދާޅުވި އެވެ.

މިސާލަކަށް ދަންނަވާނަމަ އާޖެންޓީނާ އަކީ ވަރަށް ގިނަ އިޒްރޭލް މީހުން ތިބޭ ގައުމެއް. ވަރަށް ގިނަ ޔަހޫދީން ހިޖުރަ ކުރި ގައުމެއް. އެ މީހުން އާޖެންޓީނާ ޕާސްޕޯޓަށް ވުރެ ގިނައިން އިޒްރޭލް ޕާސްޕޯޓު ބޭނުން ކުރޭ،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ލާއިންސާނީ ޖަރީމާ ހިންގާ މީހުންނާއި މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުންނަށް އދ އިން ވެސް ފިޔަވަޅު އަޅަނީ އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަމާޒުކޮށްގެން ކަމަށެވެ. އެހެންކަމުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާ އެ ގައުމުގެ ވެރިންނާއި އަސްކަރިއްޔާގެ މީހުންނަށް ފިޔަވަޅު އެޅިދާނެ ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ. އެހެންކަމުން މިމައްސަލައިގައި ފިޔަވަޅެއް އެޅުމުގެ ކުރިން ރަނގަޅު މައުލޫމާތު ހޯދައި އަދި މައްސަލަ ރަނގަޅަށް ދިރާސާކުރުމަށް ނާޒިމު އެދިވަޑައިގެންނެވި އެވެ.

ކޮމިޓީގެ މިބައްދަލުވުމުގައި ވަނީ މިމައްސަލައިގައި ސިޔާސީ ޕާޓީތަކާއި ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކުރުމަށް ނިންމާފަ އެވެ.