ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް އޯވަޑްރޯ (އޯޑީ) ފެސިލިޓީގެ މުއްދަތު ދޮޅު އަހަރަށް ދަންމާލަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.
އޯވާ ޑްރޯގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން ހުށަހެޅީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ މުއްދަތު އިތުރުކޮށްދޭ ށެވެ.
އަދި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ބައެއް އިސްލާހުތައް ގެނައުމަށް ފަހު އޯޑީ އިތުރުކޮށްދޭން ފާސްކޮށްފަ އެވެ. އެގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ 42 މެމްބަރުންގެ ވޯޓާ އެކު އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި މި އަހަރު ވަނީ އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމަ އަށް އިތުރުކޮށްފަ އެވެ. އަދި އެ މުއްދަތު ދެން އިތުރުކުރަން ހުށަހަޅާފައި ވަނީ 2023 ގެ އޭޕްރީލުގެ ނިޔަލަށެވެ.
ނަމަވެސް މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރުމަށް ފަހު ނިންމީ އޯވާ ޑްރޯގެ މުއްދަތު އަންނަ އަހަރުގެ ޖެނުވަރީ އިން ފެށިގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 އަށް އިތުރުކޮށް ޕަބްލިކް ބޭންކުން އޯވަޑްރޯ ކުރެވޭނެ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުމަ ށެވެ.
މަޖިލީހުން މިއަދު ގެނައި ބައެއް އިސްލާހުތައް
- މި އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯ ވެފައި ހުންނަ މިންވަރަށް ގޮތްތަކެއް ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއިން މަޝްވަރާކޮށްގެން ދެންނެވުމަށް. މިގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަަހަގެ 31 ވަނަ ދުވަހުގެ ނިޔަަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯ ކުރެވިފައި ހުންނަ މިންވަރުގެ ތެރެއިން 2.5 ބިލިއަން ރުފިޔާ ސެކިއުރަޓައިޒްކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ އޮޓޮމަޓައިޒްޑް ބޮންޑަކަށް ބަދަލުކޮށްދިނުމަށާއި އަދި މި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކު 2.5 ޕަސެންޓް ކަމުގައި ކަނޑައެޅުމަށް ލަފާއެރުވުމަށް
- އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓް ކޮންމެ ދުވަހަކު އޯވާ ޑްރޯ ކުރެވިފައިވާ ބެލެންސްއިން އަހަރަކަށް 0.1 ޕަސެންޓުގެ ރޭޓުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންޓްރެސްޓް ޗާޖުކުރުމަށް ލަފާ އެރުވުމަށް.