ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް އޯވަޑްރޯ (އޯޑީ) ފެސިލިޓީގެ މުއްދަތު އިތުރު އެއް އަހަރަށް ދަމާލަން ރުހުން ހޯދަން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ އެ މުއްދަތު ތިންވަނަ ފަހަަރަށް އިތުރުކޮށް 2023 އޭޕްރީލް މަހާ ހަަމައަށް ދަމާލާށެވެ.
އެކަމާ ގުޅޭ ބަހުސްތައް މިއަދު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަަލަ އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ 50 މެމްބަރުންގެ ވޯޓާއެކު އެވެ.
އެ މައްސަލަ އިތުރަށް ދެން ދިރާސާ ކުރާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނެވެ.
އޮވާ ޑްރޯގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން އެކަމަށް ތާއިދު ކުރެއްވި ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވިދާޅުވީ މިއީ އެއް ގޮތަކަަށް ވެސް ކުރަަންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި މި އަހަރު ވަނީ އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމަ އަށް އިތުރުކޮށްފަ އެވެ. އަދި އެ މުއްދަތު ދެން އިތުރުކުރަން ހުށަހަޅާފައި ވަނީ 2023 ގެ އޭޕްރީލުގެ ނިޔަލަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އާމްދަނީއަށް އަސަރު ކުރުމާއެކު ދައުލަތް ހިންގަން ފައިސާ ބޭނުންވާތީ އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ އޯޑީ ފެސިލިޓީއެއް ނަގާފައިވީނަމަވެސް މިހާތަނަށް މި ފެސިލިޓީ އިން ނަގާފައިވަނީ 3.5 ބިލިއަން ރުފިޔާ އެވެ.