ފިނޭންސް މިނިސްޓްރީ

ގައުމީ ލެބޯޓްރީ ގާއިމުކުރަން 18 މިލިއަން ޔޫރޯގެ ލޯނެއް

Jun 22, 2022
2

ޒަމަނީ ވަސީލަތްތަކާ އެކު ގައުމީ ހެލްތު ލެބޯޓްރީއެއް ގާއިމުކޮށް އަތޮޅު ތެރޭގައި އިންފެކްޝަން ޑިޒީޒް ވޯޑްތަކެއް ގާއިމުކުރުމަށް 18.4 މިލިއަން ޔޫރޯ -- 294 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި އެވެ.

ލޯން ނަގާފައިވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިންނެވެ.

މިއީ މިދިޔަ އަހަރު އީއައިބީ އިން ތައާރަފްކުރި "ސައުތު އޭޝިއާ ޕަބްލިކް ހެލްތު ކެއާ ކޮވިޑް 19 ޕްރޮގްރާމު ލޯން"ގެ ދަށުން ރާއްޖެއަށް ދޫކުރި ލޯނެކެވެ.

ލޯން އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. އީއައިބީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އީއައިބީގެ ގްލޯބަލް ޕާޓްނާޒް ޑައިރެކްޓާ މާރިއާ ޝޯ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ލޯން ދައްކާ ހަލާސްކުރަންޖެހެނީ ދިގު މުއްދަތަކަށް ބަހާލައިގެން ކަމަށެވެ. ލޯން ދައްކާ ނިންމަންޖެހޭ މުއްދަތެއް އަދި އިންޓަރެސްޓްގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

މިލޯން ބޭނުންކުރެވޭނީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާ އެކު ގައުމީ ހެލްތު ލެބޯޓްރީއެއް ގާއިމުކޮށް، އަތޮޅު ތެރޭގައި އިންފެކްޝަން ޑިޒީޒް ވޯޑްތަކެއް ގާއިމުކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މިގޮތުން 18 ރަށެއްގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މިމަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު އިތުރަށް ޒަމާނީކޮށް ލާމަރުކަޒީ ކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށްވެސް ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ވަނީ އެއް ބިލިއަން ރުފިޔާގެ ލޯނެއް ނަގާފަ އެވެ.