ފިނޭންސް މިނިސްޓްރީ

ޑަބަލްކޮށް ޓެކްސް ނުނަގަން ރާއްޖެއާއި މެލޭޝިއާ އެއްބަސްވެއްޖެ

އެެއް މުއާމަލާތަކުން ދެ ފަހަރު ޓެކްސް ނެގުން މަނާކުރާ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރުން ސޮއިކޮށްފި އެވެ.

މެލޭޝިއާގައި އޮތް ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑެޕިއުޓީ މިނިސްޓާ އޮފް ފިނޭންސް އަހްމަދު މަސްލާން އެވެ.

މިއެއްބަސްވުމާ ގުޅިގެން ވިތު ހޯލްޑިން ޓެކްސް ރޭޓުތައް ކުޑަވުމާއި އާމްދަނީން ޓެކްސް ދައްކާއިރު ކޮންމެވެސް އެއް ގައުމަކަށް ޓެކްސް ދެއްކުމުން ފުދޭނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއެއްބަސްވުމާ ގުޅިގެން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެ ވިޔަފާރި މުއާމަލާތްތަކުގައި ދައްކަންޖެހޭ ބައެއް ފީތަކުގެ އަގުވެސް ހެޔޮވާނެ ކަމަށެވެ.

ރާއްޖެއާއި މެލޭޝިއާއާ ދެމެދު 1968 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރި ފަހުން މެލޭޝިއާ އަކީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ.

ދިވެހި ސަރުކާރުން މީގެކުރިން އިތުރު ދެ ގައުމަކާ އެކު ވެސް ވަނީ ޑަބަލް ޓެކްސް ނެގުން މަނާކުރާ އެއްބަސްވުމެއް ހަދާފަ އެވެ.